ޚަބަރު
1 މިލިއަންވަނަ ފަތުރުވެރިޔާ އަށް ހޫނު މަރުޙަބާއެއް ކިޔައިފި

1 މިލިއަން ވަނަ ފަތުރުވެރިޔާ
ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި 1 މިލިއަން ވަނަ ފަތުރުވެރިޔާ ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
މިއަހަރު 1 މިލިއަން ވަނައަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިޔަކީ މިއަދު އިންޑިގޯ ފްލައިޓުން، އޭނާގެ ބައިވެރިޔާއާއިއެކު، މަލަހިނި ކުޑަބަޑޮސް ރިޒޯޓު ހަނީމޫން ހޭދަކުރުމަށް އައިސްފައިވާ އިންޑިއާ ގެ ކާޖަލް ސިންގް އެވެ. މިއީ ސިންގް ރާއްޖެއަށް ޒިޔާރަތްކުރާ ފުރަތަމަ ފަހަރެވެ. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ވިދާޅުވީ މިއީ މިހާތަނަށް ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން އަހަރު ތެރޭގައި އެންމެ އަވަހަށް ހަމަވި އަހަރު ކަމަށެވެ.
1 މިލިއަން ވަނަ ފަތުރުވެރިޔާ މަރުޙަބާ ކިޔާފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމެންޓާއި މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނާއި (އެމް.އެމް.ޕީ.އާރް.ސީ) އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގުޅިގެންނެވެ. މިކަމާ ގުޅިިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމެންޓް އަލްފާޝިލް ތޯރިޤް އިބްރާހީމް ވަނީ ބައިވެރިވެ ވަޑައިގެން ކާޖަލް ސިންގްއަށް މަރުހަބާ ދަންނަވާފައެވެ.
މިނިސްޓަރ ތާރިޤް ވިދާޅުވީ، މިއީ ރާއްޖެވަންތަ ގޮތަކަށް ރާއްޖޭގެ ފަތުރުވެރިކަން ބޭރުދުނިޔެއަށް އިޝްތިހާރުކުރުމަށް ކުރަމުންދާ ގިނަގުނަ މަސައްކަތް ފުރިހަމައަށް ރަމްޒުކޮށްދޭ، ދިވެހިން ފަހުރުވެރިވާ ފަދަ ކާމިޔާބީއެއް ކަމަށެވެ. މީގެ އިތުރުން، އަހަރުގެ މިހާ ކުރީކޮޅު ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުމަކީ ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ހިތްގައިމުކަމާއި، ދިވެހީންގެ މެހުމާންދާރީ، ދުނިޔޭގެ އެކިކަންކޮޅުތަކުން ބަލައިގެންފައިވާކަމުގެ އަލިގަދަ ހެއްކެއް ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިކާމިޔާބީ ހާސިލުކުރުމަށް މަގުފަހިކޮށްދީފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހީވާގި މަސައްކަތްތެރިންގެ ބުރަ މަސައްކަތުންކަން ފާހަގަކޮށް އެފަރާތްތަކަށް މިނިސްޓަރ ތޯރިޤުވަނީ ޝުކުރު ދަންނަވާފައެވެ.
1 މިލިއަންވަނަ ފަތުރުވެރިޔާ ކާޖަލް ސިންގް އަށް ވަނީ ރައީސުލްޖުމްހޫރިއްޔާ 2024 ވަނަ އަހަރު ދުނިޔޭގެ ތިމާވެށީގެ ދުވަހު ފައްޓަވައިދެއްވާފައިވާ 'ފަސް މިލިއަން ގަސް' ޕްރޮގްރާމްގައި ބައިވެރިވުމަށް ދައުވަތު ދީފައިއެވެ. މި ގޮތުން، މިސް ސިންގް ވަނީ މި ޕްރޮގްރާމްގެ ދަށުން ހުޅުލޭގައި ގަހެއް އިންދާފައިއެވެ. މި ޕްރޮގްރާމަކީ ރާއްޖެ ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރިކޮށް، ރާއްޖޭގެ ފެހިކަން އިތުރުކޮށް، ވިލުންތެރި ގައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާދެއްވާފައިވާ ޕްރޮގްރާމެކެވެ.