ދުނިޔެ

ސްވީޑިޝް މޫސުމީ ހަރަކާތްތެރިޔާ ގްރެޓާ ތުންބާގް ޣައްޒާ ރައްޔިތުންނަށް އެހީހިފައިގެން ކަނޑުމަގުން ޣައްޒާއަށް

ސްވީޑިޝް މޫސުމީ ހަރަކާތްތެރިޔާ ގްރެޓާ ތުންބާގް ޣައްޒާ ރައްޔިތުންނަށް އެހީހިފައިގެން ކަނޑުމަގުން ޣައްޒާއަށް

ގްރެޓާ ތުންބާގް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 ޖޫން 2025، 04:49

05 ޖޫން 2025، 04:49

ޢައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ސްވީޑިޝް މޫސުމީ ހަރަކާތްތެރިޔާ ގްރެޓާ ތުންބާގް ހިމެނޭ އުޅަނދެއް ގާޒާއަށް ދަތުރުކުރަމުންދާއިރު، އެ އުޅަނދު ހުއްޓުވުމަށް އިސްރާއީލުން ތައްޔާރުވެފައިވާކަމަށް އެ ގައުމުގެ ސިފައިންގެ އިސް އޮފިޝަލެއް ބުނެފިއެވެ.
އިސްރާއީލް ޑިފެންސް ފޯސަސް (އައިޑީއެފް)ގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް އެފީ ޑެފްރިން ދަ ޓައިމްސް އޮފް ލަންޑަނަށް ވިދާޅުވީ މިފަދަ ހާލަތްތަކަށް އެ ގައުމުގެ ސިފައިން ތައްޔާރުވެފައިވާ ކަމަށެވެ. ނަމަވެސް އެ އުޅަނދާ މެދު އަޅާނެ ފިޔަވަޅުތަކުގެ ތަފްސީލު އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
22 އަހަރުގެ ގްރެޓާ ތުންބާގް ދަތުރު ފެށީ އާދީއްތަ ދުވަހު ފްރީޑަމް ފްލޮޓިލާ ކޯލިޝަން (އެފްއެފްސީ)ގެ މަޑްލީން އުޅަނދުގައެވެ. މި އުޅަނދުގައިޢައްޒާގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި އެކުލެވެއެވެ. އޭގެ ތެރޭގައި ކިރު، ޕްރޮޓީން ބާރ، ކުޑަކުދިންގެ ކިރުފުޅި، ޑައިޕަރ، ފުށް، ހަނޑޫ، ފެން ފިލްޓަރު، ސާފުތާހިރުވާން ބޭނުންކުރާ ތަކެއްޗާއި މެޑިކަލް އާލާތްތައް ހިމެނެއެވެ.

މި ދަތުރުގައި ގްރެޓާ ތުންބާގްގެ އިތުރުން ގޭމް އޮފް ތްރޯންސް އެކްޓަރު ލިއަމް ކަނިންގްހަމް ހިމެނޭ ގޮތަށް 12  ބައިނަލްއަގްވާމީ ހަރަކާތްތެރިން ބައިވެރިވެއެވެ. އެފްއެފްސީން ބުނީ މި މިޝަނަކީ އިސްރާއީލުން ގާޒާއަށް އަޅާފައިވާ ގާނޫނާ ޚިލާފު ބްލޮކޭޑާއި އިތުރުވަމުންދާ ހަނގުރާމައިގެ ކުށްތަކަށް ގޮންޖެހުމަށް ކުރާ އަނިޔާވެރިކަމެއް ނެތް ސީދާ ހަރަކާތެއް ކަމަށެވެ.

ދަތުރުގައި ބައިވެރިވާ ހަރަކާތްތެރިން ބުނާ ގޮތުގައި އެ މީހުންގެ އުޅަނދު ގްރީކް ކޯސްޓް ގާޑުގެ ޑްރޯންތަކުން އަންނަނީ ފަހަތުން ދުއްވަމުންނެވެ. އަދި އެ މީހުންގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމަޢުއަށް ގޮވާލާފައިވެއެވެ.

ގްރެޓާ ތުންބާގް ވަނީ މި ދަތުރުގެ މަންޒަރުތައް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ޙިއްސާކޮށްފައެވެ. އޭގެ ތެރޭގައި އޭނާ  ފަލަސްޠީނު ދިދަ ހިފައިގެން ހުރި މަންޒަރާއި މެޑިޓަރޭނިއަން ކަނޑުގައި  އުޅޭ މަންޒަރު ހިމެނެއެވެ.
ދަތުރު ފެށުމުގެ ކުރިން ދެއްކެވި ވާހަކަފުޅުގައި ގްރެޓާ ތުންބާގް ވިދާޅުވީ، "އަޅުގަނޑުމެން މިކަން މިކުރަނީ އަޅު ގަނޑުމެންނަށް ކުރިމަތިވާ ހުރަސްތައް ކިތަންމެ ބޮޑުވިޔަސް، އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭތީއެވެ. އަޅުގަނޑުމެން މަސައްކަތް ކުރުން ހުއްޓާލާ ވަގުތަކީ އަޅުގަނޑުމެންގެ އިންސާނިއްޔަތުކަން ގެއްލޭ ވަގުތެވެ." މި ވާހަކަފުޅު ދައްކަވަމުން އޭނާ ދިއައީ ރޮމުންނެވެ.


މީގެ ކުރިން، ގްރެޓާ ތުންބާގް ގޮވައިގެން މޯލްޓާއަށް ދަތުރުކުރަމުންދިޔަ އެފްއެފްސީގެ އެހެން އުޅަނދަކަށް ގެއްލުން ލިބުނު ކަމަށް ރިޕޯޓުކުރެވުނެވެ. އެފްއެފްސީން ތުހުމަތުކުރީ އިސްރާއީލުން ޑްރޯންތައް ބޭނުންކޮށްގެން އެ އުޅަނދަށް ހަމަލާދިން ކަމަށެވެ.
މި ދަތުރަކީ އިސްރާއީލުން 90 ދުވަހަށްވުރެ ގިނަ ދުވަހު ގާޒާއަށް އަޅާފައިވާ ބްލޮކޭޑް ތެރޭގައި ކުރެވޭ ދަތުރެކެވެ. އަދި 2007 އިން ފެށިގެން އިސްރާއީލުން ވަނީ ޢައްޒާގެ އެއްގަމާއި ކަނޑާއި ވައިގެ މަގުތަކަށް ހުރަސްތަކެއް ކުރިމަތިކޮށްފައެވެ.
މި ދަތުރަކީ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރެވޭ ދަތުރެއް ކަމަށް ބުނާއިރު، އިސްރާއީލުން މި ދަތުރަށް ހުރަސްއެޅުމަށް ތައްޔާރުވަމުންދާކަން ފާހަގަކުރެވެއެވެ. މިކަމުން ޢައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމުގައި ދިމާވެދާނެ ގޮންޖެހުންތަކާ މެދު ކަންބޮޑުވުން އުފެދިފައިވެއެވެ.

                    

                    

މި ލިޔުން ކިޔާލުމުން

Ads by MSS