ދުނިޔެ
ކޮންމެ އަހަރަކު 19-23 މިލިއަން ޓަނުގެ ޕްލާސްޓިކު ކުނި ކަނޑާއި،ކޯރުތަކަށް އަޅާ : އދ

ޕްލާސްޓިކުގެ މައްސަލައަކީ އެހެން ތިމާވެށީގެ މައްސަލަތަކާ ގުޅިފައިވާ ކަމެއް
ކޮންމެ އަހަރަކު ޖޫން 5 ވަނަ ދުވަހަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ކަމުގައި ފާހަގަކުރެވެއެވެ. މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ބާއްވާނީ ކޮރެއާ ކަމަށް އދ. އިން ވަނީ ހާމަކޮށްފައެވެ. މި އަހަރުގެ ޝިއާރަކީ ދުނިޔެއިން ޕްލާސްޓިކުގެ ތަޣައްޔަރު ނައްތާލުމެވެ.
އދ. ގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި، ކޮންމެ އަހަރަކު 19-23 މިލިއަން ޓަނުގެ ޕްލާސްޓިކު ކުނި ކަނޑާއި، ކޯރުތަކާއި، ފެންގަނޑުތަކަށް އެޅެމުންދެއެވެ. މިއީ ދުވާލަކު 2،000 ކުނިއުފުލާ ޓްރަކު ފުރޭ މިންވަރުގެ ޕްލާސްޓިކެވެ. މި ކުނީގެ ސަބަބުން ތިމާވެށްޓަށާއި، އިންސާނުންގެ ދިރިއުޅުމަށާއި، ކާބޯތަކެތި އުފެއްދުމަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް އދ. އިން ވަނީ ފާހަގަކޮށްފައެވެ.
އދ. ގެ ތިމާވެށީގެ ޕްރޮގްރާމުން ބުނާ ގޮތުގައި، ޕްލާސްޓިކުގެ މައްސަލައަކީ އެހެން ތިމާވެށީގެ މައްސަލަތަކާ ގުޅިފައިވާ ކަމެކެވެ. މޫސުމަށް އަންނަ ބަދަލުތަކާއި، ދިރޭތަކެތީގެ ވެށި ހަލާކުވުމާއި، ވަސީލަތްތައް ބޭނުންކުރެވޭ ގޮތާ ގުޅިގެން ޕްލާސްޓިކުގެ ސަބަބުން ކުރާ އަސަރުތައް ވަޒަންކުރަން ޖެހެއެވެ.
މި އަހަރުގެ ތިމާވެށީގެ ދުވަހުގެ މަޤްޞަދަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިކުރުމެވެ. މީގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ފިޔަވަޅުތަކާއި، ދެމެހެއްޓެނިވި އުފެއްދުންތެރިކަމާއި ބޭނުންކުރުމާއި، ކަނޑުތަކާއި ސަމުދުރުތައް ހިމާޔަތްކުރުމާއި، ދިރޭތަކެތީގެ ވެށި އާލާކުރުން ހިމެނެއެވެ.