ރިޕޯޓް
އޯގާތެރި މުޖްތަމަޢެއް ބިނާކުރުމަށް ދުވަސްވީ މީހުންނަށް ކުރާ އަނިޔާ ހުއްޓުވަމާ!

ދުވަސްވީ މީހުން/ފޮޓޯ: މޯލްޑިވްސް ޓައިމްސް
ހުލާސާ
އަހަރެމެން ދިވެހީންގެ މި ކުޑަކުޑަ މުޖުތަމަޢުގެ އެންމެ އަގުހުރި ފަށަލައަކީ ޢުމުރުން ދުވަސްވީ މީހުންނެވެ. އެމީހުންގެ ދުވަސްވީ ތަޖުރިބާއާއި ޙިކުމަތްތެރިކަމަކީ އަހަރެމެންގެ މުޖުތަމަޢުގެ ބިންގަލެވެ. ނަމަވެސް، ހިތާމައަކީ މިއަދު މި މުޖްތަމަޢުގެ ތެރޭގައި ދުވަސްވީ މީހުންނަށް ކުރާ އަނިޔާ އިތުރުވަމުންދާކަމެވެ. މިކަމަކީ، އަހަރެމެންގެ އިންސާނިއްޔަތުކަމާއި އިސްލާމީ އަޚްލާޤަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއްކަން ކޮންމެ މީހަކުވެސް ޤަބޫލުކުރާނެކަން ޔަޤީނެވެ.
ޢުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާގެ ސަބަބުން އެމީހުންގެ ހިތްތަކުގައި އުފެދޭ ވޭނާއި ތަޙައްމަލުކުރަމުންދާ ކެކުޅުމަކީ އެހެންމީހުންނަށް އަންދާޒާކޮށްލެވޭނެ ފަދަ ކަމެއް ވެސް ނޫނެވެ. އެމީހުންގެ ދިރިއުޅުމުގެ އެންމެ ނާޒުކު ދުވަސްވަރު، އެމީހުންނަށް ލިބެންވާ އިޙްތިރާމާއި ލޯބި ނުލިބި، އެކަނިވެރިކަމާއި ބޭކާރު ވެފައިވާކަމުގެ އިޙްސާސް ކުރަންޖެހުމަކީ އެއްވެސް މީހަކު ތަޙައްމަލު ކުރަންޖެހޭނެ ފަދަ ކަމެއް ނޫނެވެ.
މާތްވެގެންވާ އިސްލާމްދީނުގައި މައިންބަފައިންނަށް އިޙްސާންތެރިވުމަށް އަމުރުކުރައްވާފައިވާއިރު، ދުވަސްވީ މީހުންނަށް އަނިޔާކުރުމަކީ އެ އަމުރުފުޅާ ސީދާ ޚިލާފު ޢަމަލެކެވެ. މައިމީހާގެ ފައިތިލަ ދަށުން ސުވަރުގެ ދެވޭނެޔޭ ބުނާ ބުނުން ގިނަ ބަޔަކަށް އެނގުނު ނަމަވެސް، މައިންބަފައިން ޢުމުރުން ދުވަސްވެ މުސްކުޅިވާ ދުވަހު އެމީހުންނާއި ދޭތެރޭ ޢަމަލުތައް ބައްޓަންކުރެވިފައިވަނީ ކިހިނެއްތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލާ ބަޔަކު ނިސްބަތުން މަދެވެ. ދުވަސްވީ މައިންބަފައިންނަށް ހަމައެކަނި ޚަރަދުކޮށްލެވުމަކީ، ދަރިންގެ ބޮލުގައި އެޅިފައިވާ ޒިންމާ އަދާކުރެވިގެންދާ ކަމެއްކަން ބައެއް މީހުންނަށް ޤަބޫލުކުރެވުނު ނަމަވެސް، މިފަދަ ޢަމަލުތަކުން އަހަރެމެންގެ މުޖުތަމަޢުގެ އަޚްލާޤީ ފޭރާން ފަނޑުވެ، އިންސާނިއްޔަތުކަން ގެއްލި، ރަޙުމްކުޑަ ބަޔަކަށް ވެގެންދެއެވެ.
ދުވަސްވީ މީހުންނަށް ކުރެވޭ އަނިޔާގެ ސަބަބުން އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. ކުޑައިރުން ފެށިގެން އެތައް ވޭނަކާއި ތަކުލީފަކާއެކު ބަލާބޮޑުކުރާ ދަރިންގެ ފަރާތުން ލޯތްބާއި ކުލުނު ނުލިބުމުގެ ސަބަބުން ލިބޭ ހިތްދަތިކަމުގެ ވާހަކަ މި ދިވެހި މުޖްތަމަޢުގައި އުޅޭ އެތައް ދުވަސްވީ މީހުންނެއް ވެސް ދަނީ ދައްކަމުންނެވެ.
ކޮންމެ މީހެއް ކައިރީގައި މިފަދަ ވާހަކަތައް ނުދެއްކިޔަސް އަހަރެން ވެސް ވަރަށް ދެރަވޭ. އަހަރެންގެ އަމިއްލަ ދަރިން އަހަރެންނަށް މިހެން ހަދާނެ ކަމަކަށް ދުވަހަކު ހީވެސް ނުކުރަން. އެހާ ލޯބިން އެކުދިން ގެންގުޅުނީ. މިއަދު އެކުދިން ދިރިއުޅުމުގަ ބޭނުންވާ ހިސާބަށް އާދެވިފަ އެތިބީ. އަދިވެސް މަގޭ ދަރިންނަށް އެދެނީ ހަމަ އިތުރު ކުރިއެރުން.
ދާއިމީ ބައްޔަކަށް ބޭސް ކުރަމުންދާ 75 އަހަރުގެ ދުވަސްވީ މީހަކު ބުންޏެވެ.
ކޮންމެ މީހެއްގެ ވެސް މާޒީގެ ހަނދާންތަކާއި، މުސްތަޤްބަލުގެ އުންމީދުތައް ގުޅުވައިދޭ ފާލަމަކީ ދުވަސްވީ މީހުންކަމަށް ވާއިރު، އެމީހުންނަށް ނަފްސާނީ އަދި ޖިސްމާނީގޮތުން އަނިޔާކުރުމަކީ ދިވެހިންގެ އަމިއްލަ ތާރީޚާއި ސަޤާފަތަށް ވެސް ކުރެވޭ އަނިޔާއެކެވެ. ދުވަސްވީ މީހުންނަށް ހިތުގަޖެހޭ ފަދަ ބަސްތަކުން މުޢާމަލާތުކޮށް، އެމީހުންނަަށް ކުރާ އަނިޔާއަކީ އިންސާނިއްޔަތުކަމުގެ ކުލަ ކަނޑުވާލާ ކަމެކެވެ. މި ކުޑަކުޑަ މުޖްތަަމަޢުގެ ރީތިކަން ފޮހެވިގެންދާ ކަމެކެވެ. އެމީހުންނަކީ މި މުޖުތަމަޢުގެ އަގުހުރި ހިއްސާއަކަށްވާއިރު، އެމީހުންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެވެސް ޒިންމާއެކެވެ.
މިއަދަކީ ދުނިޔޭގެ އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހޭލުންތެރިކުރުވުމުގެ ދުވަހަށް ވީއިރު، އެމީހުންނަށް ލިބެންވާ ޙައްޤުތަކާއި އިޙްތިރާމް ހޯދައިދިނުމަށް އަހަރެމެން އެންމެން ގުޅިގެން އާ އަޒުމެއްގައި މަސައްކަތް ކުރަންޖެހެއެވެ. އެމީހުންނަށް ލޯބިދީ، އަޅާލައި، އެމީހުންގެ ތަޖުރިބާއިން ފައިދާ ހޯދުމަކީ އަހަރެމެންގެ މުޖުތަމަޢު އިތުރަށް ފުރިހަމަވެ، ކުރިއަރައިގެން ދިއުމަށް މަގުފަހިވާނެ ކަމެކެވެ. މި ހެޔޮ ބަދަލުތައް ގެނައުމުގެ ސަބަބުން އަހަރެމެންނަށް އޯގާތެރި، ރަޙުމްކުރާ، އަދި ހުރިހާ ޢުމުރުފުރައެއްގެ މީހުންނަށް އަމާން މުޖުތަމަޢެއް ޤާއިމްކުރެވޭނެކަން ޔަޤީނެވެ.