ދުނިޔެ / ޚަބަރު

އދގެ ސަލާމަތީ މަޖިލީހަށް އައު ފަސް މެންބަރުން އިންތިޚާބުކޮށްފި

އދގެ ސަލާމަތީ މަޖިލީހަށް އައު ފަސް މެންބަރުން އިންތިޚާބުކޮށްފި

އދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުެއްގެ ތެރެއިން ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ޖޫން 2025، 12:15

04 ޖޫން 2025، 12:15

އެކުވެރި ދައުލަތްތަކުގެ (އދ) ސަލާމަތީ މަޖިލީހަށް އައު ފަސް މެންބަރުން އިންތިޚާބުކޮށްފިއެވެ. މި އިންތިޚާބު ބޭއްވުނީ އދގެ ޢާންމު މަޖިލީހުގައި ނެގުނު ވޯޓަކުންނެވެ. އަލަށް އިންތިޚާބުކުރެވުނު ޤައުމުތަކަކީ ބަޙްރައިން، ކޮލޮމްބިޔާ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، ލެޓްވިޔާ އަދި ލައިބީރިޔާއެވެ.

މި ފަސް ޤައުމު އިންތިޚާބުކުރެވިފައިވަނީ 2026 އިން 2027 އަށް، ދެ އަހަރު ދުވަހުގެ ދައުރަކަށެވެ. މި ޤައުމުތަކުގެ ދައުރު ފެށޭނީ 2026 ޖަނަވަރީ 1 ގައެވެ. މި އިންތިޚާބު ބޭއްވުނީ އަލްޖީރިޔާ، ސިއެރެ ލިޔޯން، ދެކުނު ކޮރެޔާ، ގަޔާނާ އަދި ސްލޮވީނިޔާގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

އދގެ ސަލާމަތީ މަޖިލީހުގައި ޖުމްލަ 15 މެންބަރުން ހިމެނެއެވެ. އޭގެ ތެރެއިން ފަސް މެންބަރުންނަކީ ދާއިމީ މެންބަރުންނެވެ. އެއީ އިނގިރޭސިވިލާތް، ޗައިނާ، ފަރަންސޭސިވިލާތް، ރަޝިޔާ އަދި އެމެރިކާއެވެ. ބާކީ 10 މެންބަރުންނަކީ އިންތިޚާބުކުރެވޭ މެންބަރުންނެވެ.

މި އިންތިޚާބުގައި އެންމެ ގިނަ ވޯޓު ލިބުނީ ބަޙްރައިނަށެވެ. އެ ޤައުމަށް 186 މެންބަރުންގެ ތާއީދު ލިބުނެވެ. ކޮންގޯއަށް 183 މެންބަރުންގެ ތާއީދު ލިބުނުއިރު، ލެޓްވިޔާއަށް 181 މެންބަރުންގެ ތާއީދު ލިބުނެވެ. ކޮލޮމްބިޔާއަށް 180 މެންބަރުންގެ ވޯޓު ލިބުނުއިރު، ލައިބީރިޔާއަށް 178 މެންބަރުންގެ ތާއީދު ލިބުނެވެ.

މީގެ އިތުރުން، ޖޫން 2 ވަނަ ދުވަހު ބޭއްވުނު އިންތިޚާބުގައި އދގެ ޢާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ރައީސްކަމުގެ މަޤާމަށް ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު އެނެލިނާ ބެއަރބޮކް އިންތިޚާބުކުރެވުނެވެ. އޭނާ މި މަޤާމާ ޙަވާލުވެވަޑައިގަންނަވާނީ ސެޕްޓެންބަރު މަހުއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS