ރިޕޯޓް

ރަން ވަނަ ލިބުނު އިސްލާމީ މަރުކަޒުގެ ސްކޭލް މޮޑެލް: ޓެކްނޮލޮޖީ އާއި އުފެއްދުންތެރި ވިސްނުމުގެ ރަމްޒެއް

ރަން ވަނަ ލިބުނު އިސްލާމީ މަރުކަޒުގެ ސްކޭލް މޮޑެލް: ޓެކްނޮލޮޖީ އާއި އުފެއްދުންތެރި ވިސްނުމުގެ ރަމްޒެއް

އިސްލާމީ މަރުކަޒުގެ ސްކޭލް މޮޑެލް ---

25 މޭ 2025، 10:33

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިޔަށްދާއިރު، އެ ތަނުގައި ބަހައްޓާފައިވާ އުފެއްދުންތަކުން ފެނިގެންދަނީ ދިވެހިންގެ ހުނަރާއި، އެ ހުނަރުތަކާއެކު ކުދި ވިޔަފާރިތައް ދުނިޔޭގެ ބާޒާރަށް ނިކުތުމަށް އޮތް ފުރުސަތުތަކެވެ. އަތްތެރި މަސައްކަތާއި، އީޖާދީ އަދި އުފެއްދުންތެރިކަން ރަމްޒުކޮށްދޭ ދިވެހީންގެ އުފެއްދުންތަކާއެކު، ދުނިޔޭގެ ބާޒާރުގައި ފައިތިލަ ސާބިތުކޮށްލެވޭނެ ޤާބިލްކަން ދިވެހީންގެ ސިކުނޑިތަކުގައި ހުރި މިންވަރު ކިތަންމެ ރަގަޅަކަށްވެސް މި މައުރަޒުން ހާމަވެއެވެ.

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ބާއްވާ މި މައުރަޒުގައި  ޖުމްލަ 383 ފަރާތަކުން 3,600އަށް ވުރެ ގިނަ ތަކެތި ބައިވެރިކޮށްފައިވެއެވެ.  މީގެ ތެރެއިން މުޅި މައުރަޒުން އެންމެ މަތިން މާރކްސް ލިބުނު 5 އުފެއްދުމުގެ ތެރޭގައި ހިމެނި، ރަން ވަނަ ލިބުނު އިސްލާމީ މަރުކަޒުގެ ސްކޭލް މޮޑެލްއަކީ، އޭގެ ތަފްސީލީ މަސައްތަކާއި، ހޭދަކުރި ވަގުތާއި، ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން ހުނަރުވެރިކަން ގެނަސްދީފައިވާ މިންވަރަށް ބަލާއިރު ލާމަސީލު ނަމޫނާއެކެވެ. މި މޮޑެލް ހަމަލޮލަށް ފެނިފައިވާ ފަރާތްތަކުން މިކަމަށް ދެބަސްނުވާނެކަން ހަމަ ޔަގީނެވެ. 

"ފަރުދުން"އަށް ދިން ޙާއްސަ އިންޓަވިއުއެއްގައި އިސްލާމީ މަރުކަޒުގެ މޮޑެލް ތައްޔާރުކުރި ޢަލީ މާޙިރު ބުނީ، މައުރަޒު ބޭއްވުމަށް ނިންމާފައިވާކަން އިޢުލާންކުރި ހިސާބުން ސީދާ މައުރަޒަށް ޙާއްސަކޮށް މި މޮޑެލް ހެދުމުގެ މަސައްކަތް ފެށިކަމަށެވެ. ނަމަވެސް އިސްލާމީ މަރުކަޒަކީ އެ އިމާރާތުގެ އާކިޓެކްޗަރއަށް ބަލާނަމަ ފުރިހަމަ މަސައްކަތެއްކަމުން، މިފަދަ ކަންކަމަށް އޮންނަ ޝައުގުވެރިކަމާއެކު، އެ ބިނާގެ ޓެކްނިކަލް މަޢުލޫމާތު އިންޓަނެޓުން ހޯދައިގެންނާއި، އަދި މިސްކިތަށް ގޮސް ފޮޓޯ އާއި ވީޑިއޯ ނަގައިގެން އެ މަސައްކަތުގެ ފުރިހަމަކަން އިތުރަށް ހޯދައި، އެ ބިނާގެ 3ޑީ މޮޑެލްއެއް ހެދުމުގެ މަސައްކަތް ފަށާފައިވާތާ ދުވަސްތަކެއްވެފައިވާކަމަށެވެ.

މާހިރަކީ ޑިޒައިނިން ދާއިރާގެ ތަޖުރިބާ ހުރި އާޓިސްޓެއްކަމުން، ހޯދުނު މަޢުލޫމާތުގެ އަލީގައި އިސްލާމީ މަރުކަޒުގެ 3ޑީ މޮޑެލްއެއް ތައްޔާރުކުރިއެވެ. އަދި މީގެ ދެ އަހަރެއްހާ ދުވަސްކުރިން 3ޑީ ޕްރިންޓަރެއް ހޯދައި، އޭގެ ތަޖުރިބާތައް ކުރަން ފަށާފައިވާއިރު، މި ޕްރިންޓަރު ވެގެންދިޔައީ މާހިރުގެ އުފެއްދުންތެރިކަން ޑިޖިޓަލީ އާއި ފިޒިކަލީ ގުޅުވާލަދިން ބުރިޖަކަށެވެ. 

ރަން ވަނަ ލިބުނު އިސްލާމީ މަރުކަޒުގެ ސްކޭލް މޮޑެލް: ޓެކްނޮލޮޖީ އާއި އުފެއްދުންތެރި ވިސްނުމުގެ ރަމްޒެއް

---އިސްލާމީ މަރުކަޒުގެ 3ޑީ މޮޑެލް ހެދުމުގެ މަސައްކަތުގެ ތެރެއިން

މިސްކިތުގެ 3ޑީ މޮޑެލް ތައްޔާރު ކުރުމަށްފަހު ޕްރިންކުރުމުގެ ކުރިން އިސްލާމީ މަރުކަޒުގެ އެ މޮޑެލް 200އަށް ވުރެ  ގިނަ ބައިބަޔަށް ބަހާލާފައިވެއެވެ. އެއީ ވަކިވަކިން ޕްރިންޓު ކުރުމަށްފަހު، މުޅި މޮޑެލް އެއްކޮށް ނިމޭއިރު އޭގެ އެންމެ ކުޑަ ތަފްސީލުތައް ވެސް ގެނެވޭނެ ގޮތަށް ސަމާލުކަންދީގެންނެވެ. އެހެންކަމުން ވަކިވަކި 200 އަށްވުރެ ގިނަ ބައި ޕްރިންޓުކުރުމަށްފަހު ދެން ކުރިޔަށް ދިޔައީ އެ ބައިތަކުގައި ހުންނަންޖެހޭ ކުލަތައް ޖެއްސުމާއި، އެ ބައިތައް އޮމާންކުރުމުގެ މަސައްކަތެވެ. 

ރަން ވަނަ ލިބުނު އިސްލާމީ މަރުކަޒުގެ ސްކޭލް މޮޑެލް: ޓެކްނޮލޮޖީ އާއި އުފެއްދުންތެރި ވިސްނުމުގެ ރަމްޒެއް

މޮޑެލްގެ ބައެއް ---

ކުލަ ޖެއްސުމަށްފަހު ވަކިވަކިން ބައިތަށް ގުޅުވުމަކީ ވެސް ވަރަށް ކަވި މަސައްކަތެކެވެ. އެއީ ވަކިވަކި ބައެއް ބައިތަކުގެ ކުދިކަމުންކަން މާހިރު ކިޔައިދިނެވެ. ވަކިވަކިން ޕްރިންޓުކުރި ބައިތައް އަތުން ގުޅުވާލިއިރު، އެކަމަށް މާހިރު ބޭނުންކުރީ ތެރަހެވެ. އެގޮތުން މިސްކިތުގެ އެތެރެއިން ފެންނަ ފަންކާތަކާއި، ފުރަތަމަ ބުރީގެ ކާޕެޓު އަޅާފައި އޮންނަ ހިސާބުގައި ހުރެފައި ވަށައިގެން ބަލާލާއިރު ފެންނަ ގިނަ ތަފްސީލުތައް ވެސް މި މޮޑެއްގައި ހިމަނާފައިވެއެވެ. ނަމަވެސް މޮޑެލްގެ ސައިޒަށް ބަލައި، އަކުރުތަކުގެ ކުދިކަމުން،  މިހުރާބުގައި ހުރި ލިޔުންތަކާއި، ފާރުތަކާއި ބެލްކަނީ ގޮތަށް ހުރި ތަންތަނުގައި ހުރި ލިޔުންތައް ހުރީ ސްޓިކަރ ކަރުދާހަށް ޕްރިންޓުކުރުމަށްފަހު ތަތްކޮށްފައެވެ. މާހިރުގެ އިސްލާމީ މަރުކަޒުގެ މޮޑެލްގެ ފުރިހަަމަކަން ފެނިގެން ދިޔައީ މިފަދަ ތަފްސީލުތައް ހިމަނާފައި ހުރިލެއް ފުރިހަމަކަމުންނެވެ.

އިސްލާމީ މަރުކަޒުގެ އަސްލަށްވުރެ ގާތްގަނޑަކަށް 130 ގުނަ ކުޑަކޮށް ހަދާފައިވާ މި މޮޑެލްއަށް އިތުރު ފުރިހަމަކަމެއް ގެނައީ، މިސްކިތުގެ ތެރޭގައި ހަރުކޮށްފައިވާ ލައިޓުތަކެވެ. މިސްކިތުގެ އެތެރޭގައި ކޮށްފައިހުރި މަސައްކަތްތަކުގެ ފުރިހަމަކަން ފެނިގެންދަނީ އެ ލައިޓުތަކުގެ އެހީގައެވެ.

އިސްލާމީ މަރުކަޒުގެ ސްކޭލް މޮޑެލްގެ އިތުރުން، ސިނަމާލެ ބުރިޖުގެ ބަޔަކާއި، އާރު. ޓީ. އެލް. ފެރީގެ މޮޑެލްއެއް ވެސް މި މައުރަޒުގައި މާހިރު ވަނީ ހުށަހަޅާފައެވެ. އެ މޮޑެލްތައް ވެސް ބިނާކޮށްފައި ވަނީ އިސްލާމީ މަރުކަޒުގެ މޮޑެލް ހެދުމަށް މަސައްކަތްތައް ކުރިޔަށް ގެންދިޔަ ތަރުތީބުންނެވެ.

ޖުމްލަކޮށް މާހިރުގެ މޮޑެލްތަކުން ފެނިގެން ދިޔައީ އުފެއްދުންތެރިކަމުގެ މަސައްކަތުގައި ޓެކްނޮލޮޖީގެ ބޭނުން ރަގަޅަށް ހިފޭނެ ފުރުސަތުއޮތް ތަނެވެ. މިއީ އެންމެ ހުނަރެއް ފެންނަ މަސައްކަތްތަކެއް ނޫނެވެ. ނަމަވެސް އެކެއްގެ ފުށުން ގިނަ ހުނަރުތަކެއް އެކުވެގެން ފެނިގެންދާ ފުރިހަމަ މޮޑެލްތަކެކެވެ.

މާހިރުގެ "މަކުޑި"އާއެކު މިފަދަ މޮޑެލްތައް ހަދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށް އޭނާ ބުންޏެވެ. އެގޮތުން ތަފާތު އިމާރާތްތަކާއި، އަދި އުޅަނދުފަދަ ތަފާތު ތަކެތީގެ ރަމްޒީ މޮޑެލްތައް ހެދުމަކީ މަކުޑިން މިހާރު ވެސް ކުރަމުން އަންނަ މަސައްކަތެކެވެ. އަދި ބޭނުންވާ ގޮތްގޮތަށް (ޕަރސަނަލައިޒްޑް) ޓްރޮފީފަދަ ތަކެއްތި ވެސް މަކުޑިން ހަދައިދޭކަމަށް އޭނާ ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS