ދުނިޔެ
އީރާނުން ދިން ޙަމަލާތަކުގައި އިސްރާއީލުގެ ވެރިރަށް ތެލްއަވީވްއިން 9 މީހަކު މަރުވެއްޖެ

ޙަަމަލާގައި ވެއްޓުނު އިމާރާތެއް/ފޮޓޯ: އެންބީސީ ނިއުސް
އީރާނުން އިސްރާއީލަށް ދެމުން އަންނަ ވަރުގަދަ ޙަމަލާތަކުގައި އިސްރާއީލުގެ ވެރިރަށް ތެލްއަވީވްއިން 9 މީހަކު މަރުވެއްޖެއެވެ.
އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރޭ އެކަނި އީރާނުން ތެލްއަވީވްއަށް ދިން ޙަމަލާތަކުގައި 200 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަޚަމްތައްވެފައިވާއިރު، މަރުވެފައިވާ 9 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ.
ރޭ އީރާނުން ވަނީ ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން އިސްރާއީލަށް ވަރުގަދަ ދެ ޙަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން، ރޭ މެންދަމު 01:05 ހާއިރު އީރާނުން އިސްރާއީލަށް ފޮނުވި ޙަމަލާ އަމާޒުކޮށްފައިވަނީ އިސްރާއީލުގެ އުތުރު އަވަށަކަށެވެ. މި ޙަމަލާގައި އެ ސަރަޙައްދުން މަރުވި މީހުންގެ ޢަދަދު 4 އަށް އަރާފައިވާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ހަމަ މިއާއެކު، އެ ސަރަޙައްދުގައި ހުރި ގިނަ ޢިމާރާތްތަކެއް ވެއްޓި ބިމާ ހަމަވެފައިވާއިރު، އެކި މީހުންނަށް ވަނީ އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ.
މީގެ އިތުރުން އީރާނުން ވަނީީ، ރޭ ފަތިހު 05:30 ހާއިރު އިސްރާއީލަށް އިތުރު ހަމަލާތަކެއް ދީފައެވެ. ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ފޮނުވާލި މި ޙަމަލާ މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ އިސްރާއީލުގެ ވެރިރަށް ޓެލްއަވިވް އަށެވެ. މި ޙަމަލާގައި ޓެލްއަވިވްގެ ދެކުނު ސަރަޙައްދުން މަރުވެފައިވާ މީހުންގެ ޢަދަދު 5 އަށް އަރާފައިވާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އީރާނުގެ މި ޙަމަލާތަކަކީ، އިސްރާއީލުން އީރާނުގެ އަސްކަރީ މަރުކަޒަތަކަށް ދިން ޙަމަލާއާއި ގުޅިގެން ބަދަލުހިފުމުގެ ގޮތުން ދޭ ޙަމަލާއަކަށް ވީއިރު، އިސްރާއީލުގެ ޙަމަލާތައް ނުހުއްޓައިފިނަމަ، ޙަމަލާތަށް އިިތުރަށް ވަރުގަދަކުރާނެކަމަށް އީރާނުން ވަނީ ބުނެފައެވެ.