ރިޕޯޓް
ކޮންމެ ފިޔަވަޅެއްގައި، ބައްޕައެއްގެ ލޯބި

ބައްޕައާ ދަރިފުޅު - ފޮޓޯ: އިންޓަރނެޓް
ކޮންމެ އަހަރެއްގެ ޖޫން މަހުގެ 15ވަނަ ދުވަހު ފާހަގަކުރާ ބައްޕައިންގެ ދުވަހަކީ، ބައްޕައިންގެ ހިތްވަރާއި، ލޯބި އަދި ދެމިހުންނަ އެހީތެރިކަމަށްޓަކައި ފާހަގަކުރާ އިޙްސާސްތަކުން ފުރިގެންވާ މުނާސަބަތެކެވެ. މަންމައިންގެ ދައުރު ގިނަފަހަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާހަގަކުރެވޭ ނަމަވެސް، ބައްޕައިންގެ ދުވަހަކީ ބައްޕައިންގެ ދައުރަކީވެސް ހަމަ އެހާމެ ތަޢުރީފާއި ޝުކުރު ޙައްޤުވެގެންވާ ކަމެއްކަން ހަނދާންކޮށްދޭ މުނާސަބު ވަގުތެކެވެ.
ދިވެހިންގެ އާދަކާދައާއި ސަގާފަތަށް ބަލާނަމަ، ބައްޕައެއްގެ ދައުރު އަބަދުވެސް ބިނާވެފައި އޮންނަނީ ޚަރަދުކުރުމާއި، ރައްކާތެރިކަމާއި އަދި ޒިންމާދާރުވުމުގެ މައްޗަށެވެ. ދަރިންގެ ކިބައިގައި ރަނގަޅު އަޚްލާޤު އަށަގެންނެވުމުން ފެށިގެން، އިޙްސާސީ އަދި ޢަމަލީ އެހީތެރިކަން ފޯރުކޮށްދިނުން ވެފައި އޮންނަނީ މަންމައިންގެ މަސައްކަތަކަށެވެ. މިހެން މިކަން އޮތް ނަމަވެސް ބައެއް ބައްޕައިންނަކީ މަންމައިންނާއި އެއް ހަމައަށް އެ ދައުރު އަދާކުރާ ބައްޕައިންނެވެ. އުފަލާއެކީ ފާހަގަ ކޮށްލެވޭ ކަމަކީ އާދަކާދައާއި ސަޤާފަތް ބަދަލުވެ މިހާރުގެ ބައްޕައިންނަކީ ކުއްޖާގެ ދިރިއުޅުމުގައި މުހިންމު ނަމޫނާއަކަށް ވެގެންދިޔަކަމެވެ.
ތަޖުރިބާކާރު މާހިރުން ދެކޭގޮތުގައި، ދަރިންގެ ކަންކަމުގައި ޝާމިލުވާ ބައްޕައިންގެ، ދަރިންގެ ވާހަކަ ދެއްކުމުގެ ހުނަރު ކުރިއެރުމަށް ނަފްސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުންނާއި، އަދި ތަޢުލީމީ ގޮތުން ބޮޑު ބަދަލެއް ގެނުވައެވެ. އެއީ ދަރިފުޅު ސްކޫލަށް ގެންދާ ބައްޕައެއް ކަމުގައިވިޔަސް، ދިރިއުޅުމުގެ ފިލާވަޅުތައް ދަސްކޮށްދޭ ބައްޕައެއް ކަމުގައިވިޔަސް، ނުވަތަ ދަރިންނަށް ބޭނުންވާ ކަންކަން ހޯދައިދިނުމަށް ގަދައަޅައި މަސައްކަތްކުރާ ބައްޕައެއް ކަމުގައިވިޔަސް، ބައްޕަގެ ހާޒިރުވުން ކުޑަކުދިންގެ ހިތްތަކުގައި އިތުބާރާއި ކެރުން އުފެއްދުމަށް އެހީތެރިވެދެއެވެ.
މި ދުވަހަކީ ހަމައެކަނި ހަދިޔާތަކާއި މެޖެޖަކުން ކަންތައްތަކަށް ނިންމާލެވޭނެ ދުވަހެއް ނޫނެވެ. ގިނަ ފަހަރަށް އެންމެ މުހިންމުވަނީ ބައްޕައިން ކޮންމެ ދުވަހަކު ކުރާ މަސައްކަތްތަކާއި ޤުރުބާނީތައް ފާހަގަކުރުމެވެ. އިޚްލާޞްތެރި ޝުކުރެއް، އިޙްސާސްވާފަދަ ލޯބިން ބައްދާލުމެއް، އަތުން ތައްޔާރުކޮށްފައިވާ ކާޑެއް، ނުވަތަ އެކުގައި ހޭދަކުރާ ރަނގަޅު ވަގުތުކޮޅެއް ވެސް ބައްޕައަކަށް ވަރަށް މުހިންމު ކަމަކަށް ވެދާނެއެވެ.
ދިވެހިރާއްޖެ މުޖުތަމަޢުގެ ބޮޑު އިންސައްތައަކީ ދެމަފިރިން ވަޒީފާއަދާކުރަމުން ދަރިން ތަރުބިއްޔަތު ކުރަމުންދާ މުޖުތަމަޢެކެވެ. ކަން މިހެން ހުރިއިރު، ކުރިމަގުގެ ޖީލުތައް ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން ދެމީހުންގެ މުހިންމުކަން ފާހަގަކުރުމަކީ މާ މުހިންމު ކަމެކެވެ. ބައްޕައިންގެ ދުވަހަކީ "ތިބާ އަހަރެމެންނާއެކު ވީތީ، ނުވަތަ އަހަރެންގެ ދަރިންނަށް އެންމެ ހެޔޮ މިހާއަށްވީތީ ޝުކުރިއްޔާ" މި ބަސް ބުނުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ.
ކޮންމެ ބައްޕައަކަށް، ބަލަދުވެރި ބައްޕައަކަށް، ކާފައަކަށް، އަދި ބައްޕައެއްގެ ދައުރު އަދާކުރާ ކޮންމެ ބޭފުޅަކަށް ބައްޕައިންގެ ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރަމެވެ. ތިބާގެ ލޯބި، ބާރު، އަދި މަގުދެއްކުން މުހިންމުވަނީ ބަހުން ބުނެދޭން ކުޅަދާނަވާ މިންވަރަށްވުރެ މާ މަތިންނެވެ.