ވިޔަފާރި

ގޭގައި އިނދެގެން ދުނިޔޭގެ މާކެޓަށް ތަކެތި ވިއްކައި، ކޮންމެ ހިސާބަކަށް ވެސް މިހާރު ފޮނުވާލެވޭ

ގޭގައި އިނދެގެން ދުނިޔޭގެ މާކެޓަށް ތަކެތި ވިއްކައި، ކޮންމެ ހިސާބަކަށް ވެސް މިހާރު ފޮނުވާލެވޭ

އީ-ޓުކުރީގެ އެހީތެރިކަމާއެކު އަމިއްލަ އުފެއްދުންތައް ދުނިޔޭގެ މާކެޓަށް މިހާރު ނެރެވޭނެ ---

16 ޖޫން 2025، 12:42

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ނުވަތަ އިތުރަށް ފުރިހަމަ ކުރުމަށް ގޭގައި ތިބެގެން ތަފާތު ތަކެތި ހަދާ، އެ ތަކެތީގެ ވިޔަފާރި ކުރަމުން އަންނަ މީހުންނެވެ. މީގެ ތެރެއިން ގިނަ ވިޔަފާރިތަކަށް އެންމެ އެދެވޭ ފައިދާއެއް ނުނެރެވެނީ، މަސައްކަތުގައި އުފެއްދުންތެރިކަން ނެތުމަކުން ނޫނެވެ. އަދި އެ ތަކެތީގެ ފެންވަރު ދަށްކަމަކުން ވެސް ނޫނެވެ. ނަމަވެސް ވިއްކަން އޮންނަ އާބާދީ ނުވަތަ ކަސްޓަމަރ ބޭސް ކުޑަވުމުންނެވެ. އެއީ ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.

މިފަދަ ގޮންޖެހުންތައް ގިރާކޮށް، ހަށިފޮޅާލުމަށްފަހު ވިޔަފާރި ކޮޅަށް ޖެހުމަށް ނިކުންނަންވީ ވަގުތު އައިސް ޖެހިއްޖެއެވެ. މި ދަތުރުގެ ބައިވެރިއަކަށް "އީ-ޓުކުރި" ހެދުމުން، ދުނިޔޭގެ އިގުތިޞާދީ އޮއިވަރުގެ ތެރެއަށް ތިމާއަށް ވަދެވުނީއެވެ. ވިޔަފާރީގެ ވިސްނުން ބޮޑުކުރަން ޖެހުނީއެވެ.

މޯލްޑިވްސް ޕޯސްޓުން ހާމަކޮށްފައިވާ ގޮތުގައި، އީ-ޓުކުރީގެ އެހީތެރިކަމާއެކު، އަމިއްލަ އުފެއްދުންތައް ދުނިޔޭގެ މާކެޓަށް ނެރެ، އެ ތަކެތި ރާއްޖެ އާއި ދުނިޔޭގެ ކޮންމެ ހިސާބަކަށް ވެސް ޑެލިވަރ ކުރެވިދާނެއެވެ.

އެގޮތުން ވިޔަފާރިތައް ފުޅާކޮށް، އެ ވިޔަފާރީގެ ނަފާ އިތުރުކުރުމަށް އީ-ޓުކުރިން ވަނީ ކޮމިއުނިޓީ އޮންލައިން ފިހާރަތަކަކާއެކު ވާރޗުއަލް މާކެޓެއް ހުޅުވާފައެވެ. މޯލްޑިވްސް ޕޯސްޓުން ހާމަކޮށްފައިވާ ގޮތުގައި، ކޮމިއުނިޓީ އޮންލައިން ފިހާރަތަކަކީ ރަށްރަށުގެ އުފެއްދުންތައް ރާއްޖޭގެ އަދި ދުނިޔޭގެ އެކިހިސާބުތަކަށް ވިއްކުމަށް އެހީތެރިވެދޭނެ އޮންލައިން މާރކެޓެކެވެ. އެގޮތުން، މި ވާރޗުއަލް މާކެޓު ޑިވެލޮޕްކޮށްފައި ވަނީ، ބޭނުން ކޮންމެ ރަށެއްގެ ވަކިވަކި އުފެއްދުންތެރިންގެ ނަމުގައި ކިއޮސްކް ތަކެއް ހުޅުވޭނެ ގޮތަށެވެ.

މި މާކެޓުގައި ކިއޮސްކެއް ހުޅުވުމަށް ބިޒްނަސް ރަޖިސްޓްރޭސަން ބޭނުމެއްނުވެއެވެ. ހަމައެކަނި ޝަރުތަކީ، ވިއްކާ ތަކެއްޗަކީ ދިވެހި އުފެއްދުމެއް ކަމުގައި ވުމެވެ. މި މަސައްކަތުގައި އެހީތެރިކަން ބޭނުންވާނަމަ، އީ-ޓުކުރި އޮތީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެނެވެ. އެގޮތުން މުދާ މޭނޭޖްކޮށް ވިއްކުމަށް އީ-ޓުކުރިން އެހީތެރި ވެދޭނެކަމަށް މޯލްޑިވްސް ޕޯސްޓުން ހާމަކުރެއެވެ.

މި ޕްލެޓްފޯމުގައި ވިއްކޭނީ ހަމައެކަނި ތަކެތި ހެދުމަށްފަހު އެއް ނޫނެވެ. ނަމަވެސް ޕްރީ އޯޑަރަށް ވެސް ތަކެތި ވިއްކޭނެއެވެ. އަދި އެއްޗެއް ވިއްކުމަށްފަހު ވިއްކި ތަކެތީގެ ޑެލިވަރީ ސްޓެޓަސް ވެސް ވަގުތުން ބެލޭނެކަމުގައި މޯލްޑިވްސް ޕޯސްޓުން ވަނީ ހާމަކޮށްފައެވެ.

މި މާކެޓު ބޭނުންކުރުމުގައި ދެން އޮތް އެންމެ ބޮޑު ލުޔަކީ، ހަރަދަކާ ނުލާ އިންވެންޓްރީ މެނޭޖްކުރެވޭނެ ގޮތް ފަހިވެފައި އޮތުމެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި، ވިއްކާލާ ތަކެތި ޕޯސްޓު އޮފީހަށް ފޮނުވުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް ޕޯސްޓުން ވަނީ ހާމަކޮށްފައެވެ. އަދި ޕޯސްޓު ބަލާ ދިއުމަށް -/20 ޗާޖުކުރާނެކަމަށް ހާމަކޮށްފައިވެއެވެ.

އެހެންކަމުން މި ޕްލެޓުފޯމަކީ ވިޔަފާރި ފުޅާކޮށް، ތިމާގެ ވިޔަފާރިއަކީ ބްރޭންޑަކަށް ހެދުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS