ކޮލަމް

"ރިޓްރީޓް" ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ނަފްސަށްދެވޭ އަގުހުރި ހަދިޔާއެއް

"ރިޓްރީޓް" ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ނަފްސަށްދެވޭ އަގުހުރި ހަދިޔާއެއް

"ރިޓްރީޓް" ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ނަފްސަށްދެވޭ އަގުހުރި ހަދިޔާއެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 ޖޫން 2025، 06:19

16 ޖޫން 2025، 06:19

ދިރިއުޅުމުގެ ހަލަބޮލިކަމާއި، ހާސްކަމާއި ކަންބޮޑުވުންތަކުގެ ތެރޭގައި އުޅެމުންދާއިރު، އަމިއްލަ ނަފްސާމެދު ވިސްނުމަށް ނުވަތަ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ގިނަ މީހުންނަށް ވަގުތު ނުލިބެއެވެ. އެހެންނަމަވެސް، އަމިއްލަ ނަފްސާމެދު ވިސްނައި، ނަފްސާއި ހިތުގެ އަޑަށް އަހުލުވެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. މިފަދަ ފުރުޞަތެއްގައި ލިބުނު ތަޖުރިބާއެއްގެ ވާހަކަ ތިޔަ ބޭފުޅުންނާ ހިއްސާކޮށްލާނަމެވެ.

ފްލޯ ސްޓޫޑިއޯއިން އިންތިޒާމުކޮށްގެން ސްރީލަންކާގެ ކެންޑީގައި ބޭއްވި ވެލްނަސް ރިޓްރީޓެއްގައި ބައިވެރިވީމެވެ. މިއީ އަޅުގަނޑުގެ ހަޔާތުގައި ލިބުނު ތަފާތު އެއް ތަޖުރިބާއެވެ. ދުވަހުން ދުވަހަށް ކުރިމަތިވާ ކަންކަމާއި، އަޑުގަދަ މާހައުލުން ދުރުގައި، މި ރިޓްރީޓަކީ އަމިއްލަ ނަފްސާ ގުޅުން ބަދަހިކޮށް، ފަރުވާ ހޯދައި، ވިސްނުމަށް ލިބުނު ހިތްހަމަޖެހޭ ވަގުތުކޮޅެކެވެ.

ގުދުރަތުގެ ރީތިކަމާއި، ފިނި ވައިރޯޅިއާއި، ފެހި ގަސްތަކާއި ދޫނިސޫފާސޫފީގެ ނަލަ ގޮވުމުގެ އަޑުން ހިތްގައިމުކަން ލިބިފައިވާ ފަރުބަދަތައް ވަށައިގެންވާ މާހައުލުގައި،  ފިނި ވައިރޯޅި ވެސް ލުއިވެފައިވާކަން އިހުސާސްވިއެވެ. އެއީ ހަމައެކަނި ޗުއްޓީއެއްގެ ގޮތުގައި ދިޔަ ދަތުރެއް ނޫނެވެ. އެއީ އަމިއްލަ ނަފްސު ތަރައްޤީކޮށް، ހަރުދަނާކުރުމަށް ޚާއްޞަކޮށްގެން ރޭވިފައިވާ ވަގުތުކޮޅެކެވެ. ކޮންމެ ދުވަހަކީ ވެސް ހަށިގަނޑާއި، ސިކުނޑިއާއި، ރޫހަށް އަމާޒުކޮށްގެން ރޭވިފައިވާ ވެލްނަސް ޕްރޮގްރާމްތަކަކުން ފުރިގެންވާ ދުވަހެކެވެ.

ހިތްހަމަޖެހުމުގެ ތަމްރީނުތަކާއި، ނޭވާލުމުގެ އާދަތަކާއި، ހަށިގަނޑުގެ ރިހުންތަކަށް ލުޔެއް ހޯދުމަށް ކުރެވޭ މަޑުމައިތިރި ހަރަކާތްތަކާއި، ސިކުނޑީގައި ފޮރުވިފައިވާ އިހުސާސްތައް ދޫކޮށްލުމަށް އެހީތެރިވެދޭ ގައިޑެޑް ސެޝަންތަކުން، އަމިއްލަ ނަފްސު ދުޅަހެޔޮވުމަށް އެހީތެރިވެދިނެވެ. މި ރިޓްރީޓްގައި 29 އަހަރުން ފެށިގެން 65 އަހަރުން މަތީގެ އަންހެނުން ބައިވެރިވިއެވެ. ކޮންމެ މީހަކީ ވެސް ތަފާތު ވާހަކައެއް ގެނައި، އަދި އެ މީހަކަށް ޚާއްޞަ ގޮތަކަށް ފަރުވާ ލިބިގަތް ބައެކެވެ.

