ޚަބަރު
މާލެ އަތޮޅު ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފި

ކ.ހުރާގައި އޭޓީއެމްގެ ޚިދުމަތް ފެށުން

ފަރުދުން
24 މޭ 2025، 05:20
24 މޭ 2025، 05:20
މާލެ އަތޮޅު ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.
އެންމެ ފަހުން އޭޓީއެމްގެ ޚިދުމަތް ކ.އަތޮޅުގައި ފެށިގެން ގޮސްފައިވަނީ ކ.ހުރާގައެވެ. މިއާއެކު ކ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުންވެސް ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމްގެ ޚިދުމަތް މިހާރު ލިބިގެންދާނެއެވެ. ހުރާއަކީ މާލެ އަތޮޅުގެ ރަށްތަކުގެ ތެރެއިން ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް މިހާތަނަށް ނުފެށި އޮތް ހަމައެކަނި ރަށެވެ.
ކ.ހުރާގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި އެރަށުގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވީ ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރުއާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފްއެވެ. މި ރަސްމިއްޔާތުގައި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމު އަދި ރަށުގެ ކައުންސިލްގެ އިސް ބޭފުޅުންނާއި ކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް މުޅި ރާއްޖެއަށް ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމަށް ފަށާފައިވާ މަޝްރޫޢުގެ ތެރެއިން ކ އަތޮޅު މިއީ ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފުރިހަމަ ކުރެވުން 5 ވަނަ އަތޮޅެވެ.
2025 ގެ ނިޔަލަށް ބީއެމްއެލް އިން ބަހައްޓާ 103 އޭޓީއެމްގެ އިތުރަށް މޯލްޑިވްސް އިސްލާމިކް ބޭންކް އިންވެސް 19 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ޑިސެމްބަރ 2025 ގެ ނިޔަލަށް މިމަޝްރޫޢުގެ ދަށުން ޖުމްލަ 122 އޭޓީއެމް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.