ދުނިޔެ
އެމްއައި 6 ގެ 116 އަހަރުގެ ތާރީޚުގައި ޖާސޫސުންގެ އިސްވެރިޔާގެ މަޤާމަށް ފުރަތަމަފަހަރަށް އަންހެނެއް

ބްލޭޒް މެޓްރެވެލީ
ޔުނައިޓެޑް ކިންގްޑަމްގެ ބޭރުގެ އިންޓެލިޖެންސް އޭޖެންސީ އެމްއައި 6 ގެ 116 އަހަރުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އިސްވެރިޔާގެ މަޤާމަށް އައްޔަންކުރެވިއްޖެއެވެ. 1999 ވަނަ އަހަރު އެމްއައި 6 އާ ގުޅިވަޑައިގެންނެވި ބްލޭޒް މެޓްރެވެލީ، މި އަހަރުގެ ފަހުކޮޅު ސަރ ރިޗަރޑް މޫރގެ ބަދަލުގައި އައު އިސްވެރިޔާގެ ގޮތުގައި މަސައްކަތް ފައްޓަވާނެއެވެ.
މިހާރު ބްލޭޒް ހުންނެވީ އެޖެންސީގެ ޓެކްނޮލޮޖީ އަދި އިނޮވޭޝަން ޑިޕާޓްމަންޓްގެ އިސްވެރިޔާގެ މަޤާމުގައެވެ. އެ މަޤާމުގައި އޭނާ މަސައްކަތް ކުރައްވަނީ ސިއްރު އޭޖެންޓުންގެ ހަޤީޤަތް ރައްކާތެރިކުރުމަށާއި، ޗައިނާގެ ސަރވެއިލަންސް ސިސްޓަމްތަކުގެ ފަދަ ނުރައްކާތަކުން ސަލާމަތްވުމަށް ބޭނުންވާ އެޑްވާންސްޑް ޓޫލްތައް ތަރައްޤީކުރުމަށެވެ. މި އިސް މަޤާމަށް ހޮވިވަޑައިގަތުމާ ގުޅިގެން ބްލޭޒް ވިދާޅުވީ އެކަމާ ފަޚުރުވެރިވެ، ޝަރަފުވެރިވާ ކަމަށެވެ.
ބްރިޓެއިންގެ ބޮޑުވަޒީރު ސަރ ކީރ ސްޓާމަރ މިއީ ތާރީޚީ ވަގުތެއް ކަމަށް ވިދާޅުވެފައިވެއެވެ. ޚާއްޞަކޮށް ޔޫކޭ އަށް ސަލާމަތީ ގޮތުން ނުރައްކާތެރި ދަނޑިވަޅެއްގައި މިފަދަ ބަދަލެއް އައުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބްލޭޒްގެ ލީޑަރޝިޕްގެ މައްޗަށް އިތުބާރުކުރައްވާ ކަމަށާއި، އިންޓެލިޖެންސް މަސައްކަތުގެ ދާއިރާގައި އޭނާގެ ތަޖުރިބާއާއި ފަހުމް ފާހަގަކުރައްވާ ކަމަށް ވިދާޅުވިއެވެ.
ކޭމްބްރިޖް ޔުނިވަރސިޓީން އެންތްރޮޕޮލޮޖީ ދާއިރާއިން ކިޔަވާވިދާޅުވެފައިވާ ބްލޭޒް ދެކޭގޮތުގައި އިންސާނީ ސުލޫކު ދެނެގަތުމަކީ އިންޓެލިޖެންސް އޮފިސަރުންނަށް ކޮންމެހެން މުހިންމު ކަމެކެވެ. އެމްއައި 6 އަދި އެމްއައި 5 ގައި ގިނަ މުހިންމު މަޤާމުތަކެއް ފުރުއްވާފައިވާ ބްލޭޒް، މެދުއިރުމަތީގައާއި ޔޫރަޕްގައި އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފައިވެއެވެ. އަދި ބްރިޓިޝް ފޮރިން ޕޮލިސީއަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކަށްޓަކައި 2024 ވަނަ އަހަރު އެންމެ މަތީ ދަރަޖައިގެ ޝަރަފުވެރިކަމެއް ލިބިވަޑައިގެންފައިވެއެވެ.
ކުރީގެ އިސްވެރިޔާ ސަރ ރިޗަރޑް މޫރ ވިދާޅުވެފައިވަނީ ބްލޭޒް އަކީ ޤައުމުގެ އެންމެ ހުނަރުވެރި އިންޓެލިޖެންސް އޮފިސަރުންގެ ތެރެއިން އެކަކު ކަމަށެވެ. އޭނާ ވިދާޅުވީ ބްލޭޒް އަކީ މިޒަމާނުގެ ޓެކްނޮލޮޖީއާއި ގޮންޖެހުންތައް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި، އެމްއައި 6 އަށް ވަރުގަދަ ލީޑަރެއް ކަމުގައި ވާނެ ކަމަށެވެ.
ބްލޭޒް ވިދާޅުވެފައިވަނީ އެމްއައި 6 ގެ އިސްވެރިޔާގެ މަޤާމަކީ ބޮޑު މަސްއޫލިއްޔަތެއް ކަމަށާއި، އެޖެންސީގެ ހިތްވަރުގަދަ އޮފިސަރުންނާއި އޭޖެންޓުންނާއެކު، އަދި ބައިނަލްއަޤްވާމީ ބައިވެރިންނާއެކު މަސައްކަތްކޮށް، ޔޫކޭ އާއި އެޤައުމުގެ މަޞްލަޙަތުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުމަށް ލިބުމުން އުފާވެވަޑައިގަންނަވާ ކަމަށެވެ.މި ލީޑަރޝިޕް މަޤާމާ ބްލޭޒް ޙަވާލުވެވަޑައިގަންނަވަނީ ދަތި ދަނޑިވަޅެއްގައެވެ.