ދީން

ﷲ ޝަރަޢަކުރައްވާފައިވާ ޢީދު ފާހަގަކުރުމުގައި، އެކަލާނގެއަށް އުރެދޭފަދަ އެއްވެސް ޢަމަލެއްކޮށްގެންނުވާނެ

ﷲ ޝަރަޢަކުރައްވާފައިވާ ޢީދު ފާހަގަކުރުމުގައި، އެކަލާނގެއަށް އުރެދޭފަދަ އެއްވެސް ޢަމަލެއްކޮށްގެންނުވާނެ

ޢީދު އަލިން މާލެ ދިއްލާފައި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 ޖޫން 2025، 07:22

06 ޖޫން 2025، 07:22

އަޟްޙާ ޢީދަކީ އިސްލާމްދީނުގެ މުހިންމު ޝިޢާރުތަކުގެ ތެރެއިން ޝިޢާރެކެވެ. މާތްﷲ ވަޙީކުރައްވާފައިވާ ފަދައިން، އެކަލާނގެ ޝިޢާރުތަކަށް މާތްކޮށް ހިތުމަކީ ހިތްތަކުގެ ތަޤްވާވެރިކަމުގެ ތެރެއިންވާ ކަމެކެވެ. މި ދުވަހުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މުސްލިމުން އެއް ވަގުތެއްގައި އެއް ކަމެއްގައި ބައިވެރިވުމުން މުސްލިމް އުންމަތުގެ ބާރުވެރިކަމާއި އެއްބައިވަންތަކަން ދައްކުވައިދެއެވެ.

އަޟްޙާ ޢީދު ދުވަހުގެ ޙިކުމަތްތައް ކުރުގޮތަކަށް ބަޔާން ކުރައްވާ މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ!

﴿32﴾ ذَٰلِكَ وَمَن يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِن تَقْوَى الْقُلُوبِ.

މާނައީ: "(ކަންހުރިމަގީ) އެއީއެވެ. އަދި اللَّه ގެ شعائر ތަކަށް (އެބަހީ: هدى ކަތިލުމާއި، أضحية ކަތިލުމާއި، حج ގެ عمل ތަކާއި، އެނޫންވެސް دينى أمر ތަކަށް) މާތްކޮށްހިތާމީހާ (ދަންނާށެވެ!) ފަހެ، އެކަންތައްވަނީ، ހިތްތަކުގެ تقوى ވެރިކަމުގެ ތެރެއިންނެވެ." (އަލް ޙައްޖު 32 ވަނަ އާޔަތް).

މި އާޔަތުން އެނގޭ ގޮތުގައި ޢީދަކީ، ދީނީ ޝިޢާރުތައް (އެބަހީ: އަޅުކަމުގެގޮތުގައި ކުރެވޭ ކަންތައްތައް) ފާޅުކޮށް މަތިވެތިކުރުމުގެ ފުރުސަތު ގެނެސްދޭ ކަމެކެވެ. މިސްކިތްތަކާއި މައިދާންތަކަށް މީސްތަކުން އެއްވެ ޢީދު ނަމާދުކޮށް ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް ދިރުވައި ﷲ ގެ އަމުރުފުޅު ތަންފީޒުކުރަން ޖެހޭނެ ދުވަހެކެވެ. އުޟުޙިޔާ ކަތިލައި، ގާތްތިމާގެ މީހުންނަށް ޒިޔާރަތް ކޮށް، އެކުވެރިކަމާ އެއްބައިވަންތަކަން ދަމަހައްޓަން ޖެހޭނެ ދުވަހެކެވެ. މިފަދަ ޝިޢާރުތަކަށް މާތްކޮށް ހިތުމީ ހިތްތަކުގެ ތަޤުވާ ކަމުގައި ﷲ އަންގަވާފައިވާކަން ވެސް މިއާޔަތުން އެނގެއެވެ.

ޢީދު ދުވަހަކީ އިޖްތިމާޢީ ގުޅުންތައް ހަރުދަނާކުރުމުގެ މުހިންމު ފުރުޞަތެކެވެ. ޢާއިލާއާއި ރަޙްމަތްތެރިންނަށް ޒިޔާރަތްކޮށް، ހަދިޔާ ބަދަލުކޮށް، ކެނޑިފައިވާ ގުޅުންތައް އަލުން އާރާސްތުކުރުމަށް މި ދުވަހުން ފުރުޞަތު ލިބެއެވެ. އަދި މިއީ ﷲގެ ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ދުވަހެކެވެ. 

ޢީދު ދުވަހަކީ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގަންނަ ދުވަހެކެވެ. ރީތި ހެދުން އެޅުމާއި، މީރު ކާނާ ތައްޔާރުކުރުމާއި، އެކުވެރިންނާ ބައްދަލުކުރުމުގެ ތެރެއިން އުފާވެރިކަން ލިބިގަތުމުގެ ފުރުޞަތު ލިބެއެވެ. މީގެ އިތުރުން، ޢީދު ދުވަހު ކުރެވޭ ހެޔޮ ޢަމަލުތަކުގެ ތެރެއިން އިސްލާމީ އަޚްލާޤު ދިރުވައި، މުޖުތަމަޢުގެ ގުޅުން ބަދަހިކުރެވެއެވެ.

ނަމަވެސް، މި ދުވަސް ފާހަގަކުރުމުގައި އިސްލާމީ މިންގަނޑުތަކާ ޚިލާފު ނުވާނެ ގޮތަށް ޢަމަލުކުރުން މުހިންމެވެ. ހުއްދަނޫން ކަންކަމުން ދުރުހެލިވެ، ﷲގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތްކުރަންވާނެއެވެ. ބަޔާންކުރިފަދަ ގިނަ ޙިކުމަތްތަކާއެކު ﷲ ޝަރަޢަކުރައްވާފައިވާ ޢީދު ފާހަގަކުރުމުގައި، އެކަލާނގެއަށް އުރެދޭފަދަ އެއްވެސް ޢަމަލެއްކޮށްގެންނުވާނެއެވެ. އެގޮތުން، ދެޖިންސުގެ ހިލޭ މީހުން މަސްހުނިވެ، ހިތްތަކަށް ފާހިޝް ހިޔާލުތަކާ ޝައިޠާނީ ވަސްވާސްތައް އަންނަފަދަ ގޮތަކަށް އުފާވެރިކަން ހޯދައިގެން ނުވާނެއެވެ. ފެނާއި ކުލަ ޖަހައި، ހަށިގަނޑުގެ ވަނާތައް ފާޅުވާފަދަ ހެދުންތަކުގައި އުޅިގެން ނުވާނެއެވެ. ހަޑިހުތުރު، އަދި ފާހިޝް އިބާރާތްތައް ބޭނުން ކޮށްގެން ހަދާފައިވާ ލަވަތައް ކިޔައި ހަޑި މުޑުދާރުހާ ވައްތަރުތައް ޖައްސާ ނަށައި ނާޗަރަންގީ ކުޅުމަކީ އިސްލާމީ ހަމައިން ބަލާއިރު ހުއްދަކަމެއްނޫނެވެ. މިހުންނަނީ ޢީދު ޝަރުޢު ވުމާއު ޢީދުގެ މުޅި މަޤުޞަދާއި ހިލާފު ކަންކަމެވެ. އުފާ ކުރުން ހުއްޓެވެ! ހިތްހަމަޖެހުން ލިބިގަތުންވެސް ހުއްޓެވެ! ހީލާ ސަމާސާކޮށްލުން ވެސް ހުއްޓެވެ! ކުޅިވަރުކޮށް ވާދަވެރިކަމާއި އެކު ފޯރި ނެގުންވެސް ހުއްޓެވެ! އެކުވެ އެކުވެރިވުންވެސް ހުއްޓެވެ! ނަމަވެސް މި ހުރިހާކަމެއްވެސް ކުރުން އޮތީ އަޅުކަންތަކަށް ބުރޫ ނަރާނެހެންނެވެ. ފާހިޝް ކަންކަމާއި މުންކަރާތްތަކަށް މަގުފަހި ނުވާނެ ގޮތްގޮތަށެވެ.

ޢީދު ދުވަހުގެ އަޞްލު މަޤްޞަދަކީ ﷲ އަށް ކިޔަމަންތެރިވެ، އެކަލާނގެ ނިޢުމަތްތަކަށް ޝުކުރުވެރިވެ، މުސްލިމުންގެ އެއްބައިވަންތަކަން ދައްކުވައިދިނުމެވެ. އަޅުގަނޑުމެން އެންމެން މި މަޤްޞަދު ހާޞިލުކުރުމަށް މަސައްކަތްކުރަންވާނެއެވެ. މިގޮތުން، ޢީދު ނަމާދުގައި ބައިވެރިވެ، އުޟްޙިޔާ ޤުރުބާން ކުރުމާއި، ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް، މިސްކީނުންނަށް ޞަދަޤާތްދިނުންފަދަ ކަންކަން ކުރުމަށް ސަމާލުކަން ދޭންވާނެއެވެ.

އަޟްޙާ ޢީދަކީ އިސްލާމީ އަޤީދާއާއި އަޚްލާޤު އާލާކޮށް، މުސްލިމުންގެ އެއްބައިވަންތަކަން ހާމަކޮށްދޭ މުހިންމު މުނާސަބަތެކެވެ. މި ދުވަހުގެ ޙިކުމަތްތަކުގެ ތެރޭގައި ﷲ އަށް ޝުކުރުވެރިވުމާއި، އިޖްތިމާޢީ ގުޅުންތައް ބަދަހިކުރުމާއި، އުފާވެރިކަން ހިއްސާކުރުން ހިމެނެއެވެ.
ޢީދު ފާހަގަކުރުމުގައި އިސްލާމީ އަދަބުތަކާއި އުޞޫލުތަކަށް ފަރުވާތެރިވުން މުހިންމެވެ. ޢީދު ނަމާދުގައި ބައިވެރިވުމާއި، އުޟްޙިޔާ ޤުރުބާން ކުރުމާއި، ގާތްތިމާގެ މީހުންނަށް ޒިޔާރަތްކުރުމާއި، މިސްކީނުންނަށް އެހީތެރިވުންފަދަ ކަންކަމަށް އިސްކަންދޭންވާނެއެވެ. އަދި ހަމައެހެންމެ، އިސްލާމްދީނާ ޚިލާފު ޢަމަލުތަކުން ދުރުހެލިވާންވާނެއެވެ.

ޢީދު ދުވަހަކީ މުސްލިމުންގެ ހިތްތަކުގައި އީމާންކަން އާލާކޮށް، އެކުވެރިކަމާއި އޯގާތެރިކަން އިތުރުކޮށް، ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތްކުރާ ދުވަހެކެވެ. މި ދުވަހުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް ކޮންމެ މުސްލިމަކުވެސް މަސައްކަތްކުރަންވާނެއެވެ.

ޢީދު ދުވަހުގެ އަނެއް މުހިންމު ސިފައަކީ މާފުކުރުމާއި ރުހުން ހޯދުމެވެ. މި ދުވަހަކީ އެކަކު އަނެކަކަށް މާފުކޮށް، ހިތްތަކުގައި އޮތް ރުޅިވެރިކަމާއި ފިތުނަވެރިކަން ފިލުވާލުމަށް އެންމެ އެކަށޭނަ ދުވަހެވެ. މިކަމުގެ ސަބަބުން މުޖުތަމަޢުގެ ގުޅުން ބަދަހިވެ، ސުލްޙަވެރިކަން އިތުރުވެގެންދެއެވެ.

އަދި ޢީދު ދުވަހަކީ ދީނީ ޢިލްމު އުނގެނުމާއި އުނގަންނައިދިނުމުގެ ފުރުޞަތު ވެސް މެއެވެ. ޢީދު ޚުޠުބާގައި ދެވޭ ނަޞޭޙަތްތަކާއި، ޢާއިލާ ތެރޭގައި ކުރެވޭ ދީނީ ވާހަކަތަކުން މި ފުރުޞަތު ލިބިގެންދެއެވެ. މިއީ ކުޑަކުދިންނަށް ޢީދުގެ މުހިންމުކަމާއި އިސްލާމްދީނުގެ ތަޢާލީމުތައް އުނގަންނައިދިނުމަށް ރަނގަޅު ފުރުޞަތެކެވެ.

ޢީދު ދުވަހު ކުރެވޭ ހެޔޮ ޢަމަލުތަކުގެ ސަބަބުން ލިބޭ ޘަވާބު ގިނަވެގެންދާނެކަމަށް އުއްމީދުކުރެވެއެވެ. އެހެންކަމުން، މި ދުވަހު ވީހާވެސް ގިނަ ހެޔޮ ޢަމަލުތައް ކުރުމަށް މަސައްކަތްކުރަންވާނެއެވެ. މިސާލަކަށް ޞަދަޤާތްދިނުމާއި، ބަލިމީހުންނަށް ޒިޔާރަތްކުރުމާއި، ޔަތީމުންނަށް އޯގާތެރިވުންފަދަ ކަންކަން ހިމެނެއެވެ.
އަޟްޙާ ޢީދަކީ އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމާއި، ﷲ އަށް ކިޔަމަންތެރިވުމާއި، އިޖްތިމާޢީ ގުޅުންތައް ހަރުދަނާކުރުމުގެ ފުރުޞަތު ގެނެސްދޭ މުހިންމު މުނާސަބަތެކެވެ. 

                    


                    

މި ލިޔުން ކިޔާލުމުން