Ads by Stelco

ޚަބަރު

"ހާލު ކިހިނެއް" ޕްރޮގްރާމުގެ ދަށުން، 14،000 ގޭބިސީއަށް ޒިޔާރަތްކުރެވިފައިވާނެ: ވަޒީރު

"ހާލު ކިހިނެއް" ޕްރޮގްރާމުގެ ދަށުން، 14،000 ގޭބިސީއަށް ޒިޔާރަތްކުރެވިފައިވާނެ: ވަޒީރު

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ---

27 މޭ 2025، 07:46

"ހާލު ކިހިނެއް" ޕްރޮގްރާމުގެ ދަށުން، ރާއްޖޭގެ 14،000 ގޭބިސީއަށް ޒިޔާރަތްކުރެވިފައިވާނެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު  ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ 'ހާލު ކިހިނެއް' ޕްރޮގަރާމަކީ، މުޖުތަމަޢުގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ކައިރިއަށް ގޮސް އެމީހުންގެ ހާލަތު ބަލައި، އެފަރާތްތަކަށް ކޮންމެހެން ބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެފަރާތްތަކާއި އެހެން މުޢައްސަސާތަކާއި ގުޅުވައިގެން މިކަންކަމަށް ހައްލު ހޯދައި ދިނުމަށް ހިންގޭ ޕްރޮގްރާމެއް ކަމަށެވެ.

އެމްއެމް ޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ހާލު ކިހިނެއް ޕްރޮގްރާމުގެ ދަށުން ގާތްގަނޑަކަށް ރާއްޖޭގެ 14،000 ގޭބިސީއަކަށް ޒިޔާރަތްކުރެވިފައިވާނެކަމަށެވެ. އެގޮތުން މި ޒިޔާރަތްތަކުގައި، ވަޒީފާގެ ދަތިކަމުން، ޢާއިލާ ނިކަމެތި ހާލަތުގައި އުޅޭ ފަރާތްތަކަށް ފުދުންތެރި ދިރިއުޅުމެއް ހޯދައި ދިނުމުގެ މަޤުސަދުގައި ވަޒީފާ ދޭ ފަރާތްތަކާއި ގުޅިގެން ވަޒީފާތައް ހޯދައި ދިނުމުގެ މަސައްކަތްތައް ކުރެވެމުން އަންނަކަމުގައި ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ހާލު ކިހިނެއް ޕްރޮގްރާމަކީ، އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ތެރެއިން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބީސީތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ޙާލު ބަލައި ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS