ދުނިޔެ
އެމެރިކާއިން މެދުއިރުމަތީ ސަރަހައްދަށް އިތުރު ސިފައިންނާއި ހަތިޔާރު ފޮނުވަން ފަށައިފި

އެމެރިކާއިން މި ސަރަހައްދަށް ފޮނުވަމުންދާ ހަތިޔާރުތަކުގެ ތެރޭގައި އެފް-16، އެފް-22 ރެޕްޓަރ ހިމެނޭ
މެދުއިރުމަތީގައި އިސްރާއީލާއި އީރާނުގެ މެދުގައި ހިނގަމުންދާ ހަނގުރާމައިގެ ހޫނުމިން އިތުރުވަމުން ދިޔުމާ ގުޅިގެން، އެމެރިކާއިން އެ ސަރަހައްދަށް އިތުރު ސިފައިންނާއި ހަތިޔާރު ފޮނުވަން ފަށައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ތިން އިސް އޮފިޝަލުންނެވެ.
އެމެރިކާއިން މި ސަރަހައްދަށް ފޮނުވަމުންދާ ހަތިޔާރުތަކުގެ ތެރޭގައި އެފް-16، އެފް-22 ރެޕްޓަރ އަދި ސްޓެލްތް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ އެފް-35 ފަދަ އެޑްވާންސްޑް ހަނގުރާމަވެރި މަތިންދާބޯޓުތައް ހިމެނެއެވެ. އޮފިޝަލުންގެ ތެރެއިން ދެ ބޭފުޅަކު ވިދާޅުވި ގޮތުގައި މި ހަތިޔާރުތައް ފޮނުވަނީ ދިފާއީ މަޤްޞަދުގައެވެ. އެއީ މައިގަނޑު ގޮތެއްގައި އެމެރިކާގެ މުވައްޒަފުންނާއި މުދާ، ޑްްރޯން އަދި މިސައިލް ފަދަ ވައިގެ ހަމަލާތަކުން ރައްކާތެރިކުރުމަށެވެ.
ޕެންޓަގަނުން މިހާތަނަށް މި ކަމާ ގުޅޭ ގޮތުން ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.
މި ހަފްތާގެ ކުރީކޮޅު ރޮއިޓަރސްއިން ރިޕޯޓުކުރި ގޮތުގައި އެމެރިކާއިން ވަނީ ގިނަ އަދަދެއްގެ ތެޔޮ އަޅާ މަތިންދާބޯޓުތައް ޔޫރަޕަށް ބަދަލުކޮށްފައެވެ. އަދި އެމެރިކާގެ ކަނޑުގެ ސިފައިންގެ އެއަރކްރާފްޓް ކެރިއަރއެއް މެދުއިރުމަތީގެ ސަރަހައްދަށް ބަދަލުކޮށްފައެވެ. މި ފިޔަވަޅުތައް އަޅަނީ މި ސަރަހައްދުގައި ހަނގުރާމައިގެ ޙާލަތު އިތުރަށް ގޯސްވެއްޖެނަމަ އެމެރިކާއަށް އިތުރު ބާރު ލިބޭނެ ގޮތް ހެދުމަށެވެ.
އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތް ވިދާޅުވި ގޮތުގައި މި ފިޔަވަޅުތަކަކީ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކެކެވެ. އަދި މިއީ ދިފާއީ މަޤްޞަދުގައި އަޅާ ފިޔަވަޅުތަކެކެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މި ފިޔަވަޅުތަކުގެ މައިގަނޑު މަޤްޞަދަކީ މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިން ރައްކާތެރިކުރުމެވެ. އެއީ އީރާނާއި އެ ޤައުމާ ގުޅުންހުރި މިލިޝިއާ ގްރޫޕްތަކުން އިރާޤު، ސީރިއާ އަދި ލެބަނޮންގައި ހިންގަފާނެ ހަމަލާތަކުން ރައްކާތެރިވުމަށެވެ.
މިހާރު އެމެރިކާއިން މެދުއިރުމަތީގައި ގާތްގަނޑަކަށް 40،000 ސިފައިން ބަހައްޓާފައިވެއެވެ. މީގެ ތެރޭގައި މިސައިލް ދިފާއީ ނިޒާމުތަކާއި، ހަނގުރާމަވެރި މަތިންދާބޯޓުތަކާއި، ކަނޑުގެ އުޅަނދުތައް ހިމެނެއެވެ. މި ހުރިހާ ވަސީލަތްތަކެއްވެސް ބޭނުންކުރަނީ އެ ސަރަހައްދަށް އަންނަ ނުރައްކާތައް ދެނެގަނެ، އެއަށް ރައްދު ދިނުމަށެވެ.
އެމެރިކާއިން މިހާރު މި އަޅަމުންދާ ފިޔަވަޅުތަކަކީ އިސްރާއީލުން ފާއިތުވި ހުކުރު ދުވަހު އީރާނަށް ދިން ވައިގެ ހަމަލާއާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކެކެވެ. އިސްރާއީލުގެ އޮފިޝަލުން ބުނާ ގޮތުގައި މި ހަމަލާ ދިނީ އީރާނުން ނިއުކްލިއަރ ހަތިޔާރެއް އުފެއްދުމާ ކައިރިވެފައިވާކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބުމާ ގުޅިގެންނެވެ. ނަމަވެސް އީރާނުން މިކަން ވަރަށް ހަރުކަށި އިބާރާތުން ދޮގުކޮށްފައިވެއެވެ.
އީރާނުން ބުނާ ގޮތުގައި އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ސުލްހަވެރި މަޤްޞަދުތަކެއްގައި ހިންގާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމް ހިންގަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އީރާނަކީ ނިއުކްލިއަރ ހަތިޔާރު ނުއުފެއްދފެއްދުމުގެ މުއާހަދާގައި ސޮއިކޮށްފައިވާ ޤައުމަކަށްވާތީ، އެ ޤައުމަށް ޔުރޭނިއަމް އުފައްދައި، އެނަރޖީ އާއި މެޑިކަލް ބޭނުންތަކަށް ބޭނުންކުރުމުގެ ޙައްޤު ލިބިގެންވާ ކަމަށް އެ ޤައުމުން ބުނެއެވެ.