ޚަބަރު
އ.ދ.ގެ "އޯޝަން ކޮންފަރެންސް 2025" ގައި ބައިވެރިވެ ވަޑައިގަތުމަށް ވަޒީރު ޠާރިޤު ފުރާވަޑައިގެންފި

"އޯޝަން ކޮންފަރެންސް 2025" ވަޒީރު ޠާރިޤު ފުރާވަޑައިގެންނެވުން
ފްރާންސްގެ ނިސް ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އ.ދ.ގެ އޯޝަން ކޮންފަރެންސް 2025 ގައި ބައިވެރިވެ ވަޑައިގަތުމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤު އިބްރާހީމް، ފުރާވަޑައިގަންނަވައިފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ވިދާޅުވީ މި ބައިނަލްއަޤްވާމީ ޖަލްސާގެ މައިގަނޑު މަޤްޞަދަކީ ކަނޑުތަކާއި ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރުމާއި، މިކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުން ކަމަށެވެ. މީގެ އިތުރުން، އ.ދ.ގެ ދެމެހެއްޓެނިވި ތަރައްޤީގެ 14 ވަނަ ލަނޑުދަނޑި ޙާޞިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސްކުރުމަށްވެސް މި ޖަލްސާގައި އަލިއަޅުވާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގެ ތެރެއިން ދިވެހިރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކާއި، ކަނޑުތަކާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ހިއްސާކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެއެވެ.
އޯޝަން ކޮންފަރެންސް 2025 ގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ސަރުކާރުތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، އަމިއްލަ ޖަމާޢަތްތަކުގެ އިސް ފަރާތްތައް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. މި ޖަލްސާ ކުރިއަށްދާނީ މެއި 26 އިން 30 ފުރާންސްގައެވެ.