ދުނިޔެ
މަސްޖިދުލް ޙަރާމުގައި ދުނިޔޭގެ އެންމެ ބޮޑު ފިނިކުރާ ނިޒާމު ބޭނުންކުރަން ފަށައިފި

މައްކާގެ ފިނިކުރާ ނިޒާމެއް
ސަޢުދީ ޢަރަބިއްޔާގެ މައްކާގައި ހުންނަ މަސްޖިދުލް ޙަރާމުގައި ދުނިޔޭގެ އެންމެ ބޮޑު ފިނިކުރާ ނިޒާމު ކަމަށް ބުނާ ވަރުގަދަ ފިނިކުރާ ނިޒާމެއް ބޭނުން ކުރަން ފަށައިފިއެވެ. މި ނިޒާމު ބޭނުން ކުރަން ފަށާފައި ވަނީ މި އަހަރުގެ ޙައްޖު މޫސުމާ ދިމާ ކޮށެވެ.
ސަޢުދީ ޢަރަބިއްޔާގެ ހޫނު މޫސުމުގައި ހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ދާއިރު، އާންމު ގޮތެއްގައި ހޫނުމިން ހުންނަނީ 45 ޑިގްރީ ސެލްސިއަސްއަށްވުރެ ވެސް މަތީގައެވެ. މި ހާލަތުގައި ޙައްޖާއި އުމްރާވެރިންނަށް އަޅުކަމުގެ ކަންކަން ފަސޭހަ ކޮށްދިނުމަށް، ވަރުގަދަ ފިނިކުރާ ނިޒާމެއް ބޭނުން ކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
އަލަށް ބޭނުން ކުރަން ފަށާފައިވާ މި ނިޒާމަށް 155،000 ޓަނު ފިނި ކުރުމުގެ ޤާބިލިއްޔަތުކަން ލިބިފައިވެއެވެ. މިއީ ގަޑިއިރެއްގެ ތެރޭގައި 1.86 ބިލިޔަން ބީޓީޔޫ ފިނިކޮށްދޭ މިންވަރެވެ. މި ނިޒާމުގެ މަސައްކަތްތައް ކުރަނީ އަލް-ޝާމިޔާ އަދި އަޖްޔަދު ސްޓޭޝަން ކަމަށްވާ މައިގަނޑު ދެ މަރުކަޒަކުންނެވެ.
މި ނިޒާމުގެ ދަށުން މިސްކިތުގެ ހުރިހާ ސަރަޙައްދުތައް ފިނި ކޮށްދެއެވެ. މިސްކިތުގެ ފިނިހޫނުމިން 22 ޑިގްރީއާއި 24 ޑިގްރީއާ ދެމެދު އެ ނިޒާމުން ދަމަހައްޓައިދެއެވެ. އަދި ފިނި ކުރާ ނިޒާމުގެ ތެރޭގައި ވައި ސާފު ކުރާ ޒަމާނީ ޓެކްނޮލޮޖީ ވެސް ހިމަނާފައި ވެއެވެ. މި ނިޒާމުން ވައިގެ ތެރޭގައި ހުންނަ ޖަރާސީމުގެ 95 އިންސައްތަ ނައްތާލައެވެ.
މި އަހަރުގެ ޙައްޖު މޫސުން ހޫނު މޫސުމުގެ އެންމެ ހޫނު ދުވަސްވަރާ ދިމާވާތީ، މި އައު ނިޒާމުގެ ސަބަބުން ޙައްޖުވެރިންގެ ތެރެއިން ދުވަސްވީ މީހުންނަށާއި ބަލި މީހުންނަށް ބޮޑެތި ފަސޭހަތައް ލިބިގެންދާނެއެވެ. މީގެ އިތުރުން، މަސްޖިދުލް ޙަރާމުގެ ތަޅުންގަނޑު ވެސް ހަދާފައި ވަނީ ހޫނުކަން ކުޑަކޮށްދޭ ގްރީކް ތަސޮސް ބޭނުން ކޮށްގެންނެވެ.