ޚަބަރު
ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓު ރައްކާތެރި ކަމާއެކު ޖިއްދާ އެއަރޕޯޓުގައި ޖައްސައިފި

ދިވެހި ޙައްޖުވެރިން
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރި ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް ރައްކާތެރި ކަމާއެކު ޖިއްދާ އެއަރޕޯޓުގައި ޖައްސައިފިއެވެ. މި ފްލައިޓް ޖިއްދާ އެއަރޕޯޓުގައި ޖައްސާފައިވަނީ މިރޭ 21:00 ހާއިރެވެ.
ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރާފައިވަނީ މިއަދު މެންދުރުފަހު 15.25 ހާއިރު ސަޢުދީ އެއަރލައިނުންނެވެ. މި ފްލައިޓުން ފުރާފައިވަނީ 235 މީހުންނެވެ. ފްލައިޓް ޖިއްދާ އެއަރޕޯޓުގައި ޖެއްސުމާއިއެކު މައްކާގައި މިވަގުތު ތިބި ޙައްޖު މިޝަންގެ ބޭފުޅުންވަނީ ޙައްޖާޖީންނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މީގެ އިތުރުން ޙައްޖާޖީންގެ ފުރަތަމަ ގްރޫޕަށް މަރުޙަބާ ދެންނެވުމަށް ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރުވެސް ވަނީ އެއަރޕޯޓަށް ވަޑައިގެންފައެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް ޙައްޖުވެރިން އެއަރޕޯޓަށް ދިއުމުގައި މިއަހަރުވެސް ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. އެ ގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ. އަދި މާލޭގައި ހުންނަ ހުޅުލޭ ފެރީ ޓާމިނަލުންވެސް އެއަރޕޯޓަށް ދެވޭނެ މަގު ވަނީ ފަހިކޮށްދީފައެވެ.
ހަމައެއާއެކު ޙައްޖުވެރިންނަށް ލުއިކޮށްދިނުމުގެ ގޮތުން ސަރުކާރުންވަނީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމަނާފައެވެ. އެއާއެކު ރާއްޖެއިން ޙައްޖަށްދާ ފަރާތްތަކުން ޖިއްދާ އެއަރޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު މަދުވާނެއެވެ. މިއިނީޝިއޭޓިވްގެ ދަށުން، ސަޢުދީގެ އިމިގްރޭޝަނުން ފުރިހަމަ ކުރަންޖެހޭ ކަންކަން ޙައްޖުވެރިންވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފުރިހަމަކޮށްފައެވެ.
ރާއްޖެއިން ފުރާ ޙައްޖުވެރިންގެ ދެވަނަ ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.