ދުނިޔެ
އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ސްޕެއިންގެ ބޮޑުވަޒީރު ގޮވާލައިފި

ސްޕެއިންގެ ބޮޑުވަޒީރު ޖޯސޭ މެނުއެލް އަލްބަރެސް
ސްޕެއިންގެ ބޮޑުވަޒީރު ޖޯސޭ މެނުއެލް އަލްބަރެސް ވަނީ އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ގޮވާލައިފައެވެ. މިގޮތަށް އޭނާ ގޮވާލާފައިވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމެންދެނެވެ. އަދި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް އަލުން ފެށުމަށްވެސް އޭނާ ވަނީ ގޮވާލައިފައެވެ.
ބްލޫމްބަރގް ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އަލްބަރެސް ވިދާޅުވީ، ޔޫރަޕިއަން ޔޫނިއަނަކީ އިޒްރޭލުގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާ ކަމަށާއި، އެހެންކަމުން ޔޫރަޕިއަން ޔޫނިއަންގެ ބައިވެރިންނަށް އިޒްރޭލަށް ހަތިޔާރު ވިއްކުން މަނާކުރަން ޖެހޭ ކަމަށެވެ. މިކަން ކުރަން ޖެހޭނީ ޣައްޒާގެ ހަނގުރާމަ ދެމިއޮތްހާ ހިނދަކު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަލްބަރެސް އިތުރަށް ވިދާޅުވީ، 2022 ވަނަ އަހަރު ރަޝިޔާއިން ޔުކްރެއިނަށް ފުޅާ ދާއިރާއެއްގައި ހަމަލާދިން ހިނދު، ޔޫރަޕިއަން ޔޫނިއަނުން ޢަމަލުކުރި ގޮތަށް މިހާރުވެސް ޢަމަލުކޮށް، ސުލްޙަ ޤާއިމްކުރުމަށް މަސައްކަތްކުރަން ބޭނުންވާ ކަމަށެވެ. އަދި އިޒްރޭލާއި އީރާނާ ދެމެދު ކަންކަން މަޑުޖެހޭނެ ކަމުގެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށާއި، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް އަލުން ފެށުމަށް ގޮވާލާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.