ކޮލަމް
ކަނޑުގެ އެންމެ ދިގު މަސްތަކުގެ ތެރެއިން މަހެއްކަމަށްވާ "އޯފިޝް"އެއް ފެނިއްޖެ

އޯފިޝް
ޓަސްމޭނިއާގެ ސްޓްރަހަން ސަރަޙައްދުގެ އޯޝަން ބީޗުން ވަރަށް މަދުން ފެންނަ، ކަނޑުގެ އެންމެ ދިގު މަސްތަކުގެ ތެރެއިން މަހެއްކަމަށްވާ އޯފިޝްއެއް ފެނިއްޖެއެވެ. 3 މީޓަރު ދިގު އޯފިޝް ފެނުނީ ހޯމަ ދުވަހު އެ ސަރަޙައްދުގެ ރަށްވެއްސެއް ކަމަށްވާ ސިބިލް ރޮބަޓްސަން ގޮނޑުދޮށުގައި ހިނގާލަން ނިކުމެ އުޅުނު ވަގުތެއްގައެވެ.
މިސް ރޮބަޓްސަން ވިދާޅުވި ގޮތުގައި އޭނާގެ އިސްކޮޅަކީ 5 ފޫޓު 9 އިންޗި ކަމަށާއި، އަދި އެ މަހުގެ ދިގުމިން އޭނާގެ ތިން ފިޔަވަޅަށްވުރެ އިތުރު ކަމަށެވެ. "އެއީ ވަރަށް "ފެންޓާސްޓިކް" މަހެއް. އަހަރެންނަށް އެނގިގެންދިޔައީ އެއީ ވަރަށް އާދަޔާ ޚިލާފު، ޢަޖައިބު އެއްޗެއްކަން،" އޭނާ ކިޔައިދިނެވެ.
މި މަހުގެ ފޮޓޯ ސޯޝަލް މީޑިއާގައި ޝާއިޢުކުރުމަށްފަހު، އެ ޕޯސްޓް ރެޑިޓްގައި ޙިއްސާކުރުމުން ވަރަށް އަވަހަށް ވައިރަލްވިއެވެ. ގިނަ ބަޔަކު މި މަހާ ގުޅޭގޮތުން ޚިޔާލު ޚިޔާލު ފާޅުކޮށްފައިވެއެވެ. އޭގެ ތެރޭގައި މި މަހަކީ ކާރިސާއެއް ހިނގުމުގެ ނިޝާނެއް ކަމަށް ޤަބޫލްކުރާ މީހުންވެސް ހިމެނެއެވެ.
ޓަސްމޭނިއާ ޔުނިވަރސިޓީގެ ކަނޑުގެ އިކޮލޮޖިސްޓެއް ކަމަށްވާ ނެވިލް ބެރެޓް ވިދާޅުވި ގޮތުގައި މިފަދަ މަހެއް ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ. އެއީ އެ ސަރަޙައްދުގައި މީހުން ނުއުޅޭތީއާއި، އެހާ ފުން ސަރަޙައްދުތަކުގައި މަސްވެރިކަން ނުކުރާތީއެވެ.
އޯފިޝްއަކީ ވަރަށް މަދުންފެންނަ ، މަޑުމައިތިރި މަހެކެވެ. އާންމުކޮށް ފެންމަތީގައި ، ޕްލެންކްޓަން ކައިގެން އުޅޭ މަހެކެވެ. ޖަޕާނުގެ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މި މަހަކީ ގުދުރަތީ ކާރިސާތަކުގެ ނިޝާނެކެވެ. ބައެއް ފަހަރު ބޮޑެތި ބިންހެލުންތަކުގެ ކުރިން މި މަސް ފެންމައްޗަށް އަރާކަމަށް ރިޕޯޓުކުރެވިފައިވެއެވެ.