ދުނިޔެ
އިސްރާއީލުގެ ޖާސޫސަކަށް އީރާނުން މަރުގެ އަދަބުދީފި

އީރާނުގައި މަރުގެ އަދަބު ދިނުމަށް ތައްޔާރު ކޮށްފައި
އިސްރާއީލުގެ މޮސާދު އިންޓެލިޖެންސް އޭޖެންސީއަށް މަސައްކަތްކުރި ކަމަށް ތުހުމަތުކުރެވޭ މީހަކު ދަންޖައްސާ މަރާލައިފިކަމަށް އީރާނުގެ ޝަރުޢީ ނިޒާމުން މިއަދު ހާމަކޮށްފިއެވެ. އީރާނުގެ ސަރުކާރުގެ މީޑިއާއިން މި މަޢުލޫމާތު ކަށަވަރުކޮށްދީފައިވަނީ ހޯމަ ދުވަހުއެވެ.
މިޒާން އޮންލައިން ޖުޑީޝަލް ޕޯޓަލުން ބުނެފައިވާ ގޮތުގައި، ނަން ހާމަނުކުރާ މި ފަރާތް - އިސްމާޢީލް ފެކްރީ ކަމަށް ޤަބޫލުކުރެވޭ - ދަންޖައްސައި މަރާލެވުނީ އޭނާގެ އިސްތިއުނާފު އީރާނުގެ ސުޕްރީމް ކޯޓުން ބާތިލުކުރުމަށްފަހުގައެވެ. އޭނާ ކުށްވެރިވެފައިވަނީ "ބިމުގައި ފަސާދަ ފެތުރުމާއި" އަދި 'މުހާރަބާ' (މާތްﷲ އާ ދެކޮޅަށް ހަނގުރާމަކުރުން) ގެ ކުށުގައެވެ. މިއީ 2023 ވަނަ އަހަރު އޭނާ ހައްޔަރުކުރެވުނު ފަހުން އީރާނުގައި ފަސާދަ އުފެއްދުމުގެ ރޭވުންތަކެއް ރާވާފައިވާކަމުގެ ތުހުމަތުގައެވެ.
މިއާއެކު، އީރާނުގެ ސަލާމަތީ ބާރުތަކުން ޓެހުރާނުގެ ދެކުނުގައި ހުރި މޮސާދުގެ އިންޓެލިޖެންސް ވަރކްޝޮޕެއް ކަމަށް ބުނާ ތިން ބުރި އިމާރާތަކަށް ވަދެ ބަލައި ފާސްކޮށްފައިވެއެވެ. މި ރެއިޑުގައި 200 ކިލޯގްރާމަށްވުރެ ގިނަ ގޮވާ ތަކެއްޗާއި 23 ޑްރޯން ފެނިފައިވާ ކަމަށް އީރާނުގެ ފުލުހުންގެ މަސްދަރުތަކުން ބުނެފައިވެއެވެ. އަދި މި ރެއިޑުގައި މޮސާދުގެ އިތުރު ދެ ޖާސޫސުން ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ހައްޔަރުކޮށްފައިވެއެވެ.
މި ހާދިސާތައް ހިނގާފައިވަނީ އިސްރާއީލުން އީރާނުގެ އަސްކަރީ އަދި ނިއުކްލިއަރ ތަންތަނަށް ދާދިފަހުން ދިން ވައިގެ ހަމަލާތަކަށްފަހު، ސަރަޙައްދުގައި އުފެދިފައިވާ ގަދަ ރުޅިވެރިކަމުގެ ތެރޭގައެވެ. އިސްރާއީލުގެ މި ހަމަލާތަކުގައި ޓެހުރާން، ނަޠަންޒް އަދި ފޯޑޯގައި ހުރި ތަންތަނަށް ގެއްލުން ލިބި، އީރާނުގެ އިސް ނިއުކްލިއަރ ސައިންޓިސްޓުންނާއި އައިއާރުޖީސީ ކޮމާންޑަރުން މަރުވެފައިވެއެވެ. މިއަށް ރައްދު ދިނުމުގެ ގޮތުން އީރާނުން އިސްރާއީލަށް ބޮޑެތި މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީ، އިސްރާއީލުގެ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ.