ސައިންސް
ސޯލާ ސްޓޯމްގެ ސަބަބުން މުވާސަލާތީ ވަސީލަތްތަކަށާއި ކަރަންޓު ވިއުގަތަކަށް އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ނާސާ

2024 ހުގައި ސޯލާ ސްޓޯމްގެ ސަބަބުން އުފެދުނު ނޯދަރން ލައިޓްސް
ނާސާގެ ސައިންސްވެރިން ވަނީ ކުރިއަށް އޮތް ދުވަސްތަކާއި ހަފްތާތަކުގައި އިރުގެ ސޯލާ ސްޓޯމެއް އުފެދި، ދުނިޔެއަށް ނުރައްކާތެރި އަސަރުތަކެއް ކުރުމުގެ ބިރު އޮތްކަމަށް އިންޒާރު ދީފައެވެ. މިކަމުގެ ސަބަބުން އަރޯރާ ފެނުމުގެ އިތުރުން ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތްކަމަށް ވެސް ބުނެފައިވެއެވެ.
ނާސާގެ ސޯލަރ ޑައިނަމިކްސް އޮބްޒަވޭޓަރީން ފާހަގަކޮށްފައިވާ ގޮތުގައި 2025 ވަނަ އަހަރުގެ އެންމެ ވަރުގަދަ ސޯލާ ސްޓޯމް ވަނީ ފެނިފައެވެ. މިއީ އެކްސް 2.7 ފްލެއަރ އެއްގެ ގޮތުގައި ގިންތިކޮށްފައިވާ ހަރަކާތެކެވެ. މިއީ އިރުގެ ހަރަކާތްތަކަށް ދެވޭ އެންމެ މަތީ ގިންތިއެވެ. މި ހަރަކާތުގެ ސަބަބުން މެދު އިރުމަތީ ސަރަހައްދުގެ ބައެއް ހިސާބުތަކުގައި ރޭޑިއޯ ބްލެކްއައުޓްތަކެއް ވަނީ މެދުވެރިވެފައެވެ.
ޔުނައިޓެޑް ސްޓޭޓްސްގެ ނެޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއޭ) ގެ ސްޕޭސް ވެދަރ ފޯކާސްޓަރުން ބުނާ ގޮތުގައި މި ހާދިސާގެ ސަބަބުން 10 މިނެޓު ވަންދެން ހައި ފްރިކުއެންސީ ރޭޑިއޯ ސިގްނަލްތަކަށް ބުރޫ އަރާފައިވެއެވެ.
ނާސާއިން ބުނެފައިވާ ގޮތުގައި މި ސަރަހައްދުން އަންނަ އިރުގެ ހަރަކާތްތަކުގެ ސަބަބުން ރޭޑިއޯ މުވާސަލާތުތަކަށާއި، ކަރަންޓު ވިއުގަތަކަށާއި، ނެވިގޭޝަން ސިގްނަލްތަކަށް އަސަރުކުރުމުގެ އިތުރުން ބަހައްޓާފައިވާ ސެޓެލައިޓްތަކަށާއި ވައިގެ ތެރޭގައި ދަތުރުކުރާ ދަތުރުވެރިންނަށް ނުރައްކާތަކެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތެވެ.
މިހާރު އިރު ވަނީ އޭގެ 11 އަހަރުގެ ހަރަކާތްތެރިކަމުގެ ދައުރުގެ އެންމެ މަތީ ހިސާބުގައެވެ. މިއީ އިރުގެ މެގްނެޓިކް ޕޯލްތައް ބަދަލުވުމުގެ ސަބަބުން މެދުވެރިވާ ކަމެކެވެ. މި ދުވަސްވަރު އިރު ވަރަށް ހަރަކާތްތެރިވެ، ގަދަފަދަ ހާލަތަކަށް ބަދަލުވެއެވެ.
އިރުގެ ހަރަކާތްތަކުގެ ސަބަބުން މެދުވެރިވާ ކޯރަނަލް މާސް އިޖެކްޝަން (ސީއެމްއީ) ގެ ސަބަބުން އޯރޯރާ ފެނުމުގެ ފުރުސަތު ވެސް އޮވެއެވެ. މިއީ އިރުން އަންނަ ޗާޖްޑް ޕާޓިކަލްތައް ދުނިޔޭގެ ޖައްވުގެ ތެރެއިން ދަތުރުކުރުމުން ފެންނަ ކުލަކުލައިގެ މަންޒަރުތަކެކެވެ. މިއީ ނޯދަން ލައިޓްސް ނުވަތަ ސަދަން ލައިޓްސްގެ ނަމުން ވެސް މަޝްހޫރު މަންޒަރުތަކެކެވެ.
މިހާރު އިރުގެ އެންމެ ހަރަކާތްތެރި ސަރަހައްދު ދުނިޔެއާ ދިމާލަށް އެނބުރެމުންދާތީ، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު މުހިންމު ސްޕޭސް ވެދަރ އިވެންޓްތަކެއް ހިނގާނެކަމަށް ލަފާކުރެވެއެވެ.
މެޓް އޮފީހުގެ އެންމެ ފަހުގެ ސްޕޭސް ވެދަރ ފޯކާސްޓުގައި ބުނެފައިވާ ގޮތުގައި މިހާރު އިރުގެ ދުނިޔެއާ ދިމާވާ ފަރާތުގައި ފަސް ސަންސްޕޮޓް ހުރިއިރު، އިރުގެ ދެކުނު-އިރުމަތީ އުފެދުން އާ ސަރަހައްދެއް ފެންނަން ފަށާފައިވެއެވެ. މި ސަރަހައްދަކީ މެގްނެޓިކް ގޮތުން ޔުނިޕޯލަރ ސަރަހައްދެއް ކަމަށް ބެލެވެއެވެ.
އެހެން ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި އޭއާރް4087 ސަންސްޕޮޓް ދުނިޔެއާ ދިމާވުމުން ވަރަށް ފާހަގަކޮށްލެވޭ ފަދަ އޯރޯރާ މަންޒަރުތަކެއް ފެނިދާނެއެވެ.
ސްޕޭސް ފޮޓޯގްރާފަރ ވިންސެންޓް ލެޑްވީނާ ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވައި، "މިހާރު މި ކަންތައް ވަރަށް ބާރު ގަދަވަމުން އަންނަކަމަށާއި، ޚާއްޞަކޮށް މި ސޯލާ ސްޓޯމްގެ އަަސަރު އިތުރަށް ފެންނަން ފަށާފައިވާ ކަމަށް" މިހެން ވިދާޅުވެފައެވެ.
މި ހުރިހާ ކަމަކީ ވެސް އިރުގެ ހަރަކާތްތެރިކަން އިތުރުވެ، ދުނިޔެއަށް އޭގެ އަސަރު ކުރަން ފަށާފައިވާކަމުގެ ހެއްކެކެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި މުވާސަލާތީ ވަސީލަތްތަކަށާއި ކަރަންޓު ވިއުގަތަކަށް އަސަރުކުރުމުގެ ފުރުސަތު އޮތްކަމަށް ނާސާއިން ވަނީ އިންޒާރު ދީފައެވެ.