ޕްރޮގްރާމްތައް އަމާޒުކުރެވިފައިވަނީ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށެވެ. މީގެސަބަބުން ހަށިގަނޑުގެ ވޭނަށް ލުޔެއް ހޯދުމުގެ އިތުރުން، ހަށިގަނޑުން ދޭ ނިޝާންތައް ދެނެގަތުމަށް އެހީތެރިވެދިނެވެ. އަޅުގަނޑުމެން ދަސްކުރީ ނާރުތަކަށް ހަމަޖެހުން ގެނައުމަށް ނޭވާލުމުގެ ތަމްރީނުތަކާއި، ހަށިގަނޑުގައި ރައްކާވެފައިވާ ހިތާމައާއި ވިސްނުންތައް  ދޫކޮށްލާނެ ގޮތްތަކާއި، އަދި ބިރުގަންނަ ނުވަތަ ޖެހިލުންވާ ކަންކަން ދެނެގަނެ އެކަމާ ކުރިމަތިލާނެ ރަނގަޅު ގޮތްތަކެވެ.

ދުޅަހެޔޮ ކާނާ ގަޑިން ގަޑިއަށް ކެއުމުގެ މުހިންމުކަން އަޅުގަނޑުމެންނަށް ދަސްވެގެން ދިޔައެވެ. ފެހި ވެށީގައި، ގުދުރަތީ ގޮތުން އުފެދޭ  ކާނާ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކެއުންތައް ވަގުތަށް ކެއުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބި، ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅުވެ، އަދި ސިކުނޑީގެ އުފެއްދުންތެރިކަން އިތުރުވެގެންދިޔަކަން ފާހަގަކުރެވުނެވެ.  މި ތަޖުރިބާއިން އަޅުގަނޑަށް ދަސްވީ، ދުޅަހެޔޮ ކާނާ ގަޑިން ގަޑިއަށް ކެއުމަކީ ހަށިގަނޑުގެ ދުޅަހެޔޮކަމުގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ވަރަށް މުހިންމު ކަމެއްކަމެވެ.

ރިޓްރީޓަކީ ހަމައެކަނި އާންމުކޮށް އުޅޭ މާހައުލުން ދުރުވުމެއް ނޫންކަން އަޅުގަނޑަށް ދަސްވިއެވެ. އެއީ އަމިއްލަ ނަފްސަށް އެނބުރި އައުމެވެ. އެއީ ބިޒީ ދިރިއުޅުމުން މަޑުޖެހި، ނޭވާލައި، އަދި ނަފްސުގެ ކަންކަން ފުންކޮށް އަޑުއެހުމަށް ލިބޭ ވަގުތުކޮޅެކެވެ. އަޅުގަނޑުމެން ދިރިއުޅޭ މުޖުތަމަޢުގައި ގިނަފަހަރަށް އޮޓޯޕައިލެޓްގައި ދުވަމުންދާއިރު، މިފަދަ އަމިއްލަ ވަގުތަކީ ބޭނުންތެރި ކަމެއްގެ ގޮތުގައި ދެކެން ޖެހެއެވެ.

އަޅުގަނޑުމެން ވަޒީފާއަށާއި، ޢާއިލާއަށާއި، އެހެނިހެން ޒިންމާތަކަށް ވަގުތު ހުސްކޮށްލެވޭއިރު، އެންމެ ބޮޑަށް އަޅުގަނޑުމެންގެ ސަމާލުކަން ބޭނުންވާ ފަރާތްކަމުގައިވާ - އަމިއްލަ ނަފްސު - އެއްކިބާވެގެން ދެއެވެ. ފްލޯ ސްޓޫޑިއޯއާއެކު މި ރިޓްރީޓްގައި ބައިވެރިވުމަކީ ފަރުވާއާއި، ކުރިއެރުމާއި، އާރާސްތުވުން އަބަދުވެސް އަޅުގަނޑުމެންގެ ތެރޭގައި ވާކަން ހަނދާންކޮށްދިން ކަމެކެވެ. ހަމައެކަނި އަޅުގަނޑުމެން އެކަމަށް ޖާގަ ދޭންވީއެވެ.

 އެނބުރި އައިއިރު، އަޅުގަނޑު އިހުސާސްކުރީ ވަރަށް ބޮޑަށް ހަމަޖެހި، މަރުކަޒީވެ، އިހުސާސްތަކުގެ ގޮތުން ލުއިވެފައިވާ ކަމެވެ. ގުދުރަތީ މާހައުލެއްގައި، ތަޖުރިބާކާރު ފެސިލިޓޭޓަރުންގެ އިރުޝާދުގެ ދަށުން، އެއް މަޤްޞަދެއްގައި އެއްވެ ތިބި އެހެން މީހުންނާއެކު ވަގުތު ހޭދަކުރުމުގެ ބާރަކީ ހަޤީޤަތުގައިވެސް ބަދަލު ގެނުވައިދޭ ކަމެކެވެ.

ތިޔަ ބޭފުޅުންގެ ތެރެއިން ވަރުބަލިވެ، އިހުސާސްތަކުގެ ގޮތުން ބާކީވެ، ނުވަތަ އަމިއްލަ ނަފްސާއި ގުޅުން ކެނޑިފައިވާކަމަށް އިހުސާސްކުރެވޭ ބޭފުޅުންނަށް އަޅުގަނޑު ހިތްވަރުދެނީ މި ހަދިޔާ އަމިއްލަ ނަފްސަށް ދެއްވުމަށެވެ. އެއީ މަޑުޖެހި، ފިކުރުކޮށް، އަމިއްލަ ނަފްސާ އަލުން ބައްދަލުކުރުމުގެ ވަގުތުކޮޅެކެވެ. ކޮންމެ މީހަކަށްވެސް މިފަދަ ވަގުތުކޮޅެއް ޙައްޤުވެގެންވެއެވެ.

މި ރިޓްރީޓްގެ ތަޖުރިބާއިން އަޅުގަނޑަށް ދަސްވީ، އަޅުގަނޑުމެންގެ ދިރިއުޅުމުގައި މިފަދަ ހުއްޓުމެއް ގެނައުމަކީ އަގުހުރި ކަމެއްކަމެވެ. އަޅުގަނޑުމެންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ ތެރެއިން ވަގުތުކޮޅެއް ނަގައި، އަމިއްލަ ނަފްސަށް އަޅާލުމަކީ އަޅުގަނޑުމެންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުން ކަމެކެވެ. އާއިލާއާއި އެކުގައި އުޅޭ މީހުންނާއި އޮންނަ ގުޅުންތައް ތާޒާކޮށް ރަނގަޅުކޮށްދޭކަމެކެވެ. 

ހިތާއި ، ސިކުނޑިއާ ނަފްސުގެ އަޑަށް އަހުލުވެރިވުމަކީ އަޅުގަނޑުމެން އެންމެން ވެސް ދަސްކުރަންޖެހޭ ހުނަރެކެވެ. އަވަސްވެގަތުމާއި ކަންބޮޑުވުންތަކުގެ ތެރެއިން ވަގުތުކޮޅެއް ނަގައި، އަމިއްލަ ނަފްސާ ވާހަކަދައްކައި، އަޑުއަހައި، އަޅާލުމަކީ އަޅުގަނޑުމެންގެ ޖުމްލަ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކަމެކެވެ. ފްލޯ ސްޓޫޑިއޯގެ ވެލްނަސް ރިޓްރީޓްގެ ތަޖުރިބާއިން އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ފިލާވަޅަކީ މިއީއެވެ.

މި ތަޖުރިބާ ހިއްސާކުރުމުގެ މަޤްޞަދަކީ ތިޔަ ބޭފުޅުންނަށް ވެސް މިފަދަ ފުރުޞަތެއް ހޯދުމަށް ހިތްވަރު ދިނުމެވެ.އަޅުގަނޑުމެންގެ ދިރިއުޅުމުގެ އަވަސްކަމުގެ ތެރެއިން ވެސް، އަމިއްލަ ނަފްސަށް ވަގުތު ދިނުމަކީ އަޅުގަނޑުމެންގެ ޞިއްޙަތަށާއި އުފަލަށް ކޮންމެހެން ބޭނުން ކަމެކެވެ.

އަޅުގަނޑުމެން އެންމެން ވެސް މި ދުނިޔޭގައި ވަގުތީ ދަތުރުވެރިންނެވެ. އެހެންކަމުން، މި ކުރު ދަތުރުގައި އަމިއްލަ ނަފްސަށް އަޅާލައި، ހިތުގެ އަޑަށް ކަންފަތް ދިނުމަކީ އަޅުގަނޑުމެންގެ ދިރިއުޅުމަށް މާނައާއި ފުރިހަމަކަން ގެނެސްދޭނެ ކަމެކެވެ.

                    

                    

                    

މި ލިޔުން ކިޔާލުމުން

Ads by MSS