ދުނިޔެ
ޙަމާސް ޖަމާޢަތާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް އެހީވާ ކަމަށް ނަތަންޔާހޫ އެއްބަސްވެއްޖެ

ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
ފަލަސްޠީނުގެ ޣައްޒާގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ ޙަމާސް ޖަމާޢަތާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ޒަޔަނިސްޓު އިސްރާއީލުން އެހީތެރިކަން ފޯރުކޮށްދެމުންދާކަން ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްބަސްވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ ޣައްޒާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ޔަހޫދީން އެހީތެރިކަން ފޯރުކޮށްދީ، ހަތިޔާރު ދެމުންދާކަމުގެ ތުހުމަތުތައް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
ނަތަންޔާހޫ ބުނެފައިވަނީ ޙަމާސާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ޣައްޒާގައި ހަރަކާތްތެރިވާ ބައެއް ހަތިޔާރު އެޅި ޖަމާޢަތްތަކަށް އިސްރާއީލުން ހިތްވަރުދީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. މިފަދަ ޖަރީމާތައް ހިންގަމުންދާކަމުގެ ތުހުމަތު ފުރަތަމަ ކޮށްފައިވަނީ އިސްރާއީލުގެ ކުރީގެ ދިފާޢީ ވަޒީރު އަވީގްދޯ ލީބަރމަނެވެ.
ބައިނަލްއަޤްވާމީ އެހީ ޖަމުޢިއްޔާތަކުން ބުނެފައިވަނީ ނަތަންޔާހޫގެ ސަރުކާރުން ވާގިވެރިވާ ހަތިޔާރު އެޅި ގުރޫޕުތަކުން އެހީގެ ތަކެތި ރައްކާކޮށްފައިވާ ގުދަންތަކަށް ޙަމަލާދީ، އެތަންތަން ލޫޓުވައި ކާބޯތަކެތި ވަގަށް ގެންދަމުންދާ ކަމަށެވެ. ނަމަވެސް ނަތަންޔާހޫގެ ސަރުކާރުން ތުހުމަތުކުރަމުން އައީ މިކަން ކުރަނީ ޙަމާސް ޖަމާޢަތުން ކަމަށެވެ.
އެސޯސިއޭޓެޑް ޕްރެސްއަށް މަޢުލޫމާތު ދިން އިސްރާއީލީ މަޞްދަރެއް ބުނެފައިވަނީ ނަތަންޔާހޫގެ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުންދާ ހަތިޔާރު އެޅި ގުރޫޕުތަކުގެ ތެރޭގައި "އަބޫ ޝަބާބް" ކިޔާ ގުރޫޕެއް ހިމެނޭ ކަމަށެވެ. މިއީ ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙުގައި ހަރަކާތްތެރިވާ 100 އެއްހާ މެންބަރުން ހިމެނޭ ގުރޫޕެކެވެ.
މި ގުރޫޕުން ބުނެފައިވަނީ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)އާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށެވެ. ޖީއެޗްއެފްއަކީ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެހީތެރިކަމާއެކު އުފައްދާފައިވާ ޖަމު ޖަމުޢިއްޔާއެކެވެ.
ޖީއެޗްއެފްގެ ނަމުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފާޑުކިޔުންތައް އިތުރުވުމާއެކު، އެ ޖަމުޢިއްޔާއިން ވަނީ ޖޫން 4 ވަނަ ދުވަހު އެހީ ބެހުމުގެ މަސައްކަތްތައް ވަގުތީގޮތުން މެދުކަނޑާލާފައެވެ. ނަމަވެސް ރަފަޙްގައި އިތުރު ދެ މަރުކަޒު ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އެ ޖަމުޢިއްޔާއިން ބުނެފައިވެއެވެ.
މި ދަނޑިވަޅުގައި ވެސް ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ އެކި ކަންކޮޅުތަކަށް ނިރުބަވެރި ޙަމަލާތައް އަމާޒުކުރަމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދީފައިވާ ޙަމަލާތަކުގައި 52 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ޞިއްޙީ ދާއިރާގެ އޮފިޝަލުން ހާމަކޮށްފައިވެއެވެ. މީގެ ތެރޭގައި ހަތަރު ނޫސްވެރިން ވެސް ހިމެނެއެވެ.