ދީން

މާބޮޑަށް ހަރުކަށިވުމުން ކުދިން މައިންބަފައިނާ ޖަޒުބާތީ ގޮތުން ދުރުވޭ

މާބޮޑަށް ހަރުކަށިވުމުން ކުދިން މައިންބަފައިނާ ޖަޒުބާތީ ގޮތުން ދުރުވޭ

މާބޮޑަށް ހަރުކަށިވުމުން ކުދިން މައިންބަފައިނާ ޖަޒުބާތީ ގޮތުން ދުރުވޭ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

31 މޭ 2025، 06:32

31 މޭ 2025، 06:32

ދަރިން ތަރުބިއްޔަތުކުރުމުގައި އަމާންކަމާއި ލޯބީގެ މާޙައުލެއް ޤާއިމުކުރުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. ނަމަވެސް ބައެއް ގޭބިސީތަކުގައި، ކުދިންނަށް ބިރުވެރިކަން އިޙްސާސްކުރެވޭ ފަދަ މާޙައުލެއް އޮވެއެވެ. މިފަދަ ގެތަކުގައި ކުދިން ވާހަކަދެއްކުމަށް ފަސްޖެހެނީ އިޙްތިރާމުގެ ގޮތުން ނޫނެވެ. އެހެނަސް ހިތުގައި އޮންނަ ބިރުވެރިކަމުގެ ސަބަބުންނެވެ.  މިފަދަ ކުދިންނަށް މައިންބަފައިންގެ ފިޔަވަޅުގެ އަޑު އިވުމުން ކުދިންނަށް ހިތްހަމަޖެހުމުގެ ބަދަލުގައި ކަންބޮޑުވުން އިޙްސާސްކުރެވެއެވެ.

ބައެއް ގޭބިސީތަކުގައި، ހަރުކަށި މައިންބަފައިންގެ ގޮތުގައި ތިބުމަކީ ޘަޤާފީ ގޮތުން އާންމު ކަމަކަށް ވެފައިވެއެވެ. "އަހަރެން މިހެން ބުނީމަ" ނުވަތަ "އަހަރެމެން ބުނީމަ ބުނާގޮތަކަށް ހަދާ ކިޔަމަންތެރިވާންޖެހޭނީ" ފަދަ ޢިބާރާތްތަކާއި، އަދި ހަނުހުރުމާއި އަނގައިން ހަޑިހުތުރު އެއްޗެހި ކިޔުން ފަދަ އަދަބުތައް "ރަނގަޅު ދަރިން ތަރުބިއްޔަތުކުރުމުގެ" ނަމުގައި ބޭނުންކުރެވެއެވެ.

ނަމަވެސް، ޙަޤީޤަތުގައި މިފަދަ މާޙައުލުތަކުގައި ގިނަ ކުދިން ބޮޑުވާއިރު މައިންބަފައިންނާ ޖަޒުބާތީ ގޮތުން ދުރުވެއެވެ.މައިންބަފައިންގެ ލޯބި ހޯދުމުގެ ބަދަލުގައި ތިބެންޖެހެނީ މައިންބަފައިންނަށް ބިރުންނެވެ. މިކަމުގެ ސަބަބުން ކުދިންގެ އަމިއްލަ ނަފްސަށް އިތުބާރުކުރުމަށް ގެއްލުން ލިބި، ކަންބޮޑުވުން އުފެދި، އެކުދިން ކުރާހިތްވާކަންކަމާއި ދުރަށްވެސް ދެއެވެ.

އިސްލާމްދީނުގައި އުނގަންނައިދެނީ ކޮންޓްރޯލްކުރުމުގެ ބަދަލުގައި ރަޙުމަތްތެރިވުމަށެވެ. ތަރުބިއްޔަތު ކުރުމުގެ މަޤްޞަދުގައި ހަރުކަށިވުމަކީ ފާފައެއް ނޫނެވެ. އެހެނަސް ހަމަހަމަކަމެއް ނެތި، ހަރުކަށި އަދި ދަރިންނާ އޮންނަންޖެހޭ ފަދަ ގުޅުމެއްނެތް މައިންބަފައިންގެ ގޮތުގައި ތިބުމަކީ އަހަރުމެންގެ އެންމެ މަތިވެރި ނަމޫނާ ކަމުގައިވާ ނަބިއްޔާ މުޙައްމަދު ﷺ ހިތްވަރުދެއްވާފައިވާ ކަމެއް ނޫނެވެ. އަދި އެކަލޭގެފާނު ޢަމަލުކުރައްވާފައިވާ ގޮތެއްވެސް ނޫނެވެ.ކުދި ކުދި ކުށްކުރުމުން  އޭގެ ބަދަލުގައި އަދަބު ލިބޭ ގެއެއްގައި ކުދިން ބޮޑުވާ ހިނދު، އެކުދިން ދަސްކުރަނީ ކަންކަން ފޮރުވުމެވެ.

ކީރިތި ނަބިއްޔާ صلى الله عليه وسلم އަކީ އެންމެ އަޚުލާޤު ރިވެތި އަދި އެންމެ ދީލަތި އެންމެ ތަޤުވާވެރި ސާހިބާއެވެ. ނަބިއްޔާ ﷺ އަކީ އަމިއްލަފުޅަށް ކުޑަކުދިންނާ މެދު ވަރަށް އޯގާތެރިވެ، އަދި ޖަޒުބާތީ ގޮތުން ގުޅިފައިވާ ބޭކަލެކެވެ. އެކަލޭގެފާނު ކުޑަކުދިންނާ ސަލާމްކުރައްވައި، ވާހަކަފުޅު ދައްކަވައި، އަދި ނަމާދުގައި ވެސް ކުޑަކުދިންނަށް ޓަކައި ލުއިކޮށްދެއްވައެވެ. މިއީ އަހަރެމެން ވިސްނާލަންޖެހޭ ކަމެކެވެ.

اَنَسْ رَضِي الله عَنْهُ ގެ އަރިހުން ރިވާވެގެން ވެއެވެ. ކީރިތި ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަރިހުން ހިނގައިފައިދާ ކުޑަކުދީންނާ ސަލާމްކުރައްވައެވެ. (رواه البخاري واللفظ له ومسلم.) ނަމާދުފުޅުކުރައްވާން ހުންނަވާ އިރު، ކުޑަކުއްޖަކު ރޯ އަޑުއިވިޑައިގެންފި ނަމަ، ނަމާދުފުޅު އަވަސްކުރައްވައެވެ. އެއީ ފަހަރެއްގައި އެ ޖަމާޢަތުގައި އެ ކުއްޖާގެ މަންމަ ހުރެދާނެކަމަށް ޓަކައެވެ.

 އަދި ހަމަ އެ ފަދައިން އެކަލޭގެފާނު ނަމާދުފުޅުކުރައްވާ އިރު، ކާފަ ވިދާޅުވާ ދެ ދަރިކަލުން ޙަސަނުގެފާނާއި ޙުސައިނުގެފާނު އުރުވަޑުވައިގެން ހުންނަވައި ނަމާދުފުޅުކުރައްވައެވެ. ސަޖިދަކުރައްވާން ވުމުން އެ ދަރިކަލުން ބިންމަތީގައި ބައިންދަވައެވެ.

އެކަލޭގެފާނު އެއް ދުވަހަކު ޚުޠުބާދެއްވާން ހުންނަވަނިކޮށް އެ ދެ ދަރިކަލުން މިސްކިތުގެ ތެރޭގައި ދުވެވަޑައިގަންނަވަނިކޮށް ވެއްޓިވަޑައިގަތުމުން، މިންބަރުން ފައިބައިވަޑައިގެން ވަޑައިގަންނަވައި އެ ދެ ދަރިކަލުން ގެންނަވައި އެކަލޭގެފާނުގެ އަރިހުގައި ބޭންދެވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. މާތް ﷲއާއި އެކަލާނގެ ރަސޫލާގެ ބަސްފުޅު ތެދެވެ. (وَاعْلَمُوا أَنَّمَا أَمْوَالُكُمْ وَأَوْلادُكُمْ فِتْنَةٌ وَأَنَّ اللَّهَ عِنْدَهُ أَجْرٌ عَظِيمٌ) (الأنفال:28)  މާނައީ:" އަދި ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންނަކީ، امتحان އެކެވެ. އަދި ހަމަކަށަވަރުން، ބޮޑުވެގެންވާ ދަރުމަ ވަނީ، اللَّهގެ حضرة ގައެވެ." އަދި އެއަށް ފަހު ޙަދީޘްކުރެއްވިއެވެ. "نَظَرْتُ إِلَى هَذَيْنِ الصَّبِيَّيْنِ يَمْشِيَانِ ويَعثُرانِ، فَلَمْ أصْبِرْ حَتَّى قَطَعْتُ حَدِيْثِي وَرَفَعْتُهُمَا" މާނައީ: "ތިމަންކަލޭގެފާނު އެ ކުދީން ހިނގާ ތަން ބައްލަވާން ހުންނަވަނިކޮށް އެ ކުދީން ވެއްޓުމުން އެ ކަމަށް ކެތްނުކުރެއްވިގެން، މިންބަރުން ފައިބައިވަޑައިގެން އެ ކުދީން ނެންގެވީއެވެ."

ބިރުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްގެ ނަތީޖާއަކީ ކުދިންނަށް ނަފްސާނީ ގޮތުން ނުހަނު ބޮޑެތި މައްސަލަތައް ކުރިމަތިވުމެވެ. މިފަދަ މާޙައުލެއްގައި ބޮޑުވާ ކުދިން ދަސްކުރަނީ ކަންކަން ފޮރުވުމެވެ. އެކުދިން ރަނގަޅުމަގު ހޯދުމުގެ ބަދަލުގައި ކަންކަމާއި ކުރިމަތިލާން ބިރުގަނެއެވެ. މިކަމުގެ ސަބަބުން އެކުދިންގެ އަމިއްލަ ނަފްސަށް އިތުބާރުކުރުމަށް ޖެހިލުންވެއެވެ.

ހަރުކަށި މާޙައުލެއްގައި ބޮޑުވާ ކުދިންނަށް އާންމުކޮށް ދިމާވާ ކަންތައްތަކުގެ ތެރޭގައި:

ޖަޒްބާތުތައް ފޮރުވުން - ހިތާމަ، ރުޅިވެރިކަން، ނުވަތަ އުފާވެރިކަން ހާމަކޮށް ފާޅުކުރަން ނުކުޅެދުން.
ލޯބިވާ މީހަކު ނެތްކަމުގެ އިޙްސާސް - ގޭގައި މީހުން ގިނައިން ތިބި ނަމަވެސް، ގުޅުމެއް ނެތްކަމުގެ އިޙްސާސް ކުރުން.
ސިއްރުން ކަންތައްތައް ކުރުން - ކުށްތަކާއި، ގުޅުންތަކާއި، ނުވަތަ ދިރިއުޅުމުގެ ޚިޔާރުތައް ފޮރުވުން.


ޖަޒްބާތީ ގުޅުމެއް ނެތި ހަރުކަށި މައިންބަފައިންގެ ގޮތުގައި ތިބުމުން އުފެދެނީ ބިރުން ކިޔަމަންތެރިވާ ކުދިންނެވެ. ލޯބިން ވަފާތެރިވާ ކުދިންނެއް ނޫނެވެ. އެ ކިޔަމަންތެރިކަން ނިމުމަކަށް އަންނާނީ ބިރުވެރިކަން ނެތިދާ ވަގުތުގައެވެ .

އިސްލާމްދީނުގައި ހިތްވަރުދެނީ ލޯތްބާއި، ކެތްތެރިކަމާއި އަދި ޙިކުމަތްތެރިކަމާ އެކު އަދަބު ދިނުމަށެވެ. ނަބިއްޔާ ﷺ ކުށްތައް ރަނގަޅުކުރެއްވީ މަޑުމައިތިރިކަމާ އެކުގައެވެ. އެކަލޭގެފާނު ސުވާލުކުރައްވައި، ނަސޭހަތްދެއްވައި، އަދި ކުށްކުރި މީހުންނަށް ދުޢާކޮށްދެއްވިއެވެ.

މައިބަފައިންނަށް ދަރިންނާއި މެދު އޮންނަ ގުޅުން ރަނގަޅު ކުރުމަށް :

ދަރިންނަަށް ހަޅޭލެވުމުގެ ބަދަލުގައި އެކުދިންގެ ވާހަކަތައް އަޑުއަހާށެވެ.
ގޯސްކޮށް ކުރެވޭ ކަންކަން ރަނގަޅުކުރުމަށް އޯގާވެރިކަމާއިއެކު ނަސޭހަތްތެރިވެ އެކަންރަނގަޅުކުރަން ހިތްވަރުދީ، ޢާންމުކޮށް ތަޢުރީފުކުރާށެވެ.
ޖަޒުބާތީ ގޮތުން ކުދިންނަށް ހިތްވަރުދޭ ބަޔަކަށް ވާށެވެ.
ނަމޫނާ ދައްކައިގެން އުނގަންނައިދޭށެވެ.
ލޯބިން މަގުދައްކާށެވެ.

"ރަނގަޅު މައިންބަފައިން" ވުމަކީ ކުދިން ބިރުގަންނަ ބަޔަކަށް ވުމެއް ނޫނެވެ. އެއީ އިޙްތިރާމްކުރެވޭ އަދި އިތުބާރުކުރެވޭ ބަޔަކަށް ވުމެވެ. އަހަރުމެން ޙަޤީޤަތުގައި ބޭނުންވަނީ ޖަޒުބާތީ ގޮތުން ބާރުގަދަ، ރޫޙާނީ ގޮތުން ބިންގާ އެޅިފައިވާ ކުދިން ތަރުބިއްޔަތުކުރަން ކަމުގައިވާނަމަ، މަޑުމައިތިރިކަމާ އެކު ފަށާށެެވެ.
މައިންބަފައިން ހަނދާންކުރަންވާނީ ދަރީންގެ ހަނދާނުގައި ހަރުލާހުންނާނީ އެކުދިންނަށް އިޙްސާސްކުރެވޭ ގޮތެވެ. އެއީ ލޯބި ކަމުގައި ހަދާށެވެ. އެއީ ރައްކާތެރިކަން ކަމުގައި ހަދާށެވެ. އެއީ އިސްލާމްދީން ކަމުގައި ހަދާށެވެ. މާތް ﷲ އަހަރުމެންނަށް ދައްކަވާ ރަޙުމަތާ އެއްފަދައިން އަހަރުމެންގެ ދަރިން ތަރުބިއްޔަތުކުރުމަށް މަސައްކަތްކުރަންވާނެއެވެ.

                    

                  

މި ލިޔުން ކިޔާލުމުން