ޚަބަރު
ދިވެހި ހުރިހާ ޙައްޖާޖީންވެސް މިހާރު ތިބީ ޢަރަފާތުބިމުގައި

ޙައްޖާޖީން ޢަރަފާތު ބިމުގައި ހެނދުނުގެ ނާސްތާ ކުރަނީ- ފޮޓޯ: ޙައްޖު ކޯޕަރޭޝަން
ދިވެހި ހުރިހާ ޙައްޖާޖީންވެސް މިހާރު ތިބީ ޢަރަފާތު ބިމުގައި ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ވިދާޅުވީ ޙައްޖުވެރިން ޢަރަފާތު ބިމަށް ދިއުމަށް ދަތުރުފަށާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި، މައްކާ ގަޑިން 3:30 ވީއިރު ދިވެހި ހުރިހާ ޙައްޖުވެރިންނަށް ޢަރަފާތު ޓެންޓުތަކާއިހަމައަށް ދެވިފައިވާކަމަށެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ ދިވެހި ޙައްޖުވެރިންގެ ޙާލު ރަނގަޅުކަމަށާއި ހައްޖުވެރިން މިއަދު ވަގުތުތައް ހޭދަކުރާނީ ޢަރަފާތުގައި ޤާއިމްކޮށްފައިވާ ޓެންޓުތަކުގައިކަމަށެވެ. މިއަދުގެ އިރުއޮއްސުމާއި ހަމައަށް ޢަރަފާތުގައި ޙައްޖުވެރިން މަޑުކުރުމަށްފަހު ދެން ދަތުރުކުރާނީ މުޒްދަލިފާއަށެވެ. މުޒްދަލިފާއިން ނިކުންނާނީ ފަތިސްނަމާދު ކުރުމަށްފަހުއެވެ.
އެއަށްފަހު މިނާގައި ރޭކުރުމަށްފަހު، ތިން ޖަމްރާއަށް ހިލައުކުމަށްފަހު ޙައްޖުވެރިން ދެން ދާނީ ޠަވާފުލްއިފާޟާކުރުމާއި ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސަޢުޔުކުރުމަށެވެ. ޙައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާޢުގެ ޠަވާފުކޮށް ޙައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.