Ads by Aqeeqa Maldives

ޚަބަރު

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެކުއެކީގައި ބޭއްވުމާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅުއްވަން ރައީސް މުޢިއްޒު ނިންމަވައިފި

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެކުއެކީގައި ބޭއްވުމާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅުއްވަން ރައީސް މުޢިއްޒު ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ޕޮޑްކާސްޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 މޭ 2025، 02:57

15 މޭ 2025، 02:57

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމާ ގުޅޭ ބިލެއް މަޖިލީހުގެ ދެވަނަ ދައުރަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައެވެ. މި ވާހަކަ ރައީސް ވިދާޅުވެފައިވަނީ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ރާއްޖޭގައި ޑިމޮކްރަސީގެ އުޞޫލްތައް ތަންފީޒްކުރަން މަސައްކަތް ކުރާއިރު ޑިމޮކްރަސީގެ ހަމަތައް، ރައްޔިތުންގެ ބާރުވެރިކަން، ޤާނޫނީ ވެރިކަން އަދި ދެފުއް ފެންނަ ނިޒާމު ފުރިހަމަކުރަންޖެހެއެވެ. އަދި މިފަދަ ކަންކަން ރާއްޖޭގައި ހުންނަންވާނީ އެންމެ އެކަށީގެންވާ ގޮތަށްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގެ ތެރެއިން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގލީހުގެ އިންތިޚާބާ ދެމެދު އޮންނަނީ 6 މަސް ދުވަހުގެ ތަފާތެކެވެ. ނަމަވެސް ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ މި ދެ އިންތިޚާބު އެކުއެކީގައި ބޭއްވުން ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވައެވެ. އެހެންނަމަވެސް މިކަން ނިންމާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކާއެކު ރައްޔިތުންގެ މަޝްވަރާއާއެކުގައިކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރިޔާސީ އިންތިޚާބުގެ އެއްބުރު ބޭއްވުމާ ގުޅޭ ގޮތުންވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމާ ގުޅޭ ބިލެއް ހުށަހަޅުއްވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. މި ދެ އިންތިޚާބު އެކީގައި ބޭއްވުމުން ރައްޔިތުންނަށް އެތަކެއް ފައިދާއެއް ކުރާނެކަމަށާއި، ޚަރަދުގެ ގޮތުންވެސް އެތައް މިލިޔަން ރުފިޔާއެއް ސަލާމަތް ކުރެވޭނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޕޮޑްކާސްޓްގައި ރައީސް މުޢިއްޒު ވަނީ ރައްޔިތުންގެ މަޖިލީހުގެ މިހާރު ތިބި މެންބަރުންގެ އަދަދު 93 އަށްވުރެ އިތުރު ނުވާގޮތަށް ޤާނޫނަށް އިސްލާހް ހުށަހެޅުމަށް ނިންމަވާފައިވާކަންވެސް ހާމަކުރައްވާފައެވެ. އަދި ހަމައެއާއެކު، ކައުންސިލްތަކުގެ މެންބަރުންގެ އަދަދުވެސް މިހާރަށްވުރެ އިތުރުނުވާގޮތަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS