ރިޕޯޓް
ލޭ ހަދިޔާކުރުން: މީހެއްގެ ފުރާނަ ސަލާމަތް ކުރުމުގައި ބައިވެރިވެވުމުން ލިބޭ ހިތްހަމަޖެހުން ބޮޑު

ލޭ ހަދިޔާކުރުން ގްރެފިކްސް/ފޮޓޯ: ވެލްއަ ހެލްތު
ހުލާސާ
ލޭ ހަދިޔާކުރުމުގެ ވާހަކަތައް ނުވަތަ ލޭ ހޯދުމަށް ދަތިވެގެން އުޅޭ ވާހަކަތަކަކީ ކޮންމެ ދުވަހަކު ވެސް މީސްމީޑިއާގެ އެކި މަންސަތަކުގައި ހުއްޓުމެއް ނެތި ދެކެވެމުން އަންނަ ވާހަކައެކެވެ. އެއްބަޔަކު ލޭ ހަދިޔާކުރާ މީހުންނަށް ޝުކުރުވެރިވަމުން އަންނަނައިރު، އަނެއްބަޔަކު އުޅެނީ ބޭނުންވާ ވައްތަރެއްގެ ލޭ ނުލިބުމުގެ ސަބަބުން ބޮޑު ހާސްކަމެއްގެ ތެރޭގައެވެ.
ލެއަކީ ކޮންމެ އިންސާނަކަށް ވެސް ލިބިފައިވާ މާތް ނިޢުމަތަކަށް ވާއިރު، ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހާއި ގުޅިގެން މީސްމީޑިއާގައި އަންނަނީ ތަފާތު ވާހަކަތައް ދެކެވެމުންނެވެ. ވަކިން ޚާއްޞަ ގޮތެއްގައި ރާއްޖޭގައި ދިރިއުޅޭ ތެލެސީމިއާ ކުދިން އަންނަނީ އެ ކުދިންގެ ޝުޢޫރުތައް ހިއްސާކުރަމުންނެވެ. ލޭ ހޯދުމުގައި ދިމާވާ ތަފާތު ދަތިތަކާއި، ލޭ ނުލިބުމުގެ ސަބަބުން ތަހައްމަލުކުރަމުންދާ ތަކުލީފުތަކުގެ ވާހަކަ އެ ކުދިން ދައްކަމުން އަންނަނީ އާދޭހުގެ ރާގެއްގައެވެ.
ރާއްޖެއަކީ އާބާދީގެ ނިސްބަތުން ތެެލެސީމިއާ ކުދިން އެންމެ ގިނައިން ދިރިއުޅެމުންދާ އެއް ޤައުމެވެ. އެހެންކަމުން، މި ކުދިންނަށް ލޭ ހޯދުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. ނަމަވެސް، ހިތާމައަކީ ރާއްޖޭގައި އަދިވެސް އަމިއްލަ އިސްނެގުމާއެކު ލޭ ހަދިޔާކުރުމަށް ފަސްޖެހޭ މީހުންގެ އަދަދު ގިނަވުމެވެ. ލޭ ހަދިޔާކުރުމަކީ މާތްވެގެންވާ ޞަދަޤާތަކަށް ވީއިރު، މިކަމުގައި ޖެހިލުންވާންވީ އެއްވެސް ސަބަބެއް ނެތްކަން ޔަޤީނެވެ.
ލޭ ހަދިޔާކުރުމަށް ގިނަ މީހުން ފަސްޖެހެނީ ކީއްވެ؟
ގިނަ މީހުން ޤަބޫލުކުރާ ގޮތުގައި ލޭ ހަދިޔާ ކުރުމުގެ ސަބަބުން ޞިއްޙީ ގޮތުން ކޮންމެވެސް މައްސަލަތަކެއް ދިމާވާނެއެވެ. ނަމަވެސް، މިއަކީ މުޅިން ހަޤީގަތާ ޚިލާފު ގަބޫލުކުރެވުމެކެވެ. ލޭ ހަދިޔާކުރުމުގެ ސަބަބުން ނަފްސާނީ ގޮތުން މީހާއަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދެއެވެ. ހަމަ މިއާއެކު، އެހެން މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމުގައި ބައިވެރިވެވުނުކަމުގެ އިހުސާސް ކުރެވުމުގެ އިތުރުން މިކަމުގައި ޝާމިލުވެވުމުން ލިބޭ ހިތްހަމަޖެހުން މާ ބޮޑުކަމަށް ލޭ ހަދިޔާކުރާ ފަރާތްތަކުން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.
ލޭ ހަދިޔާކުރުމުން މީހާގެ ޞިއްޙަތަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެ. އޭގެ އިތުރަށް މީހާގެ ނަފްސާނީ ގޮތުން ލިބޭ ހިތްހަމަޖެހުމާ، ތިމަންނައަށް އެހެން މީހެއްގެ ފުރާނައަށް އެހީތެރިވެވުމުން އެ ލިބޭ ހިތްހަމަޖެހުމާ އެއްޗެހި އިތުރުވެގެންދޭ.
ސީނިއާ ކޮންސަލްޓެންޓް، އިންޓަރނަލް މެޑިސިން-ޑޮކްޓަރ ފާތިމަތު ނާދިޔާ
ލޭ ހަދިޔާ ކުރުމާއި ގުޅޭގޮތުން މުޖްތަމަޢުގެ ތެރޭގައި އުފެދިފައިވާ މި ހިތް ނުތަނަވަސްވުންތަކަކީ އެއްކޮށް ފިލުވާލަން ޖެހޭކަމެއްކަމަށް ޞިއްޙީ މާހިރުން އަންނަނީ ބުނަމުންނެވެ. މިކަމާއި ގުޅޭގޮތުން ވަކިވަކި ފަރުދުންގެ މެދުގައި އުފެދިފައިވާ ޤަބޫލުކުރުންތަކަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ވާއިރު، ލޭ ހަދިޔާ ކުރުމުގެ ސަބަބުން ސިއްޙީ ގޮތުން ރަނގަޅު ބަދަލުތަކެއް ދިރިއުޅުމަށް އައުުމުގެ އިތުރުން، ދުޅަހެޔޮކޮށް ހުރުމަށް ބާރުއަޅާކަމަށް ލޭ ހަދިޔާކުރާ ފަރާތްތަކުން ބުނެއެވެ.
ތެލެސީމިއާ ސެންޓަރަށް އެކަނިވެސް ލޭ ބޭނުުންވާ މިންވަރު ގިނަ
ރާއްޖޭގެ ތެލެސީމިއާ ސެންޓަރުގައި މިވަގުތު ވެސް 670 ކުދިން ރަޖިސްޓްރީވެގެން ޚިދުމަތް ހޯދަމުންދާއިރު، މިކުދިންނަށް ލޭ ހޯދުމުގައި ވެސް ގިނަ ދަތިތަކެއް ދަނީ ކުރިމަތިވަމުންނެވެ.
މޯލްޑިވިއަން ބްލަޑް ސަރިވިސަސްއަށް ހަމައެކަނި ހަފްތާއަކަށް އެބަ ބޭނުންވޭ 220 ބްލަޑް ޕޮއިންޓް. އަދި މަހަކަށް ބޭނުންވޭ 900 އަށް ވުރެ ގިނަ ބްލަޑް ޕޮއިންޓް. އެހެންވީމަ މުޅި މާލެ ސަރަޙައްދަށް އެކަނި ބަލާލިކަމުގަ ވިޔަސް އަޅުގަނޑުމެންނަށް ގާތްގަނޑަކަށް މަހަކަށް 1400 އެއްހާ ބްލަޑް ޕޮއިންޓް އެބަ ބޭނުންވޭ.
ސީނިއާ މެޑިކަލް ލެބޯޓަރީ ޓެކްނޮލޮޖިސްޓް-ޝިފާ އިބްރާހިމް
ތެލެސީމިއާ ކުދިންގެ އިތުރުން ވެސް ރާއްޖޭގައި ލޭ ބޭނުންވާ އެތައް ފަރާތެއް އުޅެއެވެ. އޭގެ ތެރޭގައި ކިޑްނީ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތަކާއި، މާބަނޑު މީހުން ހިމެނެއެވެ. ހަމަ އެހެންމެ، އެކްސިޑެންޓުތަކާއި ގުޅިގެން ކުއްލި ޙާލަތެއްގައި ލޭ ބޭނުންވާ ފަރާތްތައް އިތުރުވާއިރު، މިފަދަ ފަރާތްތަކަށް ލޭ ލިބުމުގައި ގިނަފަހަރު ދަތިތައް ދިމާވުމުގެ ސަބަބުން ފުރާނައަށް ގެއްލުންވުމުގެ އިތުރުން، ބައެއް ފަރާތްތަކުން ދުނިޔެ ދޫކޮށްފައިވާކަމަށް ވެސް ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ.
ލޭ ހަދިޔާކުރާ ފަރާތްތަކުގެ އިލްތިމާސް
ލޭ ދޭ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ލޭ ހަދިިޔާކުރުމަކީ އިންސާނެއްގެ ހައިސިއްޔަތުން ކޮންމެ މީހަކު ވެސް ކުރަންޖެހޭ ކަމެކެވެ. ލެއަކީ ކޮންމެ އިންސާނަކަށް ވެސް ލިބިފައިވާ ނިޢުމަތަކަށް ވާއިރު، އޭގެން ޞަދަޤާތްކޮށް، ލޭ ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަކީ މުހިންމުކަމެއްކަމަށް އެ ފަރާތްތަކުން އަންނަނީ ފާހަގަކުރަމުންނެވެ. އަދި ލޭދިނުމަކީ ލޭދެވޭ ޙާލަތެއްގައި ހުންނަ ކޮންމެ މީހެކު ވެސް ކުރުން ލާޒިމުކަމެއްގެ ގޮތުގައި ލޭ ހަދިޔާކުރާ ގިނަ ފަރާތްތަކުން އަންނަނީ ސިފަކުރަމުންނެވެ.
ލޭ ހަދިޔާކުރާ ގިނަ ފަރާތްތަކުން ބުނާގޮތުގައިި، ލޭ ބޭނުންވާ ކުދިން އުފުލަމުންދާ ތަކުލީފުތައް އިހުސާސް ވާނީ އެފަދަ ޙާލަތަކަށް ދިޔުމުންނެވެ. ލޭ ހަދިޔާކުރާ ފަރާތްތަކަށް ޞިއްޙީގޮތުން އެއްވެސް ކަހަލަ ބަލިމަޑުކަމަކާ ކުރިމަތިލާން ނުޖެހުނު ނަމަވެސް، ލޭ ބޭނުންވާ ފަރާތްތަކުން އުފުލަމުންދާ ވޭނަކީ ޙަޤީގަތުގައި ވެސް ހިތަށް އަސަރުކުރުވާފަދަ ކަމެއްކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ. އެހެންކަމުން، ލޭ ދެވޭ ފަދަ ޙާލަތެއްގައި ހުރި ކޮންމެ މީހަކުވެސް ކޮންމެ 3 މަހަކުން އަމިއްލައަށް އިސްވެ ލޭ ހަދިޔާކުރުމަށް ދިޔުމަކީ ލޭ ހަދިޔާކުރާ ފަރާތްތަކުގެ އިލްތިމާސެކެވެ.
ލޭ ހަދިޔާކުރުމަކީ އެހެން މީހެއްގެ ފުރާނަ ރައްކާތެރިކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ވީއިރު، މިކަމުގައި ވީހާވެސް ގިނަ ބަޔަކުު ޝާމިލްވުމަށް ކަމާ ގުޅުންހުރި ފަރާތްތަކުން އަންނަނީ ބާރުއަޅަމުންނެވެ. ހަމަ އެހެންމެ، މިކަމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއަކަށް ހަދާ، ލޭ ހަދިޔާކުރުމުގެ މި މާތް މަސައްކަތުގައި އެންމެންވެސް ބައިވެރިވުމަކީ މުހިންމު ކަމެކެވެ.