ދުނިޔެ
12 އެކްޓިވިސްޓުންނާއި އެކު ޣައްޒާއަށް ދަތުރުކުރާ އެހީގެ އުޅަންދު ހުއްޓުވަން އިސްރާއީލުން އަމުރުކޮށްފި

12 އެކްޓިވިސްޓުންނާއި އެކު ޣައްޒާއަށް ދަތުރުކުރާ އެހީގެ އުޅަންދު
ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދާ ބޯޓެއް ހުއްޓުވުމަށް އިސްރާއީލުގެ ސަރުކާރުން އެ ޤައުމުގެ ސިފައިންނަށް އަމުރުކޮށްފިއެވެ. މި ބޯޓުގައި 12 އެކްޓިވިސްޓުން ދަތުރުކުރަމުންދާ ކަމަށާއި، އޭގެ ތެރޭގައި ސްވީޑަނުގެ މަޝްހޫރު ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ތުންބަރގް ވެސް ހިމެނޭ ކަމަށް ވަނީ ބުނެފައެވެ.
އިސްރާއީލުގެ ބަނދަރުތަކާއި ހަކަތައާ ބެހޭ ވަޒީރު އިސްރާއީލް ކަޓްޒް ވިދާޅުވެފައިވަނީ "މަދްލީން" ނަމަކަށް ކިޔާ މި ބޯޓު ޣައްޒާއަށް ވާސިލުވިޔަ ނުދިނުމަށް ސިފައިންނަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވިދާޅުވެފައިވަނީ ގްރެޓާ ތުންބަރގްއާއި އޭނާގެ އެކުވެރިންނަކީ ހަމާސްގެ ޕްރޮޕަގަންޑާ ފަތުރާ ބަޔަކަށް ވާތީ، އެމީހުން އެނބުރި ދިއުމަށް އަންގާ ކަމަށެވެ.
ގްރެޓާ ތުންބަރގްއާއި އިތުރު 11 އެކްޓިވިސްޓުން މި ދަތުރު ފަށާފައިވަނީ ޖޫން 1 ވަނަ ދުވަހު އިޓަލީގެ ސިސިލީ އިންނެވެ. މި ބޯޓުގައި ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކުއްލި އެހީގެ ތަކެތި އެކުލެވޭ ކަމަށް ބުނެފައިވެއެވެ. މީގެ ތެރޭގައި ކުޑަކުދިންގެ ކާނާ، ފުށް، ހަނޑޫ، ޑައިޕަރ، އަންހެނުންގެ ސާފުތާހިރުކަމަށް ބޭނުންވާ ތަކެތި، ފެން ސާފުކުރާ ސާމާނު، ބޭސް، އަދި ކުޑަކުދިންގެ ޕްރޮސްތެޓިކްސް ހިމެނެއެވެ.
މި ދަތުރާ ގުޅޭ ގޮތުން ގްރެޓާ ތުންބަރގް ވިދާޅުވެފައިވަނީ ސަރުކާރުތަކުން ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ފެއިލްވެފައިވާތީ، އާންމު ރައްޔިތުން ކުރިއަށް ނުކުމެ އެކަން ކުރަން ޖެހިފައިވާ ކަމަށެވެ. އަދި އޭނާ ވިދާޅުވެފައިވަނީ ޣައްޒާގައި ހިނގަމުންދަނީ ޖެނޮސައިޑެއް ކަމަށާއި، މިއީ އެތައް އަހަރެއް ވަންދެން ހިނގަމުން އައި އަނިޔާވެރިކަމާއި އޮކިއުޕޭޝަންގެ ނަތީޖާއެއް ކަމަށެވެ.
އިސްރާއީލުން ވަނީ ޣައްޒާއަށް ދެވޭ އެހީތައް ވަރަށް ބޮޑަށް ހަނިކޮށްފައެވެ. އަދި އެއްވެސް ފަރާތަކުން ކަނޑުމަގުން ޣައްޒާއަށް ވަނުމަށް މަސައްކަތްކުރާނަމަ، އެކަން ހުއްޓުވާނެ ކަމަށް އިސްރާއީލުގެ ސަރުކާރުން ވަނީ ބުނެފައެވެ.