ދުނިޔެ
މަތިންދާބޯޓު ރަންވޭގަ ޖެހުމާއެކު ގޮނޑިން ތެދުވާ ޕަސިންޖަރުން ޖޫރިމަނާ ކުރަނީ

މަތިންދާބޯޓު ޖެއްސުމާއިއެކު ބައެއް ޕަސިންޖަރުން ކޮޅަށް ތެދުވެ
ތުރުކީގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރުނު ސަރކިއުލަރ އެއްގައި ވަނީ މަތިންދާބޯޓު ރަންވޭގަ ޖެހުމާއެކު ގޮނޑިން ތެދުވާ ޕަސިންޖަރުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާންކޮށްފައެވެ. މި ސަރކިއުލަރގައި ވަކި ވަރެއްގެ ޖޫރިމަނާއެއް ބަޔާންކޮށްފައި ނުވިނަމަވެސް، މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވަނީ މިއީ ގާތްގަނޑަކަށް 70 ޑޮލަރުގެ ޖޫރިމަނާއެއް ކަމަށެވެ.
މި އައު ފިޔަވަޅުގެ މަޤްޞަދަކީ މަތިންދާބޯޓު މުޅިން ހުއްޓުމުގެ ކުރިން ބޯޓުން ނުކުތުމަށް އަވަސްވެގަންނަ ޕަސިންޖަރުން މަދުކުރުމެވެ. ސަރކިއުލަރގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަސިންޖަރުން ވާނީ ބޯޓު ރަންވޭގައި ޖެހުމަށްފަހު ކެބިން ކްރޫއިން ނުކުތުމަށް އެންގެންދެން ގޮނޑީގައި އިށީނދެ ތިބެންޖެހޭނެއެވެ. ބޯޓު ރަންވޭގައިޖެހުމާއެކު ނުކުތުމަށް މަސައްކަތްކުރާ ފަރާތްތަކަށް ޖޫރިމަނާ ކުރެވޭނެއެވެ.
ކެބިން ކްރޫއަށް އަންގާފައިވަނީ ޕަސިންޖަރުން އަވަސްވެ ނުގަތުމަށް އިންޒާރު ދިނުމަށެވެ. އަދި އެފަދަ ޢަމަލެއް ހިންގާ ފަރާތެއް ފެނިއްޖެނަމަ، އެކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަށެވެ. އޭރުން އެ ފަރާތްތަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މީގެ އިތުރުން، ބޯޓު ރަންވޭގައި ޖެހުމާއެކު ސީޓްބެލްޓު ނައްޓާލާ، ތެދުވާ ނުވަތަ ހިނގަން ފަށާ ޕަސިންޖަރުންވެސް ޖޫރިމަނާ ކުރެވޭނެއެވެ. މި ފިޔަވަޅުގެ މަޤްޞަދަކީ ޕަސިންޖަރުން ބޯޓުން ރައްކާތެރިކަމާއެކު ތަރުތީބުން ނުކުތުމަށް ހުރަސްއަޅާ އަދި އަވަސްވެގަތުމުގެ ޢަމަލުތައް ހުއްޓުވުމެވެ.