ދުނިޔެ

އިރާނުން ޓެލް އަވީވުގައި ހުރި މޮސާދުގެ މައި އޮފީހާ ކައިރި ސަރަހައްދަކަށް ހަމަލާ ދީފި

އިރާނުން ޓެލް އަވީވުގައި ހުރި މޮސާދުގެ މައި އޮފީހާ ކައިރި ސަރަހައްދަކަށް ހަމަލާ ދީފި

އިރާނުން ޓެލް އަވީވުގައި ހުރި މޮސާދުގެ މައި އޮފީހާ ކައިރި ސަރަހައްދަކަށް ހަމަލާ ދީފަ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ޖޫން 2025، 02:12

17 ޖޫން 2025، 02:12

އަންގާރަ ދުވަހުގެ ފަތިހު އިރާނުން އިސްރާއީލަށް އަމާޒުކޮށް އަނެއްކާވެސް މިސައިލް ހަމަލާތަކެއް ދީފިއެވެ. މިއީ އިސްރާއީލުގެ "އަނިޔާވެރި އަމަލުތަކާއި ގަވާއިދާ ޚިލާފު ޢަމަލުތަކަށް" ޖަވާބު ދިނުމުގެ ގޮތުން ކަމަށް އިރާނުން ބުނެފައިވެއެވެ.

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި، އިރާނުން ޓެލް އަވީވުގައި ހުރި މޮސާދުގެ މައި އޮފީހާ ކައިރި ސަރަހައްދަކަށް ހަމަލާ ދީފައިވެއެވެ. މި ހަމަލާއާ ގުޅިގެން އެ ސަރަހައްދުން ބޯ ދުންތަކެއް އުފުލިފައިވާކަމަށް ބުނެއެވެ. މިކަމުން ޓެލް އަވީވުގެ ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ހާސްކަން އުފެދިފައިވާ ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

އިރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނެފައިވަނީ ފަލަސްތީނުގެ އޮކިއުޕައިޑް ޓެރިޓަރީތަކަށް އަމާޒުކޮށް ކުރިން ދިން ހަމަލާތަކަށްވުރެ ވަރުގަދަ އަދި ނުރައްކާތެރި ހަމަލާތަކެއް ފަށައިފި ކަމަށެވެ. އަދި މި ހަމަލާތަކުގައި ބޭނުންކުރި ވަސީލަތްތަކާއި ގާބިލުކަމުގެ ސަބަބުން އަމާޒުކުރި ތަންތަނަށް މިސައިލްތައް ވަނީ ވަރަށް ފުރިހަމައަށް އަރާފައި ކަމަށްވެސް އައިއާރްޖީސީ އިން ބުނެފައިވެއެވެ.

އިރާނުގެ މީޑިއާތަކުން ބުނާ ގޮތުގައި މި ހަމަލާތައް އަމާޒުކޮށްފައިވަނީ އިސްރާއީލުގެ މުހިންމު އަދި ސެންސިޓިވް އަސްކަރީ އަދި އިންޓެލިޖެންސް މަރުކަޒުތަކަށެވެ. މީގެ ތެރޭގައި މެދު ސަރަހައްދުގެ ސާހިލީ ސަރަހައްދުތައްވެސް ހިމެނެއެވެ. އިރާނުން ބުނާ ގޮތުގައި މި ހަމަލާތަކަކީ އިރާނުގެ ބިމަށް އިސްރާއީލުން ދިން ހަމަލާތަކަށް ޖަވާބު ދިނުމުގެ ގޮތުން ދިން ހަމަލާތަކެކެވެ. މީގެ ތެރޭގައި ފަހަކަށް އައިސް އިރާނުގެ އިސް ކޮމާންޑަރުންތަކެއް އަވަހާރަކޮށްލުންވެސް ހިމެނެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ފުޓޭޖްތަކުން ދައްކާ ގޮތުގައި އިބްތާން ސަރަހައްދައް މިސައިލެއް ވެއްޓިފައިވެއެވެ. އަދި ހަރްޒްލިއާގައި ޕާކިންގ ސަރަހައްދެއްގައި ހުރި ބަހަކަށް މިސައިލް އަރާ އަލިފާން ރޯވެފައިވާ މަންޒަރުވެސް ފެނިފައިވެއެވެ.
އިރާނުގެ އޮފިޝަލުން ބުނާ ގޮތުގައި މި ހަމަލާތަކުން ދައްކުވައިދެނީ އެ ޤައުމުގެ ހަތިޔާރުތަކުގެ ފުރިހަމަކަމާއި ޓެލް އަވީވަށް ދޭ އިންޒާރެކެވެ. އިރާނުގެ މީޑިއާތަކުން ބުނާ ގޮތުގައި މި ހަމަލާތައް ރޭވިފައިވަނީ އާންމު ރައްޔިތުންނަށް ގެއްލުން ނުވާނެގޮތަށެވެ. އަދި މިއީ އިސްރާއީލަށް ސާފު މެސެޖެއް ދިނުމުގެ ގޮތުން ދިން ހަމަލާތަކެކެވެ. އިރާނުގެ ހަތިޔާރުއެޅި ބާރުތަކުން ބުނެފައިވަނީ އިސްރާއީލުގެ އަނިޔާވެރި އަމަލުތައް ހުއްޓާނުލައިފިނަމަ، އިތުރު " ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި ގިނަ މިސައިލްތަކެއް ވަނީ އިންޓަރސެޕްޓް ކުރެވިފައެވެ. އަދި އެކި ސަރަހައްދުތަކަށް ގެއްލުން ލިބިފައިވާ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް އިމަރޖެންސީ ސަރވިސްތަކުން ބުނާ ގޮތުގައި މި ހަމަލާތަކުގައި އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.

އެހެންނަމަވެސް އިރާނުން މި އޮޕަރޭޝަން ސިފަކޮށްފައިވަނީ "ސްޓްރެޓެޖިކް ކާމިޔާބީއެއް" ގެ ގޮތުގައެވެ. އަދި މި ހަމަލާތަކުން އިސްރާއީލުގެ ސެކިއުރިޓީ އޮޕަރޭޝަންތަކަށް ހުރަސްއެޅި، ޓެހެރާނުން އިތުރަށް ކަންކަން ގޯސްކޮށްފިނަމަ އިތުރު ފިޔަވަޅު އަޅާނެކަމުގެ ނިޝާނެއް ދެވިފައިވާ ކަމަށް އިރާނުން ބުނެފައިވެއެވެ.

މި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ސަރަހައްދުގައި އިތުރަށް ހަމަނުޖެހުން އުފެދި، ދެ ޤައުމުގެ ދެމެދުގައި ހަނގުރާމައިގެ ބިރުވެރިކަން އިތުރުވެފައިވާ ކަމަށް ބައިނަލްއަބައިނަލްއަޤްވާމީ އޮބްޒާވަރުން ފާހަގަކުރެއެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން މި ދެ ޤައުމަށް ގޮވާލާފައިވަނީ ވަގުތުން ހަމަނުޖެހުން ހުއްޓުވައި، ޑިޕްލޮމެޓިކް މަގުން މައްސަލަ ހައްލުކުރުމަށެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS