ދުނިޔެ

ޙައްޖުވެރިންނަށް ޑްރޯންގެ އެހީތެރިކަމާއެކު ބޭސް ފޯރުކޮށްދިނުމުގެ ޚިދުމަތް ފަށައިފި

ޙައްޖުވެރިންނަށް ޑްރޯންގެ އެހީތެރިކަމާއެކު ބޭސް ފޯރުކޮށްދިނުމުގެ ޚިދުމަތް ފަށައިފި

ޑްރޯންގައި ބޭސް ފޯރުކޮށްދެނީ ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 ޖޫން 2025، 05:23

03 ޖޫން 2025، 05:23

ސަޢޫދީ ޢަރަބިއްޔާގެ ޞިއްޙަތާއި ބެހޭ ވަޒީރު ފަހަދު އަލްޖަލާޖެލް ވިދާޅުވެފައިވަނީ، ޙައްޖު މޫސުމުގައި ޑްރޯން މެދުވެރިކޮށް ބޭސް ފޯރުކޮށްދޭ އައު ޚިދުމަތަކީ ދެ އަހަރުގެ ދިގު މުއްދަތެއްގައި ކުރެވުނު ދިރާސާތަކާއި ތަޖުރިބާތަކުގެ ނަތީޖާއެއް ކަމަށެވެ. މި ވާހަކަ އެ މަނިކުފާނު ވިދާޅުވެފައިވަނީ ޢަރަބި ނިއުސްއަށް ހޯމަ ދުވަހު ދެއްވި އިންޓަވިއުއެއްގައެވެ.
މި ޒަމާނީ ޓެކްނޮލޮޖީގެ މަޤްޞަދަކީ ޙައްޖު މޫސުމުގައި ގިނަ އަދަދަކަށް ބޭސް ފޯރުކޮށްދިނުމެވެ. އަދި މީގެ ސަބަބުން އެއްގަމު މަގުން ދަތުރުކޮށްގެން ބޭސް ފޯރުކޮށްދިނުމަށް 90 މިނެޓު ނަގާއިރު، މި ޚިދުމަތް މެދުވެރިކޮށް އެކަން ކުރެވޭނީ އެންމެ 6 މިނެޓު ތެރޭގައިކަމަށް އަލްޖަލާޖެލް ވިދާޅުވިއެވެ.

މި ޚިދުމަތުގެ ސަބަބުން މައްކާގެ މުޤައްދަސް ސަރަޙައްދުތަކުގައި ޖަމާވާ ގާތްގަނޑަކަށް 1.25 މިލިއަން ޙާޖީންގެ ސަބަބުން އުފެދޭ ޓްރެފިކް ބާރުއިތުރުވުމުގެ މައްސަލަ ޙައްލުކުރެވޭނެއެވެ. ޙައްޖު މޫސުމަކީ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން އެއް ރުކުން އަދާކުރާ މޫސުމެވެ. މިއަހަރުގެ ޙައްޖު މޫސުން ކުރިއަށްދާނީ ޖޫން 4 އިން 9 އަށެވެ.

އަލްޖަލާޖެލް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޑްރޯންތައް ރައްކާތެރިކަމާއެކު ދަތުރުކުރުމާއި، އުދުހުމާއި ބިމަށް ތިރިކުރުންފަދަ ތަޖުރިބާތައް ކުރެވުނެވެ. އަދި މޫސުމުގެ ހޫނުމިނަށްވެސް ބެލުނެވެ. ޑްރޯންތަކުގައި ފިނިކުރާ ނިޒާމެއް ހަރުކުރެވިފައިވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ޑްރޯން މަޝްރޫޢަކީ ސަޢޫދީ ވިޝަން 2030 ގެ ދަށުން ކުރިއަށްދާ ޞިއްޙީ ދާއިރާގެ  އިޞްލާޙުގެ ބައެކެވެ.މި އިޞްލާޙުގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި ހިމެނެނީ ގިނަސް ވޯލްޑް ރެކޯޑްސްއިން ބަލައިގަނެފައިވާ ދުނިޔޭގެ އެންމެ ބޮޑު ވާރޗުއަލް ހޮސްޕިޓަލް ކަމަށްވާ ސިއްޙަ ވާރޗުއަލް ހޮސްޕިޓަލް ޤާއިމުކުރެވުނު ކަން ކަމުގައި އަލްޖަލާޖެލް ވިދާޅުވިއެވެ.މި ވާރޗުއަލް ހޮސްޕިޓަލަކީ ސަޢޫދީ ޢަރަބިއްޔާގެ ސިއްޙަތު އެޕް ކަމަށްވާ ސިއްޙަތީއާ ގުޅިފައިވާ ހޮސްޕިޓަލެކެވެ. 

                    

މި ލިޔުން ކިޔާލުމުން

Ads by MSS