ދުނިޔެ
ޣައްޒާގައި އެހީ ލިބިގަތުމަށް އިންތިޒާރުކުރަމުންދިޔަ 51 މީހުން ޝަހީދުކޮށްލައިފި

ޣައްޒާގެ އެހީގެ ލޮރީއެއް
ޣައްޒާގެ ދެކުނުގައި ހިމެނޭ ޚާން ޔޫނިސްގެ އަލް-ތަހްލިޔާ ރައުންޑްއެބައުޓްގައި އެހީ ލިބިގަތުމަށް އިންތިޒާރުކުރަމުންދިޔަ މީހުންގެ ތެރެއިން މަދުވެގެން 51 މީހުން އިސްރާއީލީ ބާރުތަކުން ޝަހީދުކޮށްލައިފިއެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ މީހުން ޒަޚަމުވެފައިވާ ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.
ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނެފައިވަނީ ނާސަރ މެޑިކަލް ކޮމްޕްލެކްސްގެ އިމަޖެންސީ، އިންޓެންސިވް ކެއަރ އަދި އޮޕަރޭޝަން ކޮޓަރިތައް މަރުވެފައިވާ އަދި ޒަޚަމުވެފައިވާ މީހުންގެ ގިނަކަމުން ފުރިފައިވާ ކަމަށެވެ.މި އެންމެ ފަހުގެ އަނިޔާވެރި ހަމަލާ އައިސްފައިވަނީ އެމެރިކާ އާއި އިސްރާއީލުގެ އެހީތެރިކަމާއެކު ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަނުން ހިންގަމުންދާ، އިސްރާއީލީ ސިފައިންގެ ބާރުގަދަ ބެލުމުގެ ދަށުގައިވާ ސަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާ އެހީ ފޯރުކޮށްދޭ ތަންތަނުގެ ތެރެއިން ތަނެއްގައެވެ.
ފާޑުކިޔާ ފަރާތްތަކުން މި ތަންތަނަށް ވަނީ "އިންސާނުން ކަތިލާ ސްލޯޓަރހައުސް" ގެ ނަން ދީފައެވެ.
އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ އިސްވެރިޔާ ވޯލްކަރ ޓަރކް ވަނީ ހޯމަ ދުވަހު ވިދާޅުވެފައި، އިސްރާއީލުން ހަނގުރާމަ ކުރުމަށް ބޭނުންކުރާ ވަސީލަތްތަކާއި ގޮތްތަކުން ޣައްޒާގެ ރައްޔިތުން "ބިރުވެރި، ހިތްދަތި އަނިޔާތަކެއް" ލިބެމުންދާ ކަމަށެވެ.
އިސްރާއީލުގެ ހަމަލާތައް ފެށި ތާ 20 މަސް ފާއިތުވެދިޔައިރު، މަދުވެގެން 55,362 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި ހާހުން ގުނާލެވޭ އަދަދެއްގެ ކުޑަކުދިންނާއި، އަންހެނުންނާއި އަދި އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ.