ދީން
ދަތި އުނދަގޫ ދުވަސްވަރެއް ހޭދަކުރަމުންދަނީ ނަމަ މިއީ ލިބިފައިވާ ޚާއްޞަ ފުރުޞަތެއް!

އަޅުގަނޑުމެންނަށް މިހާރު ވަދެވިފައި މިވަނީ ދުނިޔޭގެ އެންމެ މާތް ދުވަސްތަކުގެ ތެރެއިން ދުވަސްތަކެއްގެ ތެރެއަށް
އަޅުގަނޑުމެންނަށް މިހާރު ވަދެވިފައި މިވަނީ ދުނިޔޭގެ އެންމެ މާތް ދުވަސްތަކުގެ ތެރެއިން ދުވަސްތަކެއްގެ ތެރެއަށެވެ. މިއީ ރަމަޟާން މަހުގެ ދުވަސްތަކަށްވުރެވެސް މާތް ދުވަސްތަކެކެވެ. އެހެންނަމަވެސް، ހިތާމައަކީ ގިނަ މީހުން މިކަމަށް އެކަށީގެންވާ ސަމާލުކަމެއް ނުދޭކަމެވެ. މިއީ އިހުމާލުވެ، އަޅައިނުލެވި، ހަނދާންނައްތާލެވިފައިވާ ދުވަސްތަކެކެވެ.
ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވަނީ މިދުވަސްތަކަށްވުރެ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ލޮބުވެތިކަން ބޮޑު ދުވަސްތަކެއް ނުވާކަމަށެވެ. މިއީ އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމެކެވެ. މިފަދަ މާތް ދުވަސްތަކެއްގައި އަޅުގަނޑުމެން ކުރަންޖެހޭނީ ކޮން ކަމެއްތޯއެވެ؟
ލޮބުވެތި އަޚުން އަދި އުޚްތުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން މީހަކު ދަތި އުނދަގޫ ދުވަސްވަރެއް ހޭދަކުރަމުންދަނީ ނަމަ، މިއީ ތިޔަ އަޚް ނުވަތަ އުޚްތަށް ލިބިފައިވާ ޚާއްޞަ ފުރުޞަތެކެވެ. އެހެނީ މިދުވަސްވަރު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙުމަތާއި ބަރަކާތް މެދުނުކެނޑި ވެހެމުންދެއެވެ. މިފަދަ ދުވަސްވަރެއްގައި އަޅުގަނޑުމެން ކުރާ ހެޔޮ ޢަމަލުތަކަށް ލިބޭނެ ދަރުމައާއި ސަވާބު އިތުރުވެގެންދާނެއެވެ.
ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުން، މިދިހަ ދުވަސްތަކުގެ ތެރޭގައި ޤުރުއާން ފެށުނީއްސުރެ ނިމެންދެން ކިޔާލެވިފައިވޭތޯ ވިސްނާލައްވާށެވެ. އެހެން ނޫންނަމަ، އަމިއްލަ ނަފްސާ ސުވާލުކޮށްލަމާ ހިންގަވާށެވެ. ސަބަބަކީ ކޮބައިތޯއެވެ؟ ކިޔަވަން ނޭނގޭނަމަ އަޑުއަހުމަށް މަސައްކަތްކުރާށެވެ. ނިންމާނުލެވޭނަމަ ފެށުމަށް މަސައްކަތްކުރާށެވެ. މިކަމަށް ގަދައަޅައި މަސައްކަތްކުރާށެވެ. އެހެނީ މިއީ ތިޔަ އަޚުންނާއި އުޚްތުންނަށާއި އަޅުގަނޑުމެން އެންމެންނަށް ސުވަރުގޭގެ ދޮރުތައް ހުޅުވައިދޭނެ މަސައްކަތްކަމުގައި ވެދާނެތީއެވެ.
ހަނދުމަފުޅު ބަހައްޓަވާށެވެ! މިހާރު އަޅުގަނޑުމެންނަށް ވަދެވިފައި މިވަނީ ދުނިޔޭގެ އެންމެ މާތް ދުވަސްތަކަށެވެ. މި ދުވަސްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް މަސައްކަތްކުރަމާ ހިންގަވާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަށް މި ދުވަސްތަކުގެ ބަރަކާތް ލައްވާށިއެވެ. އާމީން!