ދުނިޔެ

އީރާނުގެ ހައިޕަރސޮނިކް މިސައިލްއާ ޖެހުމުން ޔަހޫދީންގެ އަޔަން ޑޯމް ފެއިލްވީ ކީއްވެ؟

އީރާނުގެ ހައިޕަރސޮނިކް މިސައިލްއާ ޖެހުމުން ޔަހޫދީންގެ އަޔަން ޑޯމް ފެއިލްވީ ކީއްވެ؟

އީރާނުން ޔަހޫދީންނަށް ދިން ވަރުގަދަ ހަމަލާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 ޖޫން 2025، 12:26

16 ޖޫން 2025، 12:26

އިސްރާއީލުގެ ދިފާޢީ ނިޒާމުތަކަކީ ދުނިޔޭގެ އެންމެ ވަރުގަދަ  ދިފާއީ ނިޒާމުތަކުގެ ތެރޭގައި ހިމެނޭ ނިޒާމެއް ކަމުގައި ބުނެވެއެވެ."އަޔަން ޑޯމް" ޑިފެންސް ސިސްޓަމަކީ 2011 އިން ފެށިގެން އިޒްރޭލުން ބޭނުން ކުރަމުން އަންނަ ދިފާއީ ނިޒާމެކެވެ. މިއީ އާންމުކޮށް ކުރު ރާސްތާގެ ހަމަލާތަކުން އެގައުމު ރައްކާތެރި ކޮށްދޭ ސިސްޓަމެކެވެ. ނަމަވެސް، އީރާނުން ދޫކޮށްލި މިސައިލް ހަމަލާތަކުން ވަނީ ހީކުރިގޮތާ ހިލާފަށް މިނިޒާމުގައިވާ ބަލިކަށިކަން ހާމަވެފައެވެ. ޚާއްޞަކޮށް ހައިޕަރސޮނިކް މިސައިލްތަކާ ކުރިމަތިލާންޖެހުމުން މިނިޒާމް މިވަނީ ބޮޑުތަނުން "ފެއިލް" ވެފައެވެ.

މިއީ އެންމެ ރަނގަޅު ސިސްޓަމެއް ނޫން ކަމަށް އިޒްރޭލުން ވަނީ އެއްބަސްވެފައެވެ. ސަބަބަކީ ގިނަ އަދަދެއްގެ ރޮކެޓް ފޮނުވައިފިނަމަ، މިސިސްޓަމަށް ނުހުއްޓުވި ރޮކެޓްތަކާއި މިސައިލްތައް ބިމުގައި ޖެހުން ހިމެނެއެވެ.

އިސްރާއީލުގެ ގިނަ ފަށަލައިގެ ދިފާޢީ ނިޒާމުން  ބަރޯސާވަނީ ގިނަ މިސައިލް ދިފާޢީ ނިޒާމުތަކަކަށެވެ. "އަޔަން ޑޯމް" އަދި "ޑޭވިޑްސް ސްލިންގ" ވަނީ މަޑު ދުވެލީގައި ދަތުރުކުރާ، ކައިރި އަދި މެދުމިނުގެ ދުރުމިނަށް ދަތުރުކުރާ މިސައިލްތައް ހުއްޓުވުމަށް ބައްޓަންކުރެވިފައެވެ. މީގެ ތެރޭގައި ސަބްސޮނިކް މިސައިލްތައް ހިމެނެއެވެ. އެއީ އަޑުގެ ދުވެއްޔަށްވުރެ ލަހުން ދަތުރުކުރާ މިސައިލްތަކެވެ.

އިސްރާއީލުގެ ދިފާޢީ ނިޒާމުގެ އަނެއް މުހިންމު ފަށަލައަކީ "އެރޯ މިސައިލް "ނިޒާމެވެ. މި ނިޒާމު ވުޖޫދުވެފައިވަނީ ތިން ބާވަތެއްގެ މައްޗަށެވެ: އެރޯ 1، އެރޯ 2، އަދި އެރޯ 3 އެވެ. މި ނިޒާމުތައް ފަރުމާކުރެވިފައިވަނީ ޖައްވުގައި ހަލުވި ސްޕީޑުގައި ދަތުރުކުރާ، ދުރު މަންޒިލަށް ދަތުރުކުރާ ބެލިސްޓިކް މިސައިލްތައް ހުއްޓުވުމަށެވެ. މާހިރުން އިންޒާރުދެނީ އެއްފަހަރާ ގިނަ މިސައިލްތަކެއް ދޫކޮށްފިނަމަ، މި ނިޒާމަށް  ބޮޑު ބުރައެއް އުފުލަންޖެހި، އަންނަ ހުރިހާ ނުރައްކާތަކެއް ހުއްޓުވުމަށް ނުކުޅެދިދާނެ ކަމަށެވެ.

ބަރާކް މިސައިލް ނިޒާމަށްވެސް ބިމުން އަންނަ ބެލިސްޓިކް މިސައިލލުގެ ނުރައްކާތައް ނައްތާލުމުގެ ޤާބިލުކަން ލިބިފައިވެއެވެ. ނަމަވެސް އެރޯ ނިޒާމެކޭ އެއްފަދައިން، "ސްވާމް އެޓޭކް" އެއްގައި - އެއީ އެއްފަހަރާ ގިނަ މިސައިލްތަކެއް ދޫކުރުމުން - މި ނިޒާމުގެ ބާރު ވަރަށް ބޮޑަށް ދަށްވެގެންދެއެވެ.

އީރާނުގެ ހަމަލާތައް  ކާމިޔާބުވާ ސަބަބު

އީރާނުން ފަހަކަށް އައިސް އިސްރާއީލަށް ދީފައިވާ ހަމަލާތަކުގައި ހައިޕަރސޮނިކް މިސައިލްތައް ހިމަނާފައިވާކަމަށް ބުނެވެއެވެ. މީގެ އޭތެރޭގައި އާދީއްތަ ދުވަހުގެ ފަތިހު ދީފައިވާ ބޮޑު ހަމަލާވެސް ހިމެނެއެވެ. ހައިޕަރސޮނިކް މިސައިލްތައް ދަތުރުކުރަނީ އަޑުގެ ދުވެލީގެ ފަސް ގުނަ ހަލުވި މިނެއްގައެވެ. އަދި މިފަދަ މިސައިލްތައް ހުއްޓުވުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެ މިސައިލްތައް ދަތުރުކުރަނީ ސީދާ ރޮނގެއްގައެއް ނޫނެވެ. އެ މިސައިލްތައް ވައިގައި ދަތުރުކޮށް، އެކި ދިމަދިމާލަށް ކުއްލިއަކަށް އެނބުރެއެވެ. އެހެންކަމުން، އެ މިސައިލްތައް ދަތުރުކުރާ ގޮތް ވަގުތުން ވަގުތަށް ދެނެގަތުމަކީ ގާތްގަނޑަކަށް ނުކުރެވޭނެ ކަމެކެވެ.

މި ގޮތަށް ކުއްލިއަކަށް އެކި ދިމަދިމާލަށް މިސައިލް އެނބުރުމުގެ ސަބަބުން، މިހާރު ބޭނުންކުރާ ގިނަ ދިފާޢީ ނިޒާމުތަކަށް، އިސްރާއީލުގެ ނިޒާމުތައްވެސް ހިމެނޭ ގޮތުން، މި މިސައިލްތައް ހުއްޓުވުމަކީ ނުކުރެވޭނެ ކަމެކެވެ.

އައު ޓެކްނޮލޮޖީ ބޭނުންކުރުމުންވެސް ވީ ފެއިލް

އިސްރާއީލުން ވަނީ އެމެރިކާއިން ތަރައްޤީކޮށްފައިވާ ނިޒާމުތައް ބޭނުންކޮށްގެން އޭގެ ދިފާޢީ ނިޒާމް އަޕްގްރޭޑްކޮށްފައެވެ. މީގެ ތެރޭގައި "ޕެޓްރިއޮޓް" މިސައިލް ނިޒާމާއި، މަތީގައި ދަތުރުކުރަމުންދާ މަތިންދާބޯޓުތަކާއި، ޑްރޯންތަކާއި، ވަކި ބާވަތްތަކުގެ މިސައިލްތައް ވައްޓާލުމަށް ބޭނުންކުރާ އައު ލޭޒަރ ހަތިޔާރެއް ހިމެނެއެވެ. ނަމަވެސް މި ޓެކްނޮލޮޖީތަކަށްވެސް އޭގެ ލިމިޓްތަކެއް އެކުލެވެއެވެ.

ހައިޕަރސޮނިކް ޑްރޯންތަކާއި މިސައިލްތައް ގިނަ އަދަދަކަށް ހަމަލާދޭއިރު، މި ނިޒާމުތަކަށް އެއްފަހަރާ އަމާޒުކުރެވެނީ އެންމެ އެއްޗަކަށެވެ. އެހެންކަމުން، އެ ނިޒާމުތަކުގެ ފަންކްޝަން ދަށްވެގެންދެއެވެ.

ޒަމާނީ ހަނގުރާމައިގެ މުސްތަޤުބަލަށް ބަދަލެއް

އީރާނުގެ މިސައިލް ހަމަލާތަކުގެ ސަބަބުން ވަނީ އިސްރާއީލަށް ގެއްލުންތަކެއް ލިބިފައެވެ. މީގެ ކުރިން ޓެލް އަވީވްއަށް ދީފައިވާ ހަމަލާއެއްގައި މަދުވެގެން 10 މީހުން މަރުވެ، 200 އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަޚަމްވެފައެވެ.

މާހިރުން ބުނާ ގޮތުގައި މި ހަނގުރާމައަކީ ކުރިމަގުގެ ހަނގުރާމަތައް ކަނޑައަޅާނެ ހަނގުރާމައެކެވެ. ދުނިޔޭގެ ގިނަ އަސްކަރީ އެކަޑަމީތަކާއި ހަނގުރާމައިގެ ކޮލެޖުތަކުން މިހާރު ވަރަށް ގާތުން ދަނީ އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުންދާ ހަމަލާތައް ދިރާސާކުރަމުންނެވެ. ޚާއްޞަކޮށް މިހާރުގެ ދިފާޢީ ޓެކްނޮލޮޖީތަކުން ހައިޕަރސޮނިކް ނުރައްކާތަކާ ކުރިމަތިލާ - ނުވަތަ ކުރިމަތިލުމަށް ނުކުޅެދޭ - މިންވަރު ބަލަމުންދެއެވެ.

ޚުލާޞާކޮށް ބުނާނަމަ، އިސްރާއީލުގެ ދިފާޢީ ނިޒާމުތަކުގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ހުރި ނަމަވެސް، ހަލުވި ސްޕީޑުގެ ހަނގުރާމައިގެ އައު ޒަމާނަކަށް ތައްޔާރުވުމުގައި ފަހަތަށް ޖެހިފައިވާ ކަމަށް ފެނެއެވެ. އީރާނުގެ ހައިޕަރސޮނިކް މިސައިލްތައް ހުއްޓުވުމަށް ނުކުޅެދުމަކީ މިހާރުގެ މިސައިލް ދިފާޢީ ނިޒާމުތަކުގައި ހުރި މުހިންމު އުނިކަމެއްކަން ދައްކުވައިދެއެވެ. މިއީ ބައިނަލްއަޤްވާމީ އަސްކަރީ ސްޓްރެޓެޖީގެ މުސްތަޤުބަލު ބައްޓަންކުރާނެ ކަމެކެވެ.

                    

                    

                    

މި ލިޔުން ކިޔާލުމުން

Ads by MSS