Ads by Stelco

ޚަބަރު

ވާނުވާ ބަންދަށް ލުއި ދިނުމުގެ މަސައްކަތް ފަށައިފި

ވާނުވާ ބަންދަށް ލުއި ދިނުމުގެ މަސައްކަތް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު- ފޮޓޯ: ރައީސް އޮފީސް

28 މޭ 2025، 09:33

ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ ކަންކަން ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވައިފިއެވެ.

ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކާ ދައުލަތުގެ އިދާރާތަކުން ގުޅިގެން ކުރަންފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދު  ފަށާފައިވާކަމަށެވެ. އަދި މިފެށުނު މަސައްކަތުގެ ތެރެއިން ޒަމާންވީ މިމައްސަލައަށް ޙައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވޭނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެެ. 



މިކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ވިދާޅުވެފައިވަނީ ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައެޅުމަށްޓަކައި، އެ މީހުން މޮނިޓަރ ކުރެވޭނެ ގޮތަށް ޝަރުޠުތަކަކާއެކު މުޖުތަމައު ތެރެއަށް ދޫކޮށްލައިފިނަމަ، އެކަމުގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް މެދުވެރިކޮށް ޚާއްޞަ އެސެސްމަންޓެއް ތައްޔާރުކުރެވޭނެ ކަމަށެވެ. މި އެސެސްމަންޓުގައި، ބަންދަށް ލުއި ދެވޭ މީހުން މޮނިޓަރކުރުމަށް އެ އިދާރާތަކަށް ފެންނަ މިންވަރު ބަޔާންކުރާނެ ކަމަށާ މި އެސެސްމަންޓަކީ މި އޮފީހުގެ އެންގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރުކުރާނެ އެސެސްމަންޓެއް ކަމަށްވެސް ޕީޖީން ވިދާޅުވެފައިވެއެވެ. 

ޝަރީއަތް ނިމެންދެން ބަންދު ކުރެވިފައިވާ ފަރާތްތަކުގެ ހައްޤުތަކަށް ވަކާލާތުކުރައްވާ ބައެއް ބޭފުޅުން ލިޔުމުން ހުށަހެޅުއްވި ހުށަހެޅުންތަކާމެދު މަޝްވަރާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މި މަހުގެ 8 ވަނަ ދުވަހު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމާގުޅުންހުރި އިދާރާތަކުގެ އެންމެ އިސްވެރިންނާ ބައްދަލުކުރައްވައި އެ ހުށަހެޅުންތަކުގައި ފާހަގަކުރެއްވި ކަންކަމާމެދު މަޝްވަރާ ކުރައްވާފައެވެ. އެ ގޮތުން އެ ފަރާތްތަކަށް 1 ފުރުޞަތު ދިނުމުގައި، އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއް ތަންފީޒުކުރެވޭނެ ގޮތަކާ ގުޅޭގޮތުން އެ ބައްދަލުކުރެއްވުމުގައިވެސް ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS