ދުނިޔެ
ޙާޖީންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަޢޫދީ ސަރުކާރުން އިތުރު ފިޔަވަޅުތައް އަޅައިފި

މިއަހަރުގެ ޙައްޖު މޫސުމުގައި ހޫނުމިން 40-45 ޑިގްރީ ސެލްސިއަސްއަށް އަރާނެކަމަށް ވަނީ ލަފާކޮށްފަ
ސަޢޫދީ ޢަރަބިއްޔާގެ ޙައްޖު އަދި ޢުމްރާ މިނިސްޓަރު ތައުފީޤް އަލްރަބީޢާ ވިދާޅުވެފައިވަނީ ޙައްޖު މޫސުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ އަހަރުން އަހަރަށް އިތުރުވަމުންދާ ހޫނުމިންކަމަށެވެ. މިކަމަށް އެންމެ އިސްކަމެއް ދެއްވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޖޫން 4 ގައި ފެށުމަށް ހަމަޖެހިފައިވާ މިއަހަރުގެ ޙައްޖު މޫސުމުގައި ހޫނުމިން 40-45 ޑިގްރީ ސެލްސިއަސްއަށް އަރާނެކަމަށް ލަފާކުރެވޭތީ، ޙާޖީންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ސަޢޫދީ ސަރުކާރުން ވަނީ އަޅާފައެވެ.
މި ފިޔަވަޅުތަކުގެ ތެރޭގައި 50،000 އަކަ މީޓަރުގެ ހިޔާ ސަރަޙައްދު އިތުރުކުރުމާއި، 400 އަށްވުރެ ގިނަ ފިނިކުރުމުގެ ސްޓޭޝަންތައް ޤާއިމުކުރުމާއި، މަސްޖިދުލް ޙަރާމްގެ ވަށައިގެން މަރާމާތުކޮށް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރުމާއި، މައިގަނޑު މަގުތަކުގައި ހޫނު މަޑުކޮށްދޭ އާރްޓިފިޝަލް އެސްފޯލްޓް އެޅުން ހިމެނެއެވެ.
މީގެ އިތުރުން، ޙާޖީންގެ ޙަރަކާތްތައް ވަގުތުން ބެލުމަށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމާއި، ޑްރޯންތައް މެދުވެރިކޮށް ލައިވް ފުޓޭޖް ކޮމާންޑް ސެންޓަރުތަކަށް ފޮނުވުމުގެ އިންތިޒާމު ހަމަޖައްސާފައިވެއެވެ. މިގޮތުން ޙާޖީންގެ ތޮއްޖެހުން ކޮންޓްރޯލްކުރުމާއި، މެޑިކަލް އެމަޖެންސީތައް އަވަހަށް ދެނެގަތުމަށް މަސައްކަތްކުރެވޭނެއެވެ.
ސަޢޫދީ ޞިއްޙަތު މިނިސްޓްރީން ޙާޖީންނަށް އިލްތިމާސްކޮށްފައިވަނީ ފެން ބޯން ހަނދާންކުރުމަށާއި، ގިނަވަގުތަށް ސީދާ އިރުގެ ދަށުގައި ހުރުމުން ދުރުހެލިވުމަށާއި، ހިޔާ މަގުތައް ބޭނުންކުރުމަށާއި، އެކަށީގެންވާ ރައްކާތެރިކަމުގެ ސާމާނު ބޭނުންކުރުމަށާއި، ވަރުބަލިކަން އިޙްސާސްވާ ހިސާބުން އެހީތެރިކަމަށް އެދުމަށެވެ.
މި ފިޔަވަޅުތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ މިލިއަނުން ގުނާ ޙާޖީންނަށް ރައްކާތެރި އަދި ޞިއްޙަތަށް ފައިދާހުރި ތަޖުރިބާއެއް ކަށަވަރުކޮށްދިނުމަށް ސަޢޫދީ ޢަރަބިއްޔާއިން އެކުލަވާލާފައިވާ ފުރިހަމަ ސްޓްރެޓެޖީގެ ބައެކެވެ.