ދުނިޔެ
އީރާނުން އިޒްރޭލަށް އަމާޒުކޮށް ދޭން ފަށާފައިވާ ހަމަލާތަކުގައި ތެލް އަވީވްގެ އިމާރާތްތަކެއް ބިމާ ހަމަވެއްޖެ

އީރާނުން ދިން ހަމަލާގައި ތެްލ އަވީވްގެ އިމާރާތްތަކެއް ބިމާ ހަމަވެފައި، ފޮޓޯ: ރޮއިޓާސް
ބަދަލުހިފުމުގެ ގޮތުން އީރާނުން އިޒްރޭލަށް އަމާޒުކޮށް އިއްޔެއިން ފެށިގެން ދޭން ފަށާފައިވާ ހަމަލާތަކުގައި، އިޒްރޭލުގެ ވެރިރަށް ތެލް އަވީވްގެ އިމާރާތްތަކެއް ބިމާ ހަމަވެފައިވާކަމަށް، އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
އެގޮތުން ހާރެޓްޒް ނިއުސް އޭޖެންސީއިން ހާމަކޮށްފައިވާ ގޮތުގައި، އީރާނުގެ މިސައިލް ހަމަލާތައް ވަނީ އިޒްރޭލުގެ މައި ސަރަހައްދުގެ އިމާރާތްތަކަކަށް އަމާޒުވެފައެވެ. އަދި އިޒްރޭލުގެ ޗެނަލް 12 އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުގެ މިސައިލްތައް އަމާޒުވީ ސީދާ ތެލް އަވީވްއަށެވެ.
މި ހަމަލާތަކުގައި މިހާތަނަށް 40 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
އީރާނުގެ ސްޕްރީމް ލީޑަރު، އާޔަތުالله އަލީ ޚާމަނައީ ވިދާޅުވީ، މިއީ އިޒްރޭލުން ދިން ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ދޭން ފަށާފައިވާ ރައްދު ހަމަލާތަކެއް ކަމަށާއި، އަދި އެކަމުގެ ނަތީޖާ ހިތިވާނެކަމަށް ގަބޫލުކޮށްގެން ތިބުމަށް ވަނީ އިންޒާރުދީފައެވެ.
އިޒްރޭލުގެ ހަނގުރާމަވެރި މަތިންދާބޯޓުތަކުން އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކާއި އަސްކަރީ ތަންތަނަށް ވަނީ ވަރުގަދަ ހަމަލާތަކެއް ހުކުރުދުވަހު ދީފައެވެ. މި ހަމަލާތަކުގައި އީރާނުގެ އިސް އަސްކަރީ އޮފިޝަލުންނާއި ނިއުކްލިއަރ ސައިންޓިސްޓުން ތަކެއް ވަނީ ޝަހީދުވެފައެވެ. އެގޮތުން އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ކޮމާންޑަރއިން ޗީފް ހުސެއިން ސަލާމީ އާއި، އީރާނުގެ ހަތިޔާރުވެރި ބާރުތަކުގެ ޗީފް އޮފް ސްޓާފް މުހައްމަދު ބަގޭރީ އާއި، ނިއުކްލިއަރ ސައިންޓިސްޓުން ކަމަށްވާ މުހައްމަދު މެހްދީ ތެހްރާންޗީ އަދި ފެރެއިދޫން އައްބާސީ މަރުވެފައިވާކަމަށް އީރާނުގެ ސަރުކާރުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.
އިޒްރޭލުގެ ޕްރައިމް މިނިސްޓަރ، ބެންޖަމިން ނަތަންޔާހޫ ބުނީ، އީރާނަށް ހަމަލާ ދިނީ އެ ގައުމުން ކުރިމަތިވެދާނެ ނުރައްކަލަކަށް ރައްކާތެރިވުމުގެ ގޮތުންކަމަށެވެ. އަދި ނުރައްކާ ނެތްކަމަށް ގަބޫލުކުރެވެންދެން ހަމަލާތައް ދެމުންގެންދާނެކަމަށް ނަތަންޔާހޫ ބުނެފައިވެއެވެ.
މި ހަމަލާތަކާ ގުޅިގެން މީގެ ކުޑައިރުކޮޅެއް ކުރިން އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޮނީ ގުޓެރޭޒް ވަނީ މައްސަލަ އިތުރަށް ހޫނުވިޔަނުދީ ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައެވެ.
Israeli bombardment of Iranian nuclear sites.
— António Guterres (@antonioguterres) June 13, 2025
Iranian missile strikes in Tel Aviv.
Enough escalation.
Time to stop.
Peace and diplomacy must prevail.
އެމެރިކާގެ އެންމެ މަގުބޫލު އެއް ނިއުސް އެޖެންސީ، ސީއެންއެންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލުގެ ދިފާއުގައި މަސައްކަތްކުރާ ގައުމުތަކަށް ވެސް އީރާނުން ހަމަލާ ދޭނެކަމުގެ އިންޒާރު ވަނީ ދީފައެވެ. ނަމަވެސް މިހެން ބުނީ ކާކުކަމެއް ސީއެންއެންއިން ރިޕޯޓުކޮށްފައެވެ ނުވެއެވެ. ކަންމިހެން އޮތްއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަ ވަނީ އިޒްރޭލުގެ ދިފާއުގައި ނިކުންނަން ޖެހިއްޖެނަމަ އެމެރިކާގެ އެހީތެރިކަން ލިބޭނެކަމަށް ބުނެފައެވެ.