ޚަބަރު
ޝައިޚް ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ކުރިއަށް ގެންދަން ނިންމައިފި

ފަޟީލަތުއްޝައިޚް މަރުޙޫމް އިބްރާހީމް ފަރީދު- ފޮޓޯ: ފޭސްބުކް
މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދުގެ ހަށިގަނޑު ރާއްޖެ ނުގެނެސް މެލޭޝިޔާގައި ވަޅުލާ ގޮތަށް އާއިލާއިން ނިންމައިފިއެވެ
ޝައިޚް ފަރީދުގެ ހަށިގަނޑު މާލެ ގެނައުމަށް ކުރިން މަސައްކަތް ކުރިނަމަވެސް މެލޭޝިޔާގެ ޤަވާއިދު ބުނާގޮތުން އެ ޤައުމުން ބޭރު ކުރާނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ އާޢިލާއިން ނިންމީ ޝައިޚް ފަރީދުގެ ހަށިގަނޑު މެލޭޝިޔާގައި ވަޅުލާގޮތަށެވެ. ޝައިޚް ފަރީދު އަވަހާރަވީ އިއްޔެގެ ވަގުތެއްގައި މެލޭޝީއާގައި ހުންނަވަނިކޮށެވެ.
ޝައިޚް މެލޭޝިއާއަށް ވަޑައިގެންނެވީ އެ ގައުމުގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. ޝައިޚް ފަރީދަކީ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިއެކެވެ. އަދި ދީނީ ވާހަކަތައް ދިވެހިންނަށް ގެނަސްދީ، اللهގެ ދަޢުވަތު ފެތުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އަވަހާރަވުމާ ހަމަޔަށްވެސް ޝައިޚް ފަރީދު ދެމިހުންނެވީ އެމަސައްކަތުގައެވެ.
ޝައިޚް އަވަހާރަވުމާ ގުޅިގެން ގިނަ ޢަދަދެއްގެ ބަޔަކު މީސްމީޑިއާގައި ހިތާމަފާޅުކޮށްފައިވެއެވެ. މީސްމީޑިއާ ޕޯސްޓުތަކުގައިވާގޮތުން ދުނިޔެދޫކޮށް އެދިޔައީ ގިނަބަޔަކަށް ހިދާޔަތާއި ތެދުމަގު ފެނިގެންދިޔަ މައިގަނޑު އެއް ސަބަބެވެ. މާތް ﷲ މަރުޙޫމް ފަރީދަށް ޖަންނަތުލްފިރުދައުސްގެ އެންމެ މަތިވެރި ނިޢުމަތް މިންވަރުކުރަށްވާށިއެވެ. މަރުޙޫމުގެ ބޭފުޅުންނަށާއި، ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން.