ޚަބަރު
"ވަށަފަރު މީހުން އުނބަށް ޖެހުން" މި ހާދިސާއަށް ބިނާކޮށް ވަށަފަރުގެ ރަށު ރަމްޒު މޮނިއުމަންޓް ހުޅުވައިފި

ވަށަފަރުގެ ރަށު ރަމްޒު މޮނިއުމަންޓް
ހއ. ވަށަފަރުގެ ރަށު ރަމްޒެއްގެ ގޮތުގައި ހަދާފައިވާ މޮނިއުމަންޓް ރަސްމީކޮށް ހުޅުވައިފިއެވެ. މި މޮނިއުމަންޓް ހުޅުވައިދެއްވީ މިކަމަށްޓަކައި ވަށަފަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޞިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ނާޒިމްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޞިއްޙީ ވަޒީރު ވިދާޅުވީ މިފަދަ މަސައްކަތްތަކުން ރަމްޒުކޮށްދެނީ ރަށުގެ ރައްޔިތުންނާއި ކައުންސިލުން ރަށުގެ ތަރައްޤީއަށް ގެންގުޅޭ ވިސްނުންކަމަށެވެ. އަދި ރަށުގެ ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން މިއިން ވަރަށް ބޮޑަށް ހާމަވެގެންދާކަމަށް ވަޒީރު ނާޒިމް ފާހަގަކުރެއްވިއެވެ.
"މިފަދަ ކަންކަމުން ރަމްޒުކޮށްދެނީ ރަށުގެ އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން. ތަރައްޤީއާއި ތަހުޒީބު ގެނައުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުމާއި ފިކުރު. އެއީ އެންމެ މުހިންމު ކަންތައް ރަށަކަށް ބޭނުންވާނެ," ޞިއްޙީ ވަޒީރު ނާޒިމް ވިދާޅުވިއެވެ.
ވަށަފަރުގައި ހަދާފައިވާ މި މޮނިއުމަންޓަކީ އެރަށަށް ނިސްބަތްވާ "ވަށަފަރު މީހުން އުނބަށް ޖެހުން" މި ހާދިސާއަށް ބިނާކޮށް ހަދާފައިވާ މޮނިއުމަންޓެކެވެ. މި މޮނިއުމަންޓުގައި އުނބެއްގެ މަތީގައި ބަހައްޓާފައިވާ ރިޔާނެގި ދޯންޏެއް ފެންނަން ހުރެއެވެ. އަދި ދޯނި ކައިރީގައި މަޑިއަކާއި ކޯމަހެއްވެސް ހަދާފައިވެއެވެ. މި މޮނިއުމަންޓް ފުރިހަމަވެގެން ދަނީ ދޯނީގެ ކައިރީގައި ހުރި ހުސް އުނބުތަކުންނެވެ.
ވަށަފަރު މީހުން ބުނާ ގޮތުގައި މި މޮނިއުމަންޓުން ރަމްޒުކޮށްދެނީ އެރަށުގެ ޚާއްޞަ އައިޑެންޓިޓީއެވެ. އަދި މިއީ އެރަށު މީހުން ފަޚުރުވެރިވާ ކަމެއްކަމަށް އެމީހުން ބުނެއެވެ. މި މޮނިއުމަންޓް ހުޅުވުމާއެކު، ވަށަފަރުގެ ތާރީޚީ ވާހަކައެއް ދިރުވައި، ރަށުގެ ޘަޤާފަތާއި އާދަކާދަ ދަމަހައްޓަން އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ.