ދުނިޔެ
ޖަޕާން ފަހަތަށް ޖައްސާ ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އިޤްތިޞާދަކަށް އިންޑިއާ

ހަތަރުވަނައަށް އެންމެ ބޮޑު އިޤްތިޞާދަކަށް އިންޑިއާ
އިންޑިޔާއަކީ މިހާރު ދުނިޔޭގެ ހަތަރުވަނަ އެންމެ ބޮޑު އިޤްތިޞާދު ކަމަށް އިންޑިޔާގެ ނީޓީ އާޔޯގްގެ ސީއީއޯ ބީވީއާރު ސުބްރަމަނިއަމް ވިދާޅުވެއްޖެއެވެ. މިގޮތުން އިންޑިޔާ ވަނީ ޖަޕާން ފަހަނައަޅައި ގޮސްފައެވެ.
ނީޓީ އާޔޯގްގެ 10 ވަނަ ގަވަރނިންގ ކައުންސިލްގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ސުބްރަމަނިއަމް ވިދާޅުވީ އިންޑިޔާގެ ޖިއޯޕޮލިޓިކަލް އަދި އިޤްތިޞާދީ މާހައުލު ވަރަށް ފަހި ކަމަށެވެ.
"މިވަގުތު އަޅުގަނޑު މިވާހަކަ ދައްކާއިރު، އަޅުގަނޑުމެންނަކީ ހަތަރުވަނަ އެންމެ ބޮޑު އިޤްތިޞާދު. އަޅުގަނޑުމެންނަކީ 4 ޓްރިލިއަން ޑޮލަރުގެ އިޤްތިޞާދެއް،" އޭނާ ވިދާޅުވިއެވެ.
އައިއެމްއެފްގެ ތަފާސްހިސާބުތަކަށް ރިޢާޔަތްކުރައްވައި ސުބްރަމަނިއަމް ވިދާޅުވީ މިއަދު އިންޑިޔާގެ އިޤްތިޞާދު ޖަޕާނަށްވުރެ ބޮޑު ކަމަށެވެ. އަދި އިންޑިޔާއަށްވުރެ ބޮޑީ ހަމައެކަނި އެމެރިކާ، ޗައިނާ އަދި ޖަރުމަނީ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ރާވާފާފައިވާ ގޮތަށް ކަންކަން ކުރިއަށްދާނަމަ، 2.5 އިން 3 އަހަރުތެރޭގައި އަޅުގަނޑުމެން ވާނީ ދުނިޔޭގެ ތިންވަނަ އެންމެ ބޮޑު އިޤްތިޞާދަށް،" އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގައި ވިއްކާ އައިފޯނުތައް އެމެރިކާގައި އުފައްދަން ބޭނުންވާ ކަމަށް ދާދިފަހުން ދެއްކެވި ވާހަކައާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ސުބްރަމަނިއަމް ވިދާޅުވީ އަދި ޓެރިފް ކަނޑައެޅިފައި ނުވާ ކަމަށާއި، މިހާރުގެ ހާލަތަށް ބަލާއިރު އިންޑިޔާއަކީ އެންމެ އަގުހެޔޮކޮށް އުފެއްދޭނެ ތަން ކަމަށެވެ.
މީގެ އިތުރުން، އެސެޓް މަނިޓައިޒޭޝަން ޕައިޕްލައިންގެ ދެވަނަ ބުރު ތައްޔާރުކުރަމުންދާ ކަމަށާއި އޯގަސްޓް މަހު އެކަން އިޢުލާނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.