ދުނިޔެ
2025 ވަނަ އަހަރުގެ ކޮވިޑް-19 އާއި ގުޅޭ ފުރަތަމަ މަރު ރިޕޯޓްކޮށްފި

ކަރްނާޓަކާގެ ބައެއް ސިއްޙީ ހިދުމަތްތެރިން
އިންޑިއާގެ ކަރްނާޓަކާ ސަރުކާރުގެ ސިއްޙީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ބެންގަލޫރުގައި ކޮވިޑް-19 އިން ފުރަތަމަ މަރު ރިޕޯޓްކޮށްފިއެވެ. މި މަރު ވަނީ ހޮނިހިރު ދުވަހު ރިޕޯޓްކޮށްފައެވެ.
ސިއްޙީ ވުޒާރާއިން ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 108 މީހުންގެ ކޮވިޑް ޓެސްޓް ހަދާފައިވާއިރު، 5 މީހުންގެ ނަތީޖާ ވަނީ ޕޮޒިޓިވްވެފައެވެ.
ސިއްޙީ ވުޒާރާގެ މަސްދަރުތަކުން ބުނެފައިވާ ގޮތުގައި މަރުވި މީހާއަކީ 85 އަހަރުގެ ފިރިހެނެކެވެ. މީގެ އިތުރުން މުންބާއީން އައި އަންހެނަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އޭނާ ގޭގައި އެކަހެރިކޮށްފައިވާ ކަމަށް ވެސް މަސްދަރުތަކުން ބުނެފައިވެއެވެ. ބެލަގާވީގައި ބަނޑުބޮޑު އަންހެނަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އޭނާ ވޭތުވެދިޔަ މަހު ޕޫނާއަށް ދަތުރުކޮށްފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.
ކަރްނާޓަކާގެ ސިއްޙީ ވަޒީރު ދިނޭޝޝް ގުންދޫ ރާއޯ ވިދާޅުވެފައިވަނީ ކަރްނާޓަކާ އާއި ބެންގަލޫރުގައި ކޮވިޑް-19 ގެ ކޭސްތައް ކުޑަކޮށް އިތުރުވެފައިވީ ނަމަވެސް، ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ނެތް ކަމަށެވެ. އެހެންނަމަވެސް އިމިއުނިޓީ ދަށް މީހުންނާއި، ބަނޑުބޮޑު އަންހެނުންނާއި، ކުޑަކުދިން ޖަމާވާ ތަންތަނަށް ދާއިރު ރައްކާތެރިވުމަށް އޭނާ އިރުޝާދު ދެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ކޮވިޑް-19 މިހާރު ވަނީ އާންމު ބައްޔަކަށް ވެފައި ކަމަށާއި، ކޮންމެ ވަގުތެއްގައި ވެސް ކޮންމެވެސް މީހަކަށް ކޮވިޑް-19 ޖެހިފައި އޮވެދާނެ ކަމަށެވެ. އެހެންނަމަވެސް މިހާރު އެންމެ ބޮޑަށް ކަންބޮޑުވާންޖެހެނީ އައު ނުވަތަ ނުރައްކާތެރި ވެރިއެންޓެއް ފެތުރިދާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ކަރްނާޓަކާ ސިއްޙީ ވުޒާރާއިން ހުކުރު ދުވަހު ނެރުނު އެޑްވައިޒަރީއެއްގައި ބުނެފައިވަނީ ވޭތުވެދިޔަ 20 ދުވަހުގެ ތެރޭގައި ބެންގަލޫރުގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރު މަޑުމަޑުން އިތުރުވަމުންދާ ކަމަށެވެ.