ދުނިޔެ
ސަޢޫދީ ޢަރަބިއްޔާގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދޭނެކަމުގެ ޚަބަރު އެޤައުމުގެ ސަރުކާރުން ދޮގުކޮށްފި

2034 ވަނަ އހަރުގެ ފީފާ ވޯލްޑްކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ސަޢުދީ އަރަބިއްޔާގައި ފޮޓޯ:އިންޓަނެޓް
ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ ތަރުޖަމާނަކު ވަނީ އެ ޤައުމުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދޭން ތައްޔާރުވަމުންދާ ކަމަށް ބުނެ ފަތުރާފައިވާ ޚަބަރުތައް ދޮގުކޮށްފައެވެ. މި ޚަބަރު ފެތުރިފައިވަނީ ބަނގުރަލާ ބެހޭ ބްލޮގެއްގައި ޝާއިޢުކުރި ލިޔުމަކާ ގުޅިގެންނެވެ. އެ ލިޔުމުގައި ބުނެފައިވަނީ 2034 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ބޭއްވުމަށް ތައްޔާރުވަމުންދާއިރު، ސަޢޫދީ ޢަރަބިއްޔާއިން ވަކި މިންވަރަކަށް ބަނގުރާ ވިއްކުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މި ރިޕޯޓުގައި އިތުބާރުހުރި މަޢުލޫމާތު ހިމަނާފައެއް ނުވެއެވެ.
މި ޚަބަރާއި ގުޅިގެން ސަޢޫދީ ޢަރަބިއްޔާގެ ސޯޝަލް މީޑިއާގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވެއެވެ. އިސްލާމްދީނުގެ އެންމެ މަތިވެރި ދެ މަސްޖިދު ކަމުގައިވާ މައްކާ އާއި މަދީނާ ހުންނަ ޤައުމެއްގެ ގޮތުގައި ސަޢޫދީ ޢަރަބިއްޔާ އަދިވެސް ވަނީ އިސްލާމީ އާދަކާދަތަކާ ވަރަށް ބޮޑަށް ގުޅިފައެވެ. އަދި އެ ޤައުމުގެ ރަސްގެފާނުގެ ލަޤަބަކީ "ޚާދިމުލް ޙަރަމައިން އައްޝަރީފައިން" އެވެ.
ސަޢޫދީ ޢަރަބިއްޔާގެ ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ވަނީ އިޤްތިޞާދު ތަނަވަސްކޮށް، ބޭރުގެ އިންވެސްޓްމަންޓްތައް ޤައުމަށް ގެނައުމަށްޓަކައި ގިނަ އިޞްލާޙުތަކެއް ގެނެސްފައެވެ. މީގެ ތެރޭގައި ފަތުރުވެރިކަން ކުރިއެރުވުމާއި ތެލަށް ބަރޯސާވުން މަދުކުރުން ހިމެނެއެވެ.
ފާއިތުވި އަހަރުތަކުގައި ސަޢޫދީ ޢަރަބިއްޔާއިން ވަނީ މަނާކުރެވިފައިވާ ގިނަކަންކަން ލުއިކޮށްފައެވެ. މީގެ ތެރޭގައި 2017 ވަނަ އަހަރު އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދިނުމާއި، އާންމު ތަންތަނުގައި އަންހެނުންނާއި ފިރިހެނުން ވަކިކުރުން ލުއިކުރުމާއި، ދީނީކަންކަމާއި ގުޅޭ ފުލުހުންގެ ބާރު ކުޑަކުރުން ހިމެނެއެވެ.