ޚަބަރު
މޯލްޑިވިއަން ފްލީޓަށް 5 ވަނަ އޭޓީއާރު އިތުރުކޮށްފި

މޯލްޑިވިއަން ފްލީޓަށް އިތުރުކުރި 5 ވަނަ އޭޓީއާރު - ފޮޓޯ: މޯލްޑިވިއަން
ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ފްލީޓަށް 5 ވަނަ އޭޓީއާރު މަތިންދާބޯޓު އިތުރުކޮށްފިއެވެ. މި އިތުރުކުރުމާއެކު ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެއެވެ.
މޯލްޑިވިއަންއިން ގެނައި މަތިންދާ ބޯޓަކީ 46 މީހުންގެ ޖާގައިގެ އޭޓީއާރު 42-600 ވޭރިއަންޓްގެ މަތިންދާބޯޓެކެވެ. މި ބޯޓު ވެލާނާ އެއާޕޯޓަށް ޖެއްސުމުގެ ކުރިން ރަންވޭ މަތިން ލޯ ޕާސް ދަތުރެއް ވަނީ ކޮށްފައެވެ. އަދި ބޯޓު ރަންވޭގައި ޖެއްސުމާއެކު ބޯޓަށް ވޯޓާ ސެލިއުޓް ދީފައިވެއެވެ. މި ބޯޓު ރާއްޖެ އައިސްފައިވަނީ މިއަދު ހަވީރު 4:00 ގައެވެ.
އޭޓީއާރު ބޯޓެއް ގެނައުން ފާހަގަކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ޚާއްޞަ ހަފްލާގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވީ ޔޫރަޕްފަދަ ޤައުމްތަކަށް ދަތުރުތައް ބޭއްވުމަށް ސަރުކާރާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މި މަސައްކަތް ކުރެވިއްޖެނަަމަ 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެކަމުގެ އުންމީދު ބޮޑުކަމަށް ވަޒީރު ވިދާޅުވިއެވެ.
މޯލްޑިވިއަންގެ ފްލީޓަށް އިތުރު އޭޓީއާރު ބޯޓެއް ގެނައުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާޚީމްއާއި، މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއާއި، އައިލެންޑް އޭވިއޭޝަން، އެމްއޭސީއެލް އަދި އިމިގްރޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.