ދުނިޔެ
އީރާނަށް ދިން ހަމަލާގައި އެމެރިކާގެ އެއްވެސް ބައިވެރިވުމެއް ނެތް: ޑޮނަލްޑް ޓްރަމްޕް

ޑޮނަލްޑް ޓްރަމްޕް/ފޮޓޯ: އައިރިސް
އިސްރާއީލުން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާގައި އެމެރިކާގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް އެޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ޑޮނަލްޑް ޓްރަމްޕް މިފަދައިން ބުނެފައިވަނީ، އިސްރާއީލުން އިރާނަށް ދިން ޙަމަލާއާއި ގުޅިގެން އެކަމުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން އިސްރާއިލަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ.
އަލްޖަޒީރާ ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައިި، އީރާނަށް ދިން ހަމަލާގައި އެމެރިކާގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ. ހަމަ އެހެންމެ، އީރާނުން އެމެރިކާއަށް އަމާޒުކޮށް އެއްވެސް ހަމަލާއެއް ރައްދުކޮށްފިނަމަ، މީގެ ކުރިން އެމެރިކާއިން ދުވަހަކުވެސް ހަމަކާ ނުދޭ މިންވަރަށް ހަމަލާދޭނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދީފައެވެ. އަދި ޓްރަމްޕް މިފަދައިން ބުނެފައިވަނީ، އިސްރާއީލަށް އެމެރިކާއިން އެހީތެރިވެއްޖެ ނަމަ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭނެކަމަށް އީރާން އަސްކަރިއްޔާގެ އިސް އޮފިޝަލަކު ބުނެފައިވުމާއި ގުޅިގެންނެވެ.
އީރާނުން ވަނީ ރޭގެ ވަގުތެއްގައި ވެސް ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން އިސްރާއީލަށް ވަރުގަދަ ދެ ޙަމަލާއެއް ފޮނުވާލާފައެވެ. އީރާނުގެ މި ޙަމަލާތަކަކީ، އިސްރާއީލުން އީރާނުގެ އަސްކަރީ މަރުކަޒަތަކަށް ދިން ޙަމަލާއާއި ގުޅިގެން ބަދަލުހިފުމުގެ ގޮތުން ދޭ ޙަމަލާއަކަށް ވީއިރު، އިސްރާއީލުގެ ޙަމަލާތައް ނުހުއްޓައިފިނަމަ، ޙަމަލާތަށް އިިތުރަށް ވަރުގަދަކުރާނެކަމަށް އީރާނުން ވަނީ ބުނެފައެވެ.