ވިޔަފާރި
ސްމާޓް މީޓަރ: ކަރަންޓު ސަލާމަތްކުރުމަށް ސްޓެލްކޯގެ ކާމިޔާބީގައި މުހިންމު ދައުރެއް

ސްޓެލްކޯގެ މުވައްޒަފުން ސްމާޓް މީޓަރ ހަރުކުރުމުގެ މަސައްކަތުގެ ތެރެއިން
ސްޓޭޓް އިލެކްޓްރިކް ކޮމްޮޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި އެންމެ ގިނަ ފައިދާ ލިބުނު އަހަރުގެ ގޮތުގައި 2024 ވަނަ އަހަރު ވަނީ ފާހަގަކޮށްފައެވެ. 2023 ވަނަ އަހަރު 11.14 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާއިރު، 2024 ވަނަ އަހަރު ނިމުނުއިރު 8.94 މިލިއަން ޑޮލަރު (138 މިލިއަން ރުފިޔާ) ގެ ސާފު ފައިދާ ވަނީ ލިބިފައެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވި ގޮތުގައި މި ކާމިޔާބީ ހޯދިފައިވަނީ ހަރުދަނާ ލީޑަރޝިޕާއި، ހަރުދަނާ ހިންގުމާއި، އިސްރާފު ކުޑަކުރުމާއި އަދި ކުންފުނީގެ ހުރިހާ ފަންތިއެއްގައި މަސައްކަތުގެ ފެންވަރު މަތިކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ. ފަހުމީ ފާހަގކުރެއްވި ގޮތުގައި މިއީ ރަނގަޅަށް ރޭވިގެން، ވަސީލަތްތައް ރަނގަޅަށް ބޭނުންކޮށްގެން، އަދި ބަދަލު ގެނައުމަށް މަސައްކަތްކުރި ޓީމެއްގެ މަސައްކަތުގެ ނަތީޖާއެވެ.
ސްޓެލްކޯގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކޮށްފައިވަނީ ހުޅުމާލެ ފޭސް 2 އިން ފެށިގެން މުޅި ރާއްޖެއަށް ތަޢާރަފުކުރެވުނު ސްމާޓް މީޓަރ ތަކެވެ. މި މީޓަރުތަކުން ކަސްޓަމަރުންނަށް ކަރަންޓު ބޭނުންކުރާ މިންވަރު ވަގުތުން ބެލޭނެއެވެ. މީގެ އިތުރުން ސްޓެލްކޯއިން ވަނީ ވަގުތަށް ބަލައިގެން ކަރަންޓު އަގު ކަނޑައެޅުމުގެ ނިޒާމެއް ތަޢާރަފުކުރަން ފަށާފައެވެ. މި ނިޒާމުގެ ސަބަބުން ކަރަންޓު އެންމެ ގިނައިން ބޭނުންކުރާ ވަގުތުތަކުގައި ކަރަންޓު ސަލާމަތްކުރުމަށް މަގުފަހިވެގެންދާނެއެވެ.
ސްޓެލްކޯއިން އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ މަސައްކަތްވެސް އަވަސްކުރަކުރަމުންދެއެވެ. ރަކީދޫ ފަދަ ރަށްރަށުގައި ސޯލާ ޕީވީ އާއި ބެޓެރީ ސިސްޓަމް ބޭނުންކޮށްގެން ދުވާލަކު 2 ގަޑިއިރަށް ޑީސަލް ބޭނުންކުރާ މިންވަރު ދަށްކުރެވިފައިވެއެވެ. މި ޕައިލެޓް ޕްރޮޖެކްޓްތަކަކީ މުޅި ރާއްޖެ ސާފު އަދި ދެމެހެއްޓެނިވި ހަކަތައަށް ބަދަލުކުރުމަށް އަޅާ ފިޔަވަޅުތަކެކެވެ.
ކުރިއަށް އޮތްތަނުގައި ސްޓެލްކޯއިން ވަނީ ޗައިނާގެ ޓީބީއީއޭ ގްރޫޕާއެކު ބޮޑު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ގްރޭޓަރ މާލޭ ސަރަހައްދުގައި ޑުއަލް-ފިއުލް ޕަވަރ ޕްލާންޓެއް އަދި ވަރުގަދަ ޓްރާންސްމިޝަން ލައިނެއް ޤާއިމުކުރެވޭނެއެވެ. މި މަޝްރޫޢުގެ ސަބަބުން ހަރުދަނާ ކުރެވެނީ ހަމައެކަނި ކަރަންޓެއް ނޫނެވެ.މާލޭ ސަރަހައްދުގެ އަވަސް ތަރައްޤީއަށްވެސް މަގުފަހިވެގެންދާނެއެވެ.
ސްޓެލްކޯގެ މާލީ ކުރިއެރުމާއި، ޒަމާނީކުރުމާއި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދިއުމަށް ބާރުއަޅާ ސިޔާސަތުތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ ވިޔަފާރީގެ މައިދާނުގައި ސްޓެލްކޯއަކީ ފާހަގަކޮށްލެވޭ ކުންފުންޏަކަށް ވެފައިވެއެވެ. ސްޓެލްކޯގެ މި ބަދަލަކީ އިޤްތިޞާދީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ދައުލަތުގެ ކުންފުނިތަކަށް ނަމޫނާއެކެވެ. އަދި މިއީ ވިސްނުންތެރި ވިސްނުމާއި އިޞްލާޙުތަކާއެކު، ދައުލަތުގެ ޔުޓިލިޓީ ކުންފުނިތަކަށްވެސް އައު ގޮތްތައް ހޯދުމާއި ފައިދާ ހޯދުމުގައި ކުރިއަށް ދެވިދާނެކަމުގެ ހެއްކެކެވެ.