ކޮލަމް

ޓޫރިޒަމް ކުރިއަރުވަން އިތުރަށް ކުރެވިދާނެ ކަންތައްތައް!

ޓޫރިޒަމް ކުރިއަރުވަން އިތުރަށް ކުރެވިދާނެ ކަންތައްތައް!

ޓޫރިޒަމް ކުރިއަރުވަން އިތުރަށް ކުރެވިދާނެ ކަންތައްތައް!

24 މޭ 2025، 08:20

ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ބޮޑަށް ފޯކަސް މި ކުރެވެނީ ހޮސްޕިޓަލިޓީ ދާއިރާއަށެވެ. ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރަން ޖެހެނީ ފަތުރުވެރިކަމާއި ގުޅޭ އެހެން ކަންކަމަށްވެސް ޚާއްސަ އިސްކަމެއް ދީގެންކަން އެއީ މިއަދު މި ދާއިރާގައި މަސައްކަތް ކުރާ ވަރަށް ގިނަ ފަރާތްތަކަކުން ޤަބޫލުކުރާ ކަމެކެވެ. އެގޮތުން މިހާރުވެސް އެކްސްކާޝަންތަކާއި، ސަފާރީ އަދި ލޯކަލް އައިލެންޑް ވިޒިޓް ތަކަކީ ފަތުރުވެރިންގެ މެދުގައިވެސް ވަރަށް މަޤްބޫލްކަން އިތުރުވަމުން އަންނަ ކަންކަމެވެ. ނަމަވެސް އަދިވެސް ރާއްޖެއަށް އިތުރު ހަރުފަތަކަށް ދެވިދާނެއެވެ. އެއީ ރާއްޖޭގެ ވެށީގެ ބޭނުން ހިފެން ހުރި ގޮތްތައް ހޯދާބަލައި، ވެށިން ނަފާ ހޯދޭނެ އެކި އިވެންޓްތައް ހިންގާ ރޭވައިގެންނެވެ. 

އާދެ! ރާއްޖޭގެ ބޮޑު އިންސައްތަ އަކީ ކަނޑުކަމަށްވާއިރު، މި ކަނޑުން ނަފާ ހޯދެން އޮތީ ހަމައެކަނި ދެތިން ގޮތަކުންނެއް ނޫނެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ފަރާތުން ސްޕޯޓް ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރަން ނިންމި ނިންމުމަކީ ތަރުހީބު ހައްގު މަސައްކަތެކެވެ. މިފަދަ އެތައްކަމެއްގެ ޒަރިއްޔާއިން ދިވެހިރާއްޖެ ޕްރޮމޯޓް ކުރެވޭނެކަމީ ޝައްކެތް ނެތް ކަމެކެވެ. އެގޮތުން އަޅުގަނޑު ކުރި ދިރާސާއިން ރާއްޖޭގައި މިފަދަ އިތުރު އިވެންޓްތަކެއް ބޭއްވޭނެއެވެ. މިގޮތުން އަޅުގަނޑަށް ފާހަގަވި ކަންކަން ޙިއްސާކޮށްލާނަމެވެ. 


  • އޯޕަން ވޯޓާރ ސްވިމިންގ އިވެންޓްސް

ދުނިޔޭގައި އޯޕަން ވޯޓަރ ސްވިމިންގެ ގިނަ އިވެންޓްތައް ބައިނަލްއަޤްވާމީ ގޮތުން އަންނަނީ ބޭއްވެމުންނެވެ. އެގޮތުން އާދައިގެ ރެކްރިއޭޝަނަލް ސްވިމިންގ އަދި ކޮމްޕެޓިޓިވް ވާދަވެރި ރޭސްތަކުގެ އިތުރުން އެންޑުރެންސް ޗެލެންޖް ތަކަކީ ރާއްޖޭގެ މާހައުލުގައި ބޭއްވޭނެ އަދި ރާއްޖެ އާއި ގުޅޭ ކަންކަމެވެ. މިފަދަ އިވެންޓްތަކަށް ރާއްޖޭގެ އެކި ސަރަހައްދު ކަނޑައަޅައި އެ ސަރަހައްދު ވަކިވަކިން ޕްރޮމޯޓްކުރެވިގެން ހިނގައްޖެ ނަމަ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މީގެ މަންފާ ކުރާނެކަން ޔަޤީނެވެ. އެގޮތުން އެކިއެކި ކަނޑުއޮޅިތައް އެކި ފަންތީގެ ފެތުންތަކަށް ޚާއްސަ ކުރެވިދާނެއެވެ. މިސާލަކަށް  މަޑިވަރާއި ފެލިވަރު ދެމެދަކީ ވެސް މިފަދަ ކަމަކަށް ހަމަ އެކަށޭނަ ހިސާބެކޭ ބުނުން ގޯހަކަށް ނުވާނެއެވެ.


  • އަކުއަ-ތްލޯން

އަކުއަ-ތްލޯން އަކީ ދުވުމާއި ފެތުމާއި ދެބައި ހިމެނިފައިވާ ކުޅިވަރެކެވެ. ރާއްޖޭގެ ކުދި ޖަޒީރާތައް މިކަމަށް ވަރަށްވެސް ކަމުދެއެވެ. އެއް ފަޅަކުން ގުޅިފައިވާ ރަށްތައް ހިމެނޭ އަތޮޅުތައް ރާއްޖޭގައި މަދެއް ނޫނެވެ. އަދި ފަޅަކުން ގުޅިފައި ނެތަސް ހަނި ކަނޑުއޮޅި އަކާއި އެކު ގާތްގާތުގައި ތިބި ރަށްތައްވެސް މަދެއް ނޫނެވެ. މިސާލަކަށް  ގދ. ފިޔޯރީން ނަޑައްލާ އާއި ހަމަޔަށް އެކަނި ބަލާލި ނަމަވެސް މީ ކުރެވިދާނެ ކަމެއް ކަން އެނގޭނެއެވެ.


  • ކެނޯ ނުވަތަ ކަޔަކް ރޭސްތައް

ކެނޯ ރޭހެކޭ ބުނުމުން މީ ކިހިނެއް ދުއްވާ އެއްޗެއްކަން މިހާރު ދިވެހިންނަށް އެނގޭނެއެވެ. ބައިނަލްއަޤްވާނީ ކެނޯ ރޭހެއް ރާއްޖޭގައި ނުބޭއްވެން ޖެހޭ ސަބަބެއް ނެތެވެ. ރަނގަޅު އިންތިޒާމަކާއި އެކީ މިކަންތައްތައް ކުރެވިދާނެއެވެ. 


  • ފަލިޖެހުން

ފަލި ޖެހުމަކީ ދިވެހިންގެ ތެރޭގައިވެސް މަޤްބޫލު މޫދު ކުޅިވަރެކެވެ. ނަމަވެސް ދުނިޔޭގައި މިފަދަ މުބާރާތްތައް ބޭއްވޭ ފެންވަރަކަށް ރާއްޖޭގައި މިފަދަ މުބާރާތެއް ކުރިއަށް ގެންދެވިފައި ނުވެއެވެ. ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކުގައި ފަލި ޖެހުމަށް އެކަށޭނަ ދިގު ފަޅުތަކެއް ލިބިފައިވުމީ މިފަދަ ކުޅިވަރެއްގެ ބައިވެރިންނަށް ލިބޭނެ ވަރަށް ވެސް ހިތްގައިމު އަދި ހަނދާން ނަތްތާލަން އުނދަގޫ ތަޖްރިބާއަކަށް ވާނޭ ކަމީ ޝައްކެތްވެސް ނެތް ކަމެކެވެ.


  • ފްރީޑައިވިންގ

ފްރީޑައިވިންއަކީ ނޭވާ ހިފަހައްޓައިގެން ވަކި ޚާއްސަ ތަމްރީނުތަކެއް ލިބިގެން އެހީތެރިއަކާއި ނުލައި ކަނޑުގެ ވަކި ހިސާބަކަށް އަޑިއަށް ގޮސް އެއްވެސް އެހީތެރިކަމަކާއި ނުލައި އަނބުރާ ފެންމައްޗަށް އެރުމަށް ކުރާ ޑައިވެކެވެ. ރާއްޖޭގައި ކޮންމެވެސް ވަރަކަށް މިކަން ކުރެވެމުންދާކަމީ ފާހަގަކޮށްލަން ޖެހޭ ކަމެކެވެ. ނަމަވެސް އެދެވޭ މިންވަރަކަށް މިކަން މާކެޓް ކުރެވިއްޖެ ނަމަ ރާއްޖެއަށް ފްރީޑައިވިންގެ ފެވަރިޓް ޑެސްޓިނޭޝަނެއްގެ ގޮތުގައި ދުނިޔޭގެ އެހެން ޤައުމުތަކާއި އެއްފެންވަރެއްގައި ފައި ހަމަކޮށްލެވޭނެއެވެ.


  • ސެއިލިންގ

ސެއިލިންގެ އެކި ފެންވަރުގެ މުބާރާތްތައް ރާއްޖޭގައި ބޭއްވޭނެއެވެ. އެގޮން ސެއިލިންގ ބޯޓާއި ކަޓަމަރާން އަދި ޓްރައިމަރާންގެ ގިނަ މުބާރާތްތަކުން ރާއްޖޭގެ ޤުދުރަތީ ރީތި ކަމާއި، ދިވެހިންގެ މެހްމާންދާރީގެ ފުރިހަމަކަން އިތުރަށް ދުނިޔެއަށް އިޝްތިހާރުވެގެން ދާނެއެވެ. އަދި ސެއިލިންގ މުބާރާތްތައް ބޭއްވޭނެ ފަދަ މާހައުލެއް ޤާއިމްކުރެވި އެފަދަ މުބާރާތްތަކަށް އަންނަ ފަރާތްތަކަށް ޔޮޓްމެރީނާތައް ބިނާ ކުރެވިގެން ގޮސްފި ނަމަ، ރާއްޖޭގައި މިފަދަ މުބާރާތްތައް ކުރިއަރައިގެން ދާނެއެވެ.

 

މޫދާއި ކަނޑާއި ގުޅޭ މިފަދަ އެތައް ކަމެއް ރާއްޖޭގައި ކުރެވެން ހުރި އިރު، ސަރުކާރުތަކުން ވެސް މިފަދަ ކަންކަމަށް އިސްކަމެއް ދީގެން މިފަދަ ކަންކަމަށް މަގުފަހި ވާނޭ ފަދަ ގޮތްގޮތަށް ކަންކަން ރޭވުމަކީ މުޅި ދިވެހިރާއްޖެއަށް އޭގެ ފައިދާ ކުރާނެ ކަމެކެވެ. ރާއްޖެއަށް ޓޫރިސްޓުން އަންނަންވީ ހަމައެކަނި އަރާމުކޮށްލަން ކަމަށް އޮތް އޮތުން ބަދަލުކޮށް، ރާއްޖެއަކީ ދުނިޔޭގެ މޫދު ކުޅިވަރުގެ އެރީނާއެއް ކަމުގައި ހެދިގެން ދިއުމަކީ ވަރަށްވެސް "ޔުނީކް" ކަމަކަށް ނޫނީ ނުވާނެއެވެ. އަދި މިފަދަ ކަމެއްގައި ރާއްޖެ އާއި ވާދަކޮށްލެވޭނެ އެހެން ޤައުމެއް މިސަރަހައްދުގައި އަދިވެސް ނެތެވެ. ސަބަބަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ޤުދުރަތީ ރަށްތަކާއި ފަޅުތައް އެތުރިފައިވާ ގޮތަށް އެތުރިފައިވާ އެހެން ޤައުމެއް މި ސަރަހައްދުގައި ނެތީމައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS