ދުނިޔެ

އިރާނުން ނިއުކްލިއަރ ނޮން-ޕްރޮލިފަރޭޝަން ޓްރީޓީ އިން ވަކިވަނީ

އިރާނުން ނިއުކްލިއަރ ނޮން-ޕްރޮލިފަރޭޝަން ޓްރީޓީ އިން ވަކިވަނީ

އިރާނުގެ ޕާލިމެންޓު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 ޖޫން 2025، 05:17

16 ޖޫން 2025، 05:17

އިރާނުގެ ޕާލިމެންޓުން އެ ޤައުމު ނިއުކްލިއަރ ނޮން-ޕްރޮލިފަރޭޝަން ޓްރީޓީ (އެން.ޕީ.ޓީ) އިން ވަކިވުމަށް ބިލެއް ތައްޔާރުކުރަމުންދާ ކަމަށް އިރާނުގެ ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ. ނަމަވެސް ނިއުކްލިއަރ ހަތިޔާރު އުފެއްދުމާ ދެކޮޅު އިރާނުގެ ސަރުކާރުގެ ރަސްމީ ސިޔާސަތު ބަދަލުނުވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕަރސަން އިސްމާއިލް ބަޣާއީ ވިދާޅުވީ، ފަހުގެ ކަންހިނގާދިޔަ ގޮތަށް ބަލާއިރު، އެކަށީގެންވާ ނިންމުމެއް ނިންމާނެ ކަމަށެވެ. އަދި ސަރުކާރުން ޕާލިމެންޓުގެ ބިލުތައް ތަންފީޒުކުރަންޖެހޭނެ ކަމަށާއި، ނަމަވެސް މި ހުށަހެޅުން އަދި ތައްޔާރުކުރަމުންދާ ކަމަށާއި، ފަހުގެ މަރުހަލާތަކުގައި ޕާލިމެންޓާއެކު ވިލަރެސްކުރާނެ ކަމަށެވެ.

އެން.ޕީ.ޓީ އަކީ އިރާނުން 1970 ގައި ސޮއިކޮށްފައިވާ މުއާހަދާއެކެވެ. މި މުއާހަދާގެ ދަށުން، ޤައުމުތަކަށް މަދަނީ ބޭނުންތަކަށް ނިއުކްލިއަރ ހަކަތަ ބޭނުންކުރުމުގެ ހައްޤު ލިބިދޭއިރު، އެޓޮމިކް ހަތިޔާރު އުފެއްދުން މަނާކޮށް، އދ. ގެ ނިއުކްލިއަރ ވޮޗްޑޮގް އައި.އޭ.އީ.އޭ އާ އެއްބާރުލުން ދިނުމަށް ލާޒިމްކުރެއެވެ.

އިސްރާއީލުން ފާއިތުވި ހަފްތާގައި އިރާނަށް ހަމަލާދީފައިވަނީ އިރާނުން ނިއުކްލިއަރ ބޮމެއް އުފެއްދުމުގެ ކައިރީގައި ވާތީ ކަމަށް ބުނެއެވެ. ނަމަވެސް އިރާނުން އަބަދުވެސް ބުނަމުން އައީ އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ހިންގާ ކަމެއް ކަމަށެވެ. އައި.އޭ.އީ.އޭ އިން ފާއިތުވި ހަފްތާގައި ބުނެފައިވަނީ އިރާނުން އެން.ޕީ.ޓީގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާނުކުރާ ކަމަށެވެ.

އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެފައިވަނީ ނިއުކްލިއަރ ހަތިޔާރަކީ އާޔަތުއްﷲ އަލީ ޚާމެނެއީގެ ދީނީ ފަތުވާއާ ޚިލާފު އެއްޗެއް ކަމަށެވެ. އިރާނުގެ ސަރުކާރުގެ މީޑިއާއިން ބުނެފައިވަނީ އެން.ޕީ.ޓީ އިން ވަކިވުމާ ގުޅޭ ގޮތުން އަދި ޕާލިމެންޓުން ނިންމުމެއް ނިންމާފައިނުވާ ކަމަށެވެ.

މި ހަނގުރާމައިގެ ސަބަބުން މިހާތަނަށް އިރާނުގައި 224 މީހުން މަރުވެފައިވާ ކަމަށާއި، އޭގެ ތެރެއިން 90 އިންސައްތައަކީ އާންމު ރައްޔިތުން ކަމަށް އިރާނުގެ ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ. އަދި 1،400 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS