Ads by Stelco

ޚަބަރު

މިއަދަކީ ދިވެހި ޙައްޖުވެރިންނަށް ތާރީޚީ އުފާވެރި ދުވަހެއް: ރައީސުލްޖުމްހޫރިއްޔާ

މިއަދަކީ ދިވެހި ޙައްޖުވެރިންނަށް ތާރީޚީ އުފާވެރި ދުވަހެއް: ރައީސުލްޖުމްހޫރިއްޔާ

މައްކާ ރޫޓް އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙް ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ/ފޮޓޯ: ރައީސް އޮފީސް

26 މޭ 2025، 05:01

މިއަދަކީ ދިވެހި ޙައްޖުވެރިންނަށް ފާހަގަކޮށްލެވޭ ތާރީޚީ އުފާވެރި ދުވަހެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، މައްކާ ރޫޓް އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙް ކުރެއްވުމަށް ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ، މައްކާ ރޫޓް އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުއްވީތީ، ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި ޕްރިންސް މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިކަމުގެ ސަބަބުން ދިވެހި ޙައްޖުވެރިންގެ ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. ހަމަ އެހެންމެ، މި އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުއްވުމުން އެނގިގެންދަނީ، ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދު އޮތް ދުވަސްވީ ގާތް ގުޅުންކަމަށާއި މިއީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހި ޙައްޖުވެރިންނަށް ހަމަަޖައްސައިދެއްވާފައިވާ އިންތިޒާމުތަކަކީ ވަރަށް ފުރިހަމަ އިންތިޒާމްތަކެއް ކަމަށެވެ. އަދި މި އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާ ސަޢުދީ ޢަރަބިއްޔާ ޙައްޖު މިނިސްޓްރީއާއި، މައްކާ ރޫޓު އިނީޝިއޭޓިވްގެ އިސް ބޭފުޅުންނާއި، ސަޢުދީ ޢަރަބިއްޔާ އިންޓީރިއާ މިނިސްޓްރީ، އަދި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ އިސްވެރިންނަށް ރައީސް ވަނީ ޝުކުރު ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި ޙައްޖުވެރިންނަށް ޚިދުމަތް ދިނުމަށާއި ޙައްޖުވެރިންގެ ޚިދުމަތުގައި މިހާރުވެސް ދިވެހި ޙައްޖު މިޝަނުން ސަޢުދީގައި ޙަރަކާތްތެރިވެލައްވަމުން ގެންދަވާކަމަށެވެ. ހަމަ އެހެންމެ، ޙައްޖުވެރިންނަށް ދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކައް އަލިއަޅުއްވާލާ ރައީސް ވިދާޅުވީ، ސަޢުދީ ޢަރަބިއްޔާގެ ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން ފުރަތަމަ ފަހަރަށް ދިވެހި ޙައްޖުވެރިންނަށް ޚާއްޞަ ކްލިނިކެއްވެސް މިހާރު ޤާއިމުކުރެވިފައިވާ ކަމަށެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ޙައްޖުވެރިންނަށް ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ސަޢުދީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ، މުޅި އިސްލާމީ އުއްމަތަށް ދެއްވަމުން ގެންދަވާ ފުރިހަމަ ޚިދުމަތެއްކަން ފާހަގަކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS