ސައިންސް
އިޔާދަކުރަނިވި ހަކަތައިގެ އާ ހޯދުމެއް: ސޯލާ ކުލަ ތަޢާރަފުކޮށްފި

ސޯލާ ކުލަ
އިޔާދަކުރަނިވި ހަކަތައިގެ ދާއިރާގެ މާހިރުން އިރުގެ އަލިން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ އާދައިގެ ސޯލާ ޕެނަލްތަކުގެ ބަދަލުގައި ސޯލާ ކުލައިގެ ޓެކްނޮލޮޖީ ތަޢާރަފުކޮށްފިއެވެ. މާހިރުން ބުނާ ގޮތުގައި ސޯލާ ކުލައަކީ ސޯލާ ޕެނަލްތަކާ އަޅާބަލާއިރު ފަސޭހަ އަދި އަގުހެޔޮ ގޮތެއްގައި ހަކަތަ އުފެއްދޭނެ ވަސީލަތެކެވެ.
ލިންކްޑްއިން އިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މި އައު ސޯލާ ކުލަ ލައިގެން ފާރުތަކަށް ވެސް ސޯލާ ޕެނަލްތަކުގެ މަސައްކަތް ކުރެވޭނެއެވެ. މި އަލަށް ތަޢާރަފުވަމުންދާ ޓެކްނޮލޮޖީއަކީ އަގުހެޔޮކޮށް ހަކަތަ އުފެއްދުމަށް ވަރަށް ރަނގަޅު ވަސީލަތެއް ކަމަށް ސާބިތުވަމުންދެއެވެ.
ސޯލާ ކުލައަކީ ކޮބާ؟
ފޮޓޯވޯލްޓެއިކް ކުލައިގެ ނަމުންވެސް މަޝްހޫރު ސޯލާ ކުލައަކީ އިރުގެ އަލިން ހަކަތަ އުފެއްދުމުގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނެވިދާނެ ޒަމާނީ ޓެކްނޮލޮޖީއެކެވެ. މި ކުލައިގައި އިރުގެ އަލި ބަލައިގަނެ، އެ އަލި ކަރަންޓަށް ބަދަލުކުރެވޭ މާއްދާތައް ހިމެނެއެވެ.
އާދައިގެ ސޯލާ ޕެނަލްތަކާ އަޅާބަލާއިރު، ސޯލާ ކުލައަކީ އަގުހެޔޮ، ބޭނުންކުރަން ފަސޭހަ އަދި ފާރު، ފުރާޅު އަދި އުޅަނދުފަހަރުގެ ބޭރުފުށް ފަދަ ތަފާތު ތަންތަނުގައިވެސް ލެވޭނެ ކުލައެކެވެ. ވަކި ގޮތަކަށް ހަރުކުރަން ޖެހޭ އަދި ބޮޑު ޖާގައެއް ބޭނުންވާ ސޯލާ ޕެނަލްތަކާ ޚިލާފަށް ސޯލާ ކުލަ ފަސޭހައިން ތަފާތު ތަންތަނުގައި ބޭނުންކުރެވޭނެއެވެ.
ސޯލާ ކުލަ މަސައްކަތްކުރަނީ ކިހިނެއް؟
ސޯލާ ކުލައިގައި ހިމެނެނީ ދިޔާ ކޮށްހުންނަ، ކޮންމެ ތަނެއްގައިވެސް ލެވޭނެ ފޮޓޯވޯލްޓެއިކް ނެނޯ މާއްދާތަކެކެވެ. މި ސެމީކޮންޑަކްޓަރ މާއްދާތަކުން އިރުގެ އަލި ބަލައިގަނެ، ފޮޓޯވޯލްޓެއިކް އުސޫލުން ކަރަންޓު އުފައްދައެވެ. މި ޕްރޮސެސްގައި އަލިން އިލެކްޓްރޯނުތައް ހަރަކާތްތެރިވެ، ކަރަންޓު އުފެދެއެވެ.
ބޭނުންކުރެވޭނެ ގޮތްތަކާއި ފައިދާތައް
މި ކުލައަކީ އާދައިގެ ސޯލާ ޕެނަލްތަކުގެ ބަދަލުގައި އަގުހެޔޮކޮށް އަދި ފަސޭހައިން ބޭނުންކުރެވޭނެ އެއްޗެކެވެ. ވަކި ގޮތަކަށް ހަރުކުރަން ނުޖެހޭ އަދި ބޮޑު ޖާގައެއް ބޭނުންނުވާތީ، ތަފާތު ތަންތަނުގައި ބޭނުންކުރެވިދާނެއެވެ.
މީގެ އިތުރުން، އުޅަނދުފަހަރުގެ ބޭރުގައި ސޯލާ ކުލަ ލައިގެން އިރުގެ އަލިން ހަކަތަ އުފައްދައި ބެޓެރީ ޗާޖްކުރެވިދާނެއެވެ. މިއީ އިލެކްޓްރިކް އުޅަނދުފަހަރުގެ ތަރައްޤީއަށް އައު ހިތްވަރެއް ލިބިގެންދާނެ ކަމެކެވެ.
ރާއްޖޭގައި މި ޓެކްނޮލޮޖީ ބޭނުންކުރުމުގެ ފުރުޞަތު
ދިވެހިރާއްޖެއަކީ އަހަރު ދުވަހުގެ ގިނަ ދުވަސްތަކެއްގައި އިރުގެ އަލި ލިބޭ ޤައުމަކަށް ވުމާއެކު، މި އައު ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ފުރުޞަތު ބޮޑުވެގެންދާނެއެވެ. ޚާއްޞަކޮށް ރަށްރަށުގެ ގެދޮރާއި އިމާރާތްތަކުގެ ފާރުތަކަށް މި ކުލަ ލައިގެން ކަރަންޓު އުފެއްދުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ.
ސޯލާ ކުލައިގެ ޓެކްނޮލޮޖީއަކީ އިިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ދާއިރާއަށް އައު އުއްމީދުތަކެއް ގެނެސްދޭނެ ކަމެކެވެ. ޚާއްޞަކޮށް ދިވެހިރާއްޖެ ފަދަ އިރުގެ އަލި ގިނައިން ލިބޭ ޤައުމުތަކަށް މި ޓެކްނޮލޮޖީ ވަރަށް ބޮޑަށް ފައިދާކުރާނެ ކަމަށް ބެލެވެއެވެ.