ޚަބަރު
ދީނީ ތަޢުލީމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ކުވޭތާއެކު މަޝްވަރާކޮށްފި

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މިހާރު ކުވޭތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅު
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މިހާރު ކުވޭތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އިސްލާމީ ތަޢުލީމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ކުވޭތުގެ އިސް ވެރިންނާއެކު މަޝްވަރާކުރައްވައިފިއެވެ.
ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، ވަޒީރު ޚަލީލް ކުވޭތުގެ މިނިސްޓަރ އޮފް އެންޑޯމަންޓްސް އެންޑް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު އިބްރާހީމް މުޙައްމަދު އަލް-ވަސްމީއާއެކު ބޭއްވެވި ބައްދަލުވުމުގައި، ދީނީ ކަންކަމާއި އިސްލާމީ ތަޢުލީމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
ވަޒީރު ޚަލީލްގެ މި ދަތުރުފުޅަކީ ކުވޭތުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޢަލީ އަލް ޔަހްޔާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ވަޒީރު ޚަލީލް ވަނީ ކުވޭތުގެ ޚާރިޖީ ވަޒީރާވެސް ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދު އުފެދިފައިވާ ޒަމާންވީ އަޚުވަންތަކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން، ވަޒީރު ޚަލީލް ވަނީ ކުވޭތުގެ މިނިސްޓަރ އޮފް ފައިނޭންސް އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް އެފެއާޒް އެންޑް އިންވެސްޓްމަންޓް ޑރ. ނޫރާ ސުލައިމާން ސާލިމް އަލް-ފައްސާމްއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ މިހާރުގެ މާލީ ހާލަތާއި އިޤްތިޞާދީ ކުރިއެރުންތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރެއްވުމުގެ އިތުރުން، މާލީ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
ތިން ދުވަހުގެ މި ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖެއަށް ކުވޭތުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަޝްވަރާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
Met with Dr. Mohammed Ibrahim Mohammed Al Wasmi, Minister of Endowments and Islamic Affairs of Kuwait.
— Abdulla Khaleel (@abkhaleel) May 14, 2025
Maldives and Kuwait share a relationship rooted in mutual respect and shared Islamic heritage.
We discussed strengthening ties through shared values, preservation of Islamic… pic.twitter.com/SKbfoF3NZV
ކުވޭތަކީ ދިވެހިރާއްޖެއަށް ތަރައްޤީގެ ތަފާތު އެކި މަޝްރޫޢުތަކަށް އެހީތެރިވެދޭ ޤައުމެއްކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަށް ކުވޭތް ފަންޑުގެ އެހީ ލިބިފައިވާއިރު، ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަކީ އެ ޤައުމުން އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ އެއް ދާއިރާއެވެ